މުހައްމަދު އަލީގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މާދަމާ

ބ. އޭދަފުއްޓަށް ވަރަށް ގިނަ ދުވަހު ތަފާތު އެކި ރޮނގުތަކުން ވަރަށް ގިނަ ޚިދުމަތް ކުރައްވާފައިވާ އަދި ރާއްޖޭގައި މިހާރު ހުރި އެންމެ ރީތި އެއް މިސްކިތުގެ ބާނީ މުހައްމަދު އަލީގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މާދަމާގެ ހުކުރު ނަމާދަށްފަހު ބާއްވަން ނިންމައިފި އެވެ.

ބ. އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މާދަމާގެ ހުކުރު ނަމާދަށްފަހު މާލޭ ސަލްމާން މިސްކިތުގެ އިތުރުން އޭދަފުށީގެ މިސްކިތްތަކުގައިވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެގޮތުން އޭދަފުށީ މަސްދިދު ސުލްޠާން މުހައްމަދު މުއީނުއްދީ އާއި މަސްޖިދު ޔޫސުފްގެ އިތުރުން މުހައްމަދު އަލީ ބިނާކޮށްދެއްވި މަސްޖިދު މުހައްމަދު އަލީ މިސްކިތުގައިވެސް ކަށުނަމާދު ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ކަށުނަމާދުގައި ބައިވެރިވެދެއްވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

އޭދަފުށީގައި ހުޅުވި “މަސްޖިދުލް މުހައްމަދު އަލީ” ގެ ބާނީ މުހައްމަދު އަލީ އުމުރުން 91 އަހަރުގައި އަވަހާރަވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން އަންނަނިކޮށެވެ. މުހައްމަދު އަލީގެ ޖަނާޒާ އަންގާރަ ދުވަހު ވަނީ ޗެންނާއީގައި ބާއްވައިފަ އެވެ.

އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީގެ ހަރަދުގައި އެ ރަށުގައި ބިނާކުރި މިސްކިތް ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަންވަރު ހުޅުއްވައި ދެއްވާއިރު މުހައްމަދު އަލީ ފުރޮޅުލީގޮނޑީގައި.— ފޮޓޯ: ނިޝާން އަލީ \ މިހާރު

އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީގެ އެންމެ ބޮޑު އެއް ހުވަފެނަކީ އޭނާ ދުނިޔެ ދޫކުރުމުގެ ކުރިން އަމިއްލަ ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. މި ހުވަފެން ހަޤީޤަތަކަށް ވެގެން ދިޔައީ މީގެ ހަތަރު އަހަރު ކުރިން އެ މިސްކިތުގެ ޢަމަލީ މަސައްކަތްތައް ނިންމައި، މިދިޔަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމުންނެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ މުޙައްމަދު ޢަލީގެ ދަރިފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ.

މުޙައްމަދު ޢަލީއަކީ އޭދަފުށީގައި ވަރަށް ގިނަ ދާއިރާތަކުން ހަރަކާތްތެރިވި ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރީގެ ދާއިރާގައި އަމިއްލަ މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިފަހަރު ހިމެނެއެވެ. މީގެ އިތުރުން، ބ. އަތޮޅުގައި ފަޅުރަށްރަށް ބެލެހެއްޓެވުމުގެ މަސައްކަތް ކުރުމުގެ އިތުރުން، އޭނާ ވަނީ ގެއާ ޖެހިގެން ފިހާރައެއް ހިންގައި އަދި ބަކަރި ގެންގުޅެފައެވެ. ނަމަވެސް، މުޙައްމަދު ޢަލީ ގެންގުޅުއްވި ފެރީތައް މިހާރު ވަނީ އެމްޓީސީސީއަށް ކުއްޔަށް ދޫކޮށްލާފައެވެ.

މުހައްމަދު އަލީ އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން.— ފޮޓޯ: ނިޝާން އަލީ \ މިހާރު

މުޙައްމަދު ޢަލީއަށް ޖުމްލަ  18ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ނަމަވެސް މިވަގުތު ދުނިޔޭގައި ތިއްބެވީ 13 ބޭފުޅުންނެވެ.

އޭގެ ތެރެއިން އެންމެ މަޝްހޫރު އެއްބޭފުޅަކީ މެޑްޓެކްގެ އެއް ހިއްސާދާރު ކަމަށްވާ މުބާހު ރަފީޢުއެވެ. މުޙައްމަދު ޢަލީގެ ބޭފުޅުން ތަފާތު ދާއިރާތަކުން ތަޢުލީމު ހާސިލުކޮށް، ގައުމަށް ޚިދުމަތް ކުރަމުންދާ ބަޔެކެވެ. އެގޮތުން، އޭނާގެ ބޭފުޅުންގެ ތެރޭގައި މެޑިކަލް ޑޮކްޓަރުންނާއި އިންޖިނޭރުންނާއި އާގުބޯޓުފަހަރުގެ ކެޕްޓަނުންނާއި ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ލެބް ޓެކްނީޝަނުންނާއި ނަރުހުންގެ އިތުރުން ވިޔަފާރިވެރިން ވެސް ހިމެނެއެވެ.

މުޙައްމަދު ޢަލީގެ މި ހިދުމަތްތަކާއި އޭނާގެ ބޭފުޅުންގެ ކާމިޔާބީތަކަކީ އޭދަފުށީގެ ރައްޔިތުންނަށް ފަޚުރުވެރިވާ ކަމެކެވެ. އޭނާގެ ހަޔާތުގައި އަމިއްލަ ރަށަށް މިސްކިތެއް ހަދައިދިނުމުގެ އަޒުމު ފުރިހަމަވުމަކީ، އޭނާގެ ދީނީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ މުހިންމު ހެއްކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.