އޭދަފުށީގެ އުއްމީދީ އަދި ޒުވާން ކުޅުންތެރިޔާ ހައިޝަމް ހަސަން ކްލަބް އީގަލްސް އަށް ކުޅެން އެ ޓީމާއެކު ދެ އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް އީގަލްސް އިން ކާމިޔާބުކުރިއިރު ހައިޝަމް ވަނީ އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއ ްއަދާކޮށްފަ އެވެ.
އީގަލްސް އިން ބުނި ގޮތުގައި ހައިޝަމް އެ ކްލަބާ ގުޅުނީ، އެ ކްލަބަށް މިދިޔަ ސީޒަނުގައި ކުޅުނު ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ނެތްތަން ފޫބެއްދުމަށެވެ.
ހައިޝަމް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ވޭތުވެދިޔަ އަހަރު އޮތް ބ. އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ އޭނާ ދެއްކި މޮޅު ކުޅުމާ އެކުއެވެ. އެ މުބާރާތުގައި އޭނާ ކުޅުނު އިރުމަތީ ލަވާސް ޓީމު ފައިނަލަށް ގެންދިއުމުގައި ޓީމްގެ ކެޕްޓަންގެ ގޮތުގައި އިސްދައުރެއް އަދާކޮށްފައިވެ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ މޮޅު ކުޅުޅުމެއް ދައްކައިފަ އެވެ.
އާންމު ގޮތެއްގައި ވާތު ބެކަށް ކުޅުނު ނަމަވެސް، ދަނޑުމަތީގެ ހުރިހާ މަގާމަކަށް ވެސް އެއް ފެންވަރަށް ކުޅޭ ހައިޝަމް ވަނީ “ޓުވާޑްސް ފިއުޗާ” ގެ ނަމުގައި އެފްއޭއެމުން އައްޑޫގައި ފެށި ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީން އެކުލަވާލި ސިލެކްޝަން ޓީމާއެކު ކުޅޭ ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގައި ހިމެނިފަ އެވެ. އަދި މިދިޔަ އަހަރު ކިރްގިސްތާނުގައި އޮތް އެއުމުރުފުރާގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައިވެސް ހައިޝަމް ވަނީ ކުޅެފައެވެ.