ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުއްޓަށް އުފަން ޒުވާން ފޯވާޑް ޢަލީ ފާސިރު (ސެންޓޭ)ގެ ލަނޑާ އެކު ނިއުރޭޑިއަންޓް ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން ދިފާޢު ކުރުމާ ހަތް ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ނިއު އިން ކާމިޔާބު ކުރީ 0-3 ލަނޑުން ނެވެ. މިއަދުގެ މެޗުގެ 25 ވަނަ މިނެޓުގައި ނިއު ގެ ފުރަތަމަ ލަނޑު ޖަހައިދިނީ ހިލޭ ޖެހުމަކުން މުޙައްމަދު ޢުމައިރު އެވެ. އަދި އޭގެ ދެ މިނެޓް ފަހުން ޢުމައިރު ނަގައިދިން ހުރަހެއް ޢަލީ އަޝްފާގު (ދަނގަޑޭ) ބޮލުން ޖައްސާލުމުން ސެންޓޭ އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނިއު އަށް ލީޑު ފުޅާ ކޮއްދިނެވެ. ނިއުގެ ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބު ކޮއްދިނީ ދަނގަޑޭ އެވެ. މިއީ ދަނގަޑޭ މިސީޒަނުގައި ޖެހި ތިރީސްވަނަ ލަނޑެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުގެ އެސިސްޓެންޓް ކޯޗު މުހައްމަދި އިގްބާލު ބުނީ ވިކްޓްރީގެ މުޅި ޓީމު ފަހަތަށް ޖެހިގެން ކުޅުމުން ވަރަށް އުނދަގޫވި ނަމަވެސް މެޗުން މޮޅުވެ ލީގު ކާމިޔާބު ކުރުމާ ގާތަށް ދެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ވިކްޓްރީގެ ކޯޗް ވްލަޑިމީރު ގޮފާ ބުނީ ނިއުރޭޑިއަންޓް ފަދަ ވަރުގަދަ ޓީމާ ދެކޮޅަށް ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އިތުރަށް އޭނާ ބުނީ ގަދަ ހަޓީމުގެ ތެރެއަށް ވަނުމަށް ކުރާ އުއްމީދު އަދިވެސް ގެއްލުވާ ނުލާ ކަމަށާއި އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ދިރާގު ދިވެހި ލީގުގެ ތާވަލުގެ އެއްވަނައިގާ ނިއުރޭޑިއަންޓް އޮތީ 39 ޕޮއިންޓާ އެކު އޮތް އިރު، ދެވަނައިގާ އޮތް މާޒިޔާއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.