ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް
(އިއްޔެގެ ބަޔާ ގުޅޭ)
( حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا ﴿٩٣﴾ ) ” ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ.”
( بَيْنَ السَّدَّيْنِ ) މިއީ ވަރުގަދަ ދެފަރުބަދަ ދެމެދެވެ.
(وَجَدَ مِن دُونِهِمَا ) އެދެފަރުބަދަ ކައިރިން، އެދެފަރުބަދަ ދެމެދަކުން ނުވަތަ ފުރަގަހަކުންވެސް ނޫނެވެ. ނަމަވެސް، އެތަނުގެ ކައިރިންނެވެ.
( قَوْمًا ) ބަޔަކު މީހުން، ބުނެވޭ ގޮތުގައި އެއީ ތުރްކީ މީހުންނެވެ.
(لَّا يَكَادُونَ يَفْقَهُونَ قَوْلًا ) (يَفْقَهُونَ ) ގެ ދެގިރާއަތެއް ވެއެވެ. އެއީ ( يَفْقَهُونَ ) ޔާގައި އަބަފިލި ޖަހައިގެން. އަދި ( يُفْقِهُونَ ) ޔާގައި އުބުފިލި ޖަހައިގެން އަދި ގާފްގައި އިބިފިލި ޖަހައިގެންނެވެ.
( يَفْقَهُونَ ) ޔާގައި އަބަފިލި ޖަހައިގެން ނަމަ މާނައަކީ އެބައިމީހުންނަށް ނުވިސްނޭވާހަކަ އެވެ.
( يُفْقِهُونَ ) ޔާގައި އުބުފިލި ޖަހައިގެން އަދި ގާފްގައި އިބިފިލި ޖަހައިގެން ނަމަ މާނައަކީ: އެއްވެސް ބަޔަކަށް އެބައިމީހުންގެ ވާހަކަ ވިސްނައިނުދެވޭ ވާހަކަ އެވެ.
މިތަނުގައި މުރާދަކީ: އެބައިމީހުންގެ ބަހުރުވަ އެހެން ބަޔަކަށް ނޭނގެއެވެ. އަދި އެބައިމީހުންނަކަށްވެސް އެހެން ބަހުރުވައެއް ނޭނގެއެވެ.
( قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ﴿٩٤﴾ ) “އެއުރެން ބުނެފޫއެވެ. އޭ ذوالقرنين އެވެ! ހަމަކަށަވަރުން، يأجوج مأجوج ބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟”
މިތަނުގައި އުފެދޭ ސުވާލަކީ މީގެ ކުރީގެ އާޔަތުގައި އެބައިމީހުންނަކީ އެހެން ބަޔެއްގެ ބަހެއް ދަންނަ ބަޔަކު ނޫންކަމަށާއި، އަދި އެހެންބަޔަކަށް އެބައިމީހުންގެ ބަހުރުވަ ނޭނގޭކަމަށް ބަޔާން ކުރައްވާފައިވެއެވެ. އެހެންކަމަށްވަނީނަމަ، އެބައިމީހުން ޛުލްގަރްނައިން އާއި މުޚާޠަބު ކުރީ ކޮންގޮތަކަށް ކިހިނަކުން ހެއްޔެވެ؟ މީގެ ޖަވާބަކީ: މާތް ﷲ ވަނީ ޛުލްގަރްނައިން އަށް އެކަލޭގެފާނު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކޮންމެ ކަމެއް ކުރެވޭނެ މަގު ފަހިކޮށްދެއްވާފައެވެ. އެހެންކަމުން، އެބައިމީހުންނާއި ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވީ ހިނދުގައި އެބައިމީހުންގެ ބަހުރުވަ އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ ގޮތް މާތް ﷲ މިންވަރުކޮށްދެއްވިއެވެ. އެހެންކަމުން، އެބައިމީހުން އެކަލޭގެފާނާއި ވަރަށް ސާފުބަހުން ވާހަކަ ދެއްކިއެވެ.
(قَالُوا ) އެރަށުގެ މީހުން ބުންޏެވެ.
(يَا ذَا الْقَرