
ފައިނަލުގައި ހިތާދޫގެ މައްޗަށް 1-0 އިން ހޯދި ފުރިހަމަ މޮޅާ އެކު އޭދަފުށިން ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައި މިލްކު ކޮށްފި އެވެ.
ފޯރިގަދަ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭދަފުށީ ޓީމަށް ލަނޑު ކާމިޔާބުކޮށްދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދި އަލީ މާއިޝް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ އޭދަފުށި ޓީމުގެ އިޝާން އިބްރާހީމް އާއި މުހައްމަދު ފާސިރު އާއި ހުސައިން ޝަރީފާއި މުހައްމަދު ޒިދާން ޒުހުރީގެ އިތުރުން އެޓީމުގެ އަހްމަދު ހުސައިނެވެ.
މުބާރާތުގެ 18 އަހަރުންދަށުގެ އެންމެމޮޅު ކުޅުންތެރިއަކަށް ގޮއިދޫ ޓިމުގެ މިޝަލް ރަޒާން މުހައްމަދު ހޮވުނުއިރު އެންމެ މޮޅުގޯލް ކީޕަރަކަށް ހޮވުނީ ހިތާދޫ ޓީމުގެ ކީޕަރު އިބްރާހީމް ނާޖިހު އެވެ.
މުބާރާތުގައި އެންމެގިނަ ގޯލް ޖެހި ކުޅުންތެރިންގެ ގޮތުގައި ހަތަރު ކުޅުންތެރިއަކު ހޮވުނުއެވެ. އެއީ އޭދަފުށީ ޓީމުގެ އިޝަން އިބްރާހީމުގެ އިތުރުން ހިތާދޫ ޓީމުގެ އަހްމަދު ހުސައިން އާއި ކުޑަރިކިލު ޓީމުގެ ހުސައިން ސުހައިލް އާއި ތުޅާދޫ ޓީމުގެ އަބްދުﷲ ތަހްސީނު އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކިންގަކަށް ހޮވުނީ އޭދަފުށީ ޓިމުގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) އެވެ. އެންމެ މޮޅު ކޯޗަކީ އޭދަފުށީ ޓީމުގެ ކޯޗު އަހްމަދު ތޯހާ އެވެ.

މީގެ އިތުރުން ގޮއިދޫން ވެސް ވަނީ މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި މިލްކުކޮށްފައެވެ. މިރޭ ކުޅުނު ފައިނަލުގައި ދޮންފަނުގެ މައްޗަށް ގޮއިދޫން ކުރި ހޯދީ 6-0 އިންނެވެ.
އަންހެން ޑިވިޝަންގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މުބާރާތުގެ އެންމެގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ގޮއިދޫ ޓީމުގެ މައިޝާ އަބްދުލްހަންނާނު އެވެ. އަންހެން ޑިވިޝަންގެ އެންމެމޮޅު ގޯލްކީޕަރަކަށް ގޮއިދޫ ޓީމުގެ ނަޖުވާ ފާރޫގް ހޮވުނުއިރު، މުބާރާތުގެ މޮޅު ކޯޗަކަށް ހޮވުނީ އެޓީމުގެ ކޯޗު މުހުތާރު ނަސީރެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ ގޮއިދޫ ޓީމުގެ މައިޝާ އާއި ސާނިޔާ އަހްމަދު ނިޒާރު އާއި މަރިޔަމް ނޫރާ އާއި ޝަފްނާ އިބްރާހީމުގެ އިތުރުން ދޮންފަނު ޓީމުގެ ފާތުމަތު އިނާޝާ އާދަމު އެވެ.


