
ސިލޯން ޗެމްބަރ އޮފް ކޮމާސްގެ އެންމެ މުހިންމު އަހަރީ ފޯރަމް ކަމަށްވާ ސްރީލަންކާ އިކޮނޮމިކް އެންޑް އިންވެސްޓްމަންޓް ސަމިޓް 2025 ގައި ބ. އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ އެވެ.
ކޮލަންބޯ ސަންގްރިއްލާ ހޮޓެލުގައި އިއްޔެ ފެށި މި ސަމިޓްގައި 800 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި 100 ބޭރުގެ ވަފުދު ހިމެނެއެވެ. މި ބައިވެރިންގެ ތެރޭގައި ބ. އަތޮޅު ކައުންސިލަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ސަމިޓް ރާވާފައި އޮތީ “ގޭޓްވޭ ޓު ގްރޯތް: އޭޝިއާސް އެމަރޖިންގ އޮޕޮޗުނިޓީ” (ތަރައްޤީއަށް މަގު: އޭޝިއާގެ އަރަމުން އަންނަ ފުރުޞަތު) މި ތީމުގެ ދަށުން ނަމަވެސް، ސައިކްލޯން ދިތްވާގެ ގެއްލުންތަކަށް ފަހު، ސަމިޓްގެ އެޖެންޑާ ވަނީ ބަދަލުކޮށްފަ އެވެ.
މިހާރު ފޯކަސްކޮށްފައި ވަނީ ޤައުމީ ކެތްތެރިކަމާއި، ކައިރި މުސްތަޤްބަލެއްގައި އަނބުރާ ރުޖޫޢަވުމާއި، ދަރަނީގެ ކާރިސާއަށް ފަހު ހަމަޖެހުން އަލުން ޤާއިމުކުރުމުގެ މަސައްކަތަށެވެ.

މި ހަރަކާތް ފައްޓަވައިދެއްވަމުން ސިލޯން ޗެމްބަރ އޮފް ކޮމާސްގެ ޗެއަރޕާސަން ކްރިޝަން ބަލެންދުރާ ވިދާޅުވީ، ކާރިސާގެ ސަބަބުން ޤައުމީ ރޫޙާއި ސަމިޓްގެ މަޤްޞަދަށް ބަދަލު އައިސްފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، ޗެމްބަރ އިން ވަނީ މަރުވި މީހުންނާއި ފެތުރިފައިވާ ބޮޑެތި ގެއްލުންތަކަށް ވިސްނާލުމަށްޓަކައި، އަސްލު ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށާއި، ވިޔަފާރިވެރިންގެ މުޖުތަމަޢު އަންނަނީ ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެހީގެ މަސައްކަތްތަކަށް އެހީތެރިވަމުން ކަމަށެވެ.
އަދި އިޖުތިމާޢީ ހަރަކާތްތަކަށް ކަނޑައަޅާފައިވާ ހުރިހާ ފައިސާއެއް މިހާރު ވަނީ އެހީގެ މަސައްކަތްތަކަށް ބަދަލުކޮށްފަ އެވެ،
ބަލެންދުރާ އިތުރަށް ވިދާޅުވީ، މި ވަގުތީ ކާރިސާއާ އެކުވެސް ލަންކާ އޮތީ އިޤްތިޞާދީ ގޮތުން އަނބުރާ ރުޖޫޢަވުމުގެ މަގުމަތީގައި ކަމަށާއި، އިންފްލޭޝަން ހަމަޖެހި، އިތުބާރު ރަނގަޅުވެ، ކުރިއެރުން 5% އާ ގާތްވެފައިވާ ކަމަށެވެ. އައި.އެމް.އެފް. އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތަކުން ވެސް ވަނީ އިޞްލާޙީ މަގަށް އިތުބާރު ހާމަކޮށްފައެވެ.

ދެ ދުވަހުގެ މި ޕްރޮގްރާމްގައި މެކްރޯ އިޤްތިޞާދީ މަންޒަރާއި، ކުރިން ކާރިސާތަކަށް ފަހު އަނބުރާ ރުޖޫޢަވުމުން ލިބުނު ފިލާވަޅުތަކާއި، ފަތުރުވެރިކަން، ލޮޖިސްޓިކްސް، ބަނދަރުތައް، އެކްސްޕޯޓް، މެނުފެކްޗަރިންގ، ޓެކްނޮލޮޖީ އަދި ކެޕިޓަލް މާކެޓްސްގެ ދާއިރާތަކުގައި ހުރި ފުރުޞަތުތައް ދިރާސާކުރާނެއެވެ.
މި ސަމިޓްގައި މެލޭޝިއާ، ގްރީސް، ނެދަލެންޑްސް، އޮސްޓްރޭލިއާ، އިންޑިއާ އަދި ބައިނަލްއަޤްވާމީ އެތައް މުއައްސަސާއެއްގެ މާހިރުން ހިމެނެއެވެ. 100 އަށް ވުރެ ގިނަ ބޭރުގެ ބައިވެރިންނާއެކު 800 އަށް ވުރެ ގިނަ ވަފުދު ބައިވެރިވުމަކީ، ލަންކާގެ މެދުމިނުގެ މުސްތަޤްބަލަށް އިންވެސްޓަރުންގެ އިސްކަންދިނުން ބޮޑުވެފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް ބަލެންދުރާ ވިދާޅުވިއެވެ.
