ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

އެއް ރަށެއްގައި ދިރިއުޅޭ މީހަކު ޒިޔާރަތް ކުރުމުން އެމީހަކަށް ކަމޭ ހިތުމަކީ މެހްމާން ދާރީގެ ތެރެއަށް ވަންނަ ކަމެއް ނޫނެވެ. ނަމަވެސް، އެކަމަކީ މީސްތަކުންނަށް އިޙްސާންތެރިވެ އުޅުމަށް ކުރައްވާފައިވާ އާއްމު އަމުރުފުޅު ތަކުގެ ތެރެއަށް ވަންނަ ކަމެކެވެ. ނަމަވެސް، މެހްމާނުންނަށް ލިބިގެންވާ ޙައްގު އެފަދަ މީހުންނަށް ލިބިގެން ނުވެއެވެ.

މެހްމާންދާރީ ވަނީ ދަތުރުވެރިންނަށް ކަމަށާއި، އެއީ ރަށުގައި މުގީމުވެ ތިބޭ މީހުންނަށް އޮންނަ ކަމެއް ނޫންކަން ދޭހަވާ އަނެއް ކަމަކީ ބައެއް ހަދީޘް ތަކުގައި އެކަން ޞަރީޙަ ބަހުން އައިސްފައިވާތީވެއެވެ. އެގޮތުން އިމާމް ބުޚާރީ އާއި މުސްލިމް- ރަޙިމަހުމަﷲ- ރިވާ ކުރައްވާފައިވަ އަންނަނިވި ޙަދީޘް ހިމެނެއެވެ. عن عُقْبَةَ بْنِ عَامِرٍ قال : قُلْنَا يَا رَسُولَ اللَّهِ : إنَّك تَبْعَثُنَا فَنَمُرُّ بِقَوْمٍ لَا يَقْرُونَنَا [أي لا يقدموا لنا حق الضيف] ، فَمَاذَا تَرَى ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم : (إِنْ أَمَرُوا لَكُمْ بِمَا يَنْبَغِي لِلضَّيْفِ فَاقْبَلُوا فَإِنْ لَمْ يَفْعَلُوا فَخُذُوا مِنْهُمْ حَقَّ الضَّيْفِ الَّذِي يَنْبَغِي لَهُمْ)މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢުގްބާ ބިން ޢާމިރު ގެ ކިބައިން ރިވާ ވެގެން ވެއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ.   “ހަމަކަށަވަރުން ކަލޭގެފާނު ތިމަންމެން ތިޔަ ފޮނުއްވަނީ އަޅުގަޑުމެންނަށް މެހްމާންދާރީ އަދާ ނުކުރާ ރަށެއްގެ ބަޔެއްގެ ގާތަށެވެ. ވީމާ އަޅުގަޑުމެން ކަންކުރަންވީ ގޮތް ބުނެދެއްވާށެވެ.” ޙަދީޘް ކުރެއްވިއެވެ. “އެބައިމީހުން މެހްމާނުންނަށް އަދާ ކުރަންޖެހޭ ޙައްގުތައް ތިޔަބައިމީހުންނަށް އަދާކޮށްފިނަމަ އެކަން ގަބޫލު ކުރާ ހުށި ކަމެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ އެމީހުންގެ މައްޗަށް ވާޖިބުވެގެންވާ މެހްމާނުންގެ ޙައްގު އަތުލާށެވެ.”

މެހްމާންދާރީގެ ޙުކުމާއި އެކަން ވާޖިބު ވެގެންވަނީ ކޮންބަޔެއްގެ މައްޗަށްކަން ބަޔާން ކުރައްވާ (އަލްމައުސޫޢަތުލް ފިގްހިއްޔާގެ 28/316-317) ގައި އައިސްފައި ވެއެވެ.

ޙަނަފީ، ޝާފިޢީ، މާލިކީ މަޛްހަބުގައި މެހްމާންދާރީ އަދާ ކުރުމަކީ ސުންނަތެކެވެ. އެކަމުގެ މުއްދަތަކީ ތިން ދުވަހެވެ. މިއީ އިމާމް އަޙްމަދު- ރަޙިމަހުﷲ- ގެ ކިބައިންވެސް ރިވާ ވެގެންވާ ރައުޔެކެވެ.

