
އެމެރިކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ކެޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ މަޝްހޫރު އެކްޓަރު އޮލަންޑޯ ބްލޫމް ބ. އަތޮޅު އަމިއްލަފުށީ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިފި އެވެ.
“އީޓީ” އަށް އެނގިފައިވާ ގޮތުގައި ކެޓީ އެ ރިސޯޓްގައި ދެ ދުވަސް ހޭދަކުރިއިރު، އޮލަންޑޯ ވަނީ އެ ރިސޯޓުްގައި ދިހަ ވަރަކަށް ދުވަސް ހޭދަކޮށްފަ އެވެ.
“ލޯޑް އޮފް ދަ ރިންގްސް” އާއި “ހޮބިޓް” އަދި “ޓްރޯއި” ފަދަ ފިލްމުތައް ކުޅެފައިވާ އޮލަންޑޯ އޭނާގެ އިންސްޓަގްރާމްގައި، އެ ރިސޯޓުގެ ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. ނަމަވެސް ކެޓީ ރާއްޖެ އައިސް އުޅޭ ކަމުގެ އެއްވެސް އަސަރެއް ސޯޝަލް މީޑިއާއަކުން ފެނިފައި ނުވެ އެވެ. އެނގިފައިވާ ގޮތުގައި ކެޓީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރިއިރު އުޅުނީ ވަރަށް ބަލިކޮށް ކަމަށްވެ އެވެ.
އޮލަންޑޯ ވަނީ އަމިއްލަފުށީ ރިސޯޓްގައި ޗުއްޓީ ހޭދަކުރިއިރު މިއަތޮޅުގެ ބައެއް ރިސޯޓްތަކަށް ޑިނާ ތަނަކަށް ވެސް ގޮސްފަ އެވެ.
މި ދެތަރިން ރާއްޖެއިން ފުރީ އިއްޔެ އެވެ.