
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ދިވެހި މީޑިއާތަކުގެ ބައިވެރިވުމާ އެކު 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނުން ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރީ ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެހީގެ ރަމްޒީ ޗެކާ ހަވާލުވެ ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ މީޑިއާ ބައިވެރިވެގެން ފުޅާދާއިރާއެއްގައި އެފަދަ ޓެލެތޯނެއް ބޭއްވުމުން ވަރަށް މުހިންމު ކަންތައްތަކެއް ހާމަވާ ކަމަށެވެ. އަދި މި އެހީއަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސްރީ ލަންކާގެ ރައްޔިތުންނަށް ދިމާވި ހާލަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން އެ ގައުމަށް އެހީވުމަށް ފެށި ހަރަކާތުގެ ސަބަބުން ހާމަވީ އަވަށްޓެރި ގައުމުތަކަށް އެހީވުމަށް އަބަދުވެސް ރާއްޖެ ދެމިއޮންނާނެ ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ، “އަބަދުވެސް ރާއްޖެ ވިދާޅުވޭ ކުޑަ ގައުމަކަށް ވިޔަސް ރާއްޖެއަކީ ހާއްސަކޮށް އަވަށްޓެރިންނާ ހިސާބަށް ދާއިރު އެންމެ ފުރަތަމަ ކޮޅަށް ތެދުވާނެ ގައުމޭ. އެކަން އެ މަނިކުފާނު [ރައީސް މުއިއްޒު] ވަރަށް ސާބިތުކަމާ އެކު، މި ހާދިސާއާ ގުޅިގެން ވަނީ ސާބިތުކޮށް ދެއްވާފައި،” މިނިސްޓަރު ވިދާޅުވި އެވެ.
ލަންކާ އަށް އެހީވުމަށް ހިންގި ޓެލެތޯނުގައި ލިބުނު 12.3 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލު ކުރިއިރު، އެ ޓެލެތޯނުގައި އެންމެ ބޮޑު އެހީއެއް ދިން ފުލުހުންނާއި ސިފައިންގެ ފަރާތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކުރި އެވެ. އެއީ ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ އަދި ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ އެވެ. ޓެލެތޯނުން ލިބުނު ފައިސާގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފަ އެވެ. އަދި ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރު (770،000 ރުފިޔާ) އާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމައިފަ އެވެ.
ސްރީ ލަންކާއަށް އެރި ތޫފާންގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. މިއީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު ލަންކާއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގުދުރަތީ ކާރިސާ އެވެ. އެ ހާދިސާއާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. ރާއްޖެއިން މި އެހީ ފޯރުކޮށްދިނުމަކީ، އަވަށްޓެރި ގައުމުތަކަށް ދިމާވާ ކާރިސާތަކުގައި ރާއްޖެއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަން ހާމަކޮށްދޭ ކަމެކެވެ.