އިމާމް އަޙްމަހު- ރަޙިމަހުﷲ- ގެ ކިބައިން ރިވާ ވެގެންވާ އަނެއް ރިވާޔަތެއްގައި ވަނީ މިފަދައިންނެވެ. މެހްމާންދާރީ އަދާ ކުރުމަކީ ވާޖިބު ކަމެކެވެ. އަދި އެކަމުގެ މުއްދަތަކީ ރެއަކާއި ދުވާލެވެ. ފުރިހަމަ މިންވަރަކީ ތިން ދުވަހެވެ. މިއީ އައްލައިޘް ބިން ސަޢްދު- ރަޙިމަހުﷲ- ގެ ވެސް ރައުޔެވެ. والله أعلم.

( فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُ ) ” ދެން އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން ޚިޟްރު ޢަލައިހިއްސަލާމް އެ ފާރު ތެދުކުރައްވައިފިއެވެ.”

މިތަނުގައި ސުވާލު އުފެދޭ ކަމަކީ ޚިޟްރު ޢަލައިހިއްސަލާމް އެފާރު ތެދުކުރެއްވީ ކޮންގޮތަކަށްތޯ އުފެދޭ ސުވާލެވެ؟

ޖަވާބަކީ: އެކަލޭގެފާނު ފާރު ތެދުކުރެއްވީ ކޮންގޮތަކަށްކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. ފަހަރުގައި އެކަލޭގެފާނުގެ އަތްޕުޅުން ތެދުކުރެއްވީ ކަމަށްވެސް ވެދާނެއެވެ. މާތް ﷲ އެކަލޭގެފާނަށް އެހާ ބާރު ދެއްވާފައި ހުރީ އެވެ. ނޫންނަމަ، އަލުން ފާރު ބިނާކުރެއްވީ ކަމަށްވެސް ވެދާނެއެވެ.

ފާރުގެ ދިގުމިނާއި ފުޅާމިން، އަދި ކޮންކަހަލަ ފާރެއްކަމެއް، އަންގަވާފައެއް ނުވެއެވެ. ވީމާ، އެކަންތައްތަކާއި މެދު ބަހުޘް ކުރުމަކީ ބޭނުން ހުރި ކަމެއް ނޫނެވެ.

( قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا )

(قَالَ) އެބަހީ މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

(لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا  ) ޚިޟްރު ޢަލައިހިއްސަލާމް ފާރު ބިނާކުރައްވާތީވެ، އެކަމަކާ އިންކާރެއް ނުކުރައްވައެވެ. ނަމަވެސް، މޫސާ ޢަލައިހިއްސަލާމް ވިދާޅުވީ “ކަލޭގެފާނު ބޭނުންފުޅުނަމަ މަސައްކަތަށް އުޖޫރައެއް ނަންގަވާށެވެ.”

(قَالَ هَـٰذَا فِرَاقُ بَيْنِي وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا ﴿٧٨﴾  )

(قَالَ  ) ޚިޟްރު ޢަލައިހިއްސަލާމް މޫސާ ޢަލައިހިއްސަލާމް އަށް ވިދާޅުވިއެވެ.

(هَـٰذَا فِرَاقُ بَيْنِي وَبَيْنِكَ  ) “މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ.”

(سَأُنَبِّئُكَ  ) ހިނގާދިޔަކަންތައްތަކުގެ ޚަބަރު ތިމަންކަލޭގެފާނު ކިޔައިދެއްވާނަމެވެ.

(بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا  ) “ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ تفسير ތިމަންކަލޭގެފާނު، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ.”

(أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَاءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴿٧٩﴾  )

( السَّفِينَةُ ) ދެންމެގައި ހަލާކުކޮށްލެވުނު އޮޑި،

( فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ ) އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ. އެއީ އެނައު ކުއްޔަށް ދިނުން ކަމުގައިވީނަމަވެސް، ނުވަތަ އެނަވުގައި މަސްވެރިކަން ކުރުން ނަމަވެސް އެނަވުން ޢާމްދަނީ ހޯދަމުން ދިޔައެވެ.

