އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް، 1000 ފްލެޓްގެ މަސައްކަތް ނުފެށޭ!

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތު.

ބ. އޭދަފުށީގައި 1000 ފްލެޓް އެޅުމުގެ އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް ވީ އިރު ވެސް މަސައްކަތް ނުފެށި ދިގުލައިގެން ހިނގައްޖެ އެވެ.

އޭދަފުށީގައި 15 ބުރީގެ 12 ޓަވަރުގައި 1000 ފްލެޓް އެޅުމަށް  ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ޗައިނާގެ ސީނޯ ހައިޑްރޯ ކުންފުންޏާއެކު ސޮއިކުރީ. މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެގްރިމެންޓުގައި ސޮއިކުރެއްވީ  ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސިނޯހައިޑްރޯ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖާ ޕޭން ގުއާންޒޯ އެވެ.

ނަމަވެސް، އެގްރިމެންޓުގައި ސޮއިކުރިތާ މިއަދަށް އަހަރެއް ވީއިރު ވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތު.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން މިދިޔަ އޯގަސްޓްމަހު ބ. އަތޮޅަށް ކުރެއވްި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން ވިދާޅުވީ، އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށައި މި ދައުރުގައި ނިންމައިދޭނެ ކަމެވެ.

“އެ 1،000 ހައުސިން ޔުނިޓު މި ރަށުގެ ރައްޔިތުންނާއި އަދި އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެއިން އަންނަން ބޭނުންވާނެ ފަރާތްތަކާއި އެކިއެކި ބޭނުންތަކަށް، ކިޔެވުމަށާއި އިގުތިސާދީ ބޭނުންތަކަށާއި ކަންކަމަށް މި ރަށުގައި ގާއިމްވެ ތިބެން ބޭނުންވާ ފަރާތްތަކަށް މިހެން ގޮސް ހުރިހާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ސަތޭކަ ޕަސެންޓު ފީޒަބަލް މަޝްރޫއެއް،” ރައީސް ވިދާޅުވި އެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތް މިހާތަނަށް ނުފެށި ލަސްވަމުންދަނީ މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހިގެންނެވެ.

އޭދަފުށީގައި ގާއިމުކުރާ 1000 ފްލެޓް ޑިޒައިންކޮށްފައިވަނީ 15 ބުރީގެ 12 ޓަވަރުގައި ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭގޮތަށެވެ. އެއީ  ތިން ކޮޓަރީގެ 336 ފްލެޓް އާއި ދެ ކޮޓަރީގެ 672 ފްލެޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.