ގުރުއާން ހިތުދަސްކުރުމުން ޒާންއަށް އުމުރާ ދަތުރަކާއި ފައިސާގެ އިނާމު

ކީރިތި ޤްރުއާން ހިތުދަސްކޮށް، ޙާފިޡްކަމުގެ ސަނަދު ހާސިލުކުރުމުން ޒާން އަށް ދަ ބިގިނާސް އިން އުމުރު ދަތުރެއް ހަވާލުކުރަނީ

ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރުމުގެ ޝަރަފު ހޯދި އަލްހާފިޒު ޒާން މުހައްމަދު ޒަމީލަށް، އޭނާގެ މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އުމުރާ ދަތުރަކާއި ފައިސާގެ އިނާމެއް ދީފިއެވެ.

ޒާން މި ކާމިޔާބީ ހާސިލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ހާފިޒުން އިމްތިހާނުކުރާ ކޮމެޓީއަށް ޤުރުއާން އެއްކޮށް ކިޔައިދީ، ފުރިހަމަ ނަތީޖާއެއް ހޯދައިގެންނެވެ. އޭދަފުއްޓަށް މި ޝަރަފު ހޯދައިދިނުމުން، ރަށު ކައުންސިލުން ވަނީ މިއީ ބޮޑު ފަޚުރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ޒާންގެ މި ކާމިޔާބީގެ ޝަރަފުގައި އޭދަފުށީ ކްލަބް ދަ ބިގިނާސް އިން ވަނީ ހާއްސަ ހަފްލާއެއް ބާއްވައި އުމުރާ ދަތުރެއް ހަދިޔާކޮށްފައެވެ. މީގެ އިތުރުން، އޭދަފުށީ ކައުންސިލުން ވެސް ވަނީ ޒާން އާއި އޭނާގެ އާއިލާއާ ބައްދަލުކޮށް، 20,000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މިއީ ޒާންގެ ބުރަ މަސައްކަތާއި، ދީނީ ޢިލްމަށް އޭނާ ދެއްވި އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ޒާން އަށް އޭދަފުށީ ކައުންސިލުން 20،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކުރަނީ

ޒާން ޤުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އުފެދި، އެ މަސައްކަތް ފަށާފައިވަނީ އުމުރުން އެންމެ 12 އަހަރުގައެވެ.

މި އަހަރު އޭ ލެވެލް ނިންމި ޒާން، ފާއިތުވި ރަމަޟާން މަސްތަކުގައި އޭދަފުށީގައި ދަމު ނަމާދާއި ތަރާވީޙް ނަމާދު އިމާމުވެ ކުރުމުގެ ޝަރަފު ވެސް ހޯދާފައިވެއެވެ. އަދި ރަށުގައި ބާއްވާ ޤުރުއާން މުބާރާތްތަކުން ވެސް ޒާން ވަނީ ފާހަގަކޮށްލެވޭ ވަނަތައް ހާސިލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.