( فَأَرَدتُّ أَنْ أَعِيبَهَا ) ތިމަންކަލޭގެފާނު އެނަވުގައި ޢައިބެއް ހުންނަގޮތަށް ހެދީ (ތަންގަނޑެއް ހަލާކުކޮށްލީ)، އޭގެ ސަބަބަކީ:

(وَكَانَ وَرَاءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا  ) ސަލާމަތުންވާ ކޮންމެ ނަވެއް ފޭރިގަންނަ ރަސްކަލަކު އެމީހުންގެ ފަހަތުގައިވީމައެވެ. އެ ރަސްގެފާނު ފޭރިގަންނަނީ ސަލާމަތުން ޢައިބެއް ނެތް ނައު ތަކެވެ. ނަމަވެސް އެނައުގައި ޢައިބެއް ހުރުމުން ފޭރިނުގަނެ ދޫކޮށްލެއްވިއެވެ.

މިކަމުން ދޭހަވަނީ ބޮޑު ނުބައިން ސަލާމަތްވުމަށްޓަކައި ކުޑަނުބައިގާ ހިފުމަކީ ހުއްދަކަމެއް ކަމެވެ. އަދިވެސް މިކަމުން ދޭހަވާ އަނެއްކަމަކީ އެއްޗެއް ރަގަޅު ކުރުމަށްޓަކައި އޭގެ ބަޔެއް ހަލާކުކޮށްލުމަކީ ހުއްދަކަމެއް ކަމެވެ. މި ޒަމާނުގައި މެޑިކަލީ ގޮތުންވެސް މިފަދަ ކަންތައް ކުރެވެއެވެ. އެގޮތުން ހިތުގެ ބައިޕާސް އޮޕަރޭޝަންކުރާ އިރުގައި ފައިގެ ނާރެއް ނަގައިގެން ހިތާއި ގުޅާލައެވެ. ނުވަތަ އެނޫންވެސް ކަންކަމުގައި ހަށިގަނޑުގެ އެކިތަންތަނުން މަސް ނުވަތަ ކަށި ނަގައިގެން ހަލާކުވެފައިވާ އެހެން ގުނަވަނެއް މަރާމާތު ކުރުމަށް ބޭނުން ކުރެއެވެ.

ދެން އެޔަށްފަހު މަރާލެވުނު ކުޑަކުއްޖާ އާއި ބެހޭ މަޢްލޫމާތު ދެއްވިއެވެ.

(وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْرًا ﴿٨٠﴾  )

(الْغُلَامُ  ) ކުޑަ ފިރިހެން ކުއްޖާ،

(أَبَوَاهُ  ) އެކުއްޖާގެ މަންމަ އާއި ބައްޕަ،

( فَكَانَ أَبَوَاهُ مُؤْمِنَيْنِ ) “އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) مؤمن ން ކަމުގައެވެ.”

( فَخَشِينَا ) ޚަޝްޔާގެ މާނައަކީ އެކަމެއްގެ ހަގީގަތް އެނގިގެން ބިރުގަތުމެވެ.
( فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْرًا ) “އެ ދެމީހުން އުރެދި كافر ވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ.”

(فَأَرَدْنَا أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَاةً وَأَقْرَبَ رُحْمًا ﴿٨١﴾  ) “ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ.”

މިއިން ދޭހަވަނީ ކާފަރަކު އޭނާގެ ޝިރްކު ފަތުރަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އޮތްނަމަ، އެމީހަކު ގަތުލު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމެވެ.

ދެން އެޔަށްފަހު ފާރާއި ބެހޭ ގޮތުން މަޢްލޫމާތު ދެއްވަމުން ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވި ކަމަށް ﷲ ވަޙީ ކުރެއްވިއެވެ.

(وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴿٨٢﴾  )  ” އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ.”

(لِغُلَامَيْنِ  ) ކުޑަ ދެކުދިން،

(يَتِيمَيْنِ  ) ބައްޕަ މަރުވެފައިވާ،

(فِي الْمَدِينَةِ  ) އެދެބޭކަލުން ދަތުރު ކުރެއްވި ރަށް،

(وَكَانَ تَحْتَهُ كَنزٌ لَّهُمَا  ) އެފާރުގެ އަޑީގައި އެޔަތީމު ދެކުދިންގެ މުދާވެރި ޚަޒާނާ އެއް ވަޅުލެވިފައި ވެއެވެ.

( وَكَانَ أَبُوهُمَا صَالِحًا ) އެދެކުދިންގެ ބައްޕަ އަކީ ވަރަށް ޞާލިޙް ރަގަޅު މީހެކެވެ. އެހެންކަމުން، އެދުކުދިންގެ ބައްޕަގެ ޞާލިޙް ކަމަށްޓަކައި ﷲ ތަޢާލާ އޭނާގެ ދަރިންނަށް އޯގާތެރިވެވޮޑިގެންވިއެވެ. އަދި ބައްޕަގެ މުދާ އެދެކުދިންނަށްޓަކައި ރައްކާތެރިކޮށްދެއްވިއެވެ. 

( فَأَرَادَ رَبُّكَ ) ކަލޭގެފާނުގެ ރައްބު އިރާދަކުރެއްވީ،

(أَن يَبْلُغَا أَشُدَّهُمَا  ) އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، (ގިނަ ޢިލްމުވެރިންގެ ގާތުގައި އެއީ ޢުމުރުން 40 އަހަރު ފުރުމެވެ.)

( فَأَرَادَ رَبُّكَ ) ކުރީގެ ދެކަންތަކުގައި ޚިޟްރު ޢަލއިހިއްސަލާމް ވިދާޅުވެފައިވަނީ (فَأَرَدتُّ ) “ތިމަންކަލޭގެފާނު ބޭނުންވީ” ނުވަތަ (فَأَرَدْنَا) “ތިމަންމެން ބޭނުންވީ” މިގޮތަށެވެ. ނަމަވެސް މިތަނުގައި  ( فَأَرَادَ رَبُّكَ ) ” ކަލޭގެފާނުގެ ރައްބު އިރާދަކުރެއްވީ” މިފަދައިން ވިދާޅުވުމުގެ ބޭނުމަކީ އެދެކުދިން ބޮޑުވެ ފުރާފުރިހަމަވަންދެން ދުނިޔޭގައި ލެހެއްޓެވުމަކީ ޚިޝްރު ޢަލައިހިއްސަލާމް އަށް ކުރެއްވޭނެ ކަމެއް ނޫނެވެ. ނަމަވެސް ނައު ފޭރިގަނެފާނެ ކަމަށްޓަކައި ހަލާކުކޮށްލުމާއި، މައިންބަފައިން ކާފަރުވާ ދަރަޖައަށް ކުޑަކުއްޖާ އުނދަގޫކޮށްފާނެކަމަށް ބިރުން އެކުއްޖާ މަރާލުން އެއީ ޚިޟްރު ޢަލައިހިއްސަލާމް އަށް ކުރެއްވޭ ވަރުގެ ކަންތަކެވެ. އަދި އެކަންތައްވަނީ އެގޮތަށް ކުރައްވާފައިވެސްމެއެވެ.

(وَيَسْتَخْرِجَا كَنزَهُمَا) ” އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ.”

އެދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުގެ ކުރިން ފާރުވެއްޓުނު ނަމަ، އެއްކަލަ ޚަޒާނާ އޮންނާނީ އެންމެނަށް ފެންނާށެވެ. އޭރުން މީސްތަކުން އެޚަޒާނާ ނަގާފާނެއެވެ. އަދި އޭގެ މަންފާ ކުދިންނަކަށް ނުކުރާނެއެވެ.

( رَحْمَةً مِّن رَّبِّكَ  ) މާތް ﷲ އެގޮތަށް އެކަން އިރާދަ ކުރެއްވީ އެކަލާންގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ގޮތުންނެވެ. 

(وَمَا فَعَلْتُهُ عَنْ أَمْرِي   ) ތިމަންކަލޭގެފާނު އެގޮތަށް އެކަންތައް ކުރެއްވީ ތިމަންކަލޭގެފާނުގެ ވިސްނުންތޫނު ކަމަކުންނޭނެވެ. ނަމަވެސް، އެއީ ﷲ ތަޢާލާގެ އިލްހާމެވެ. މިއީ އިންސާނެއްގެ ސިކުނޑި އަށް ވިސްނޭ ވަރަށްވުރެ ބޮޑެތި ކަންތަކެވެ.

(ذَٰلِكَ تَأْوِيلُ  ) ކަލޭގެފާނުގެ ގާތުގައި ތިމަންކަލޭގެފާނު ވަޢްދުވެފައިވާ ( سَأُنَبِّئُكَ بِتَأْوِيلِ)       “އެ ކަންތައްތަކުގެ تفسير ތިމަންކަލޭގެފާނު، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ.” މިވަޢުދގެ ތަފްސީރަކީ މިއީ އެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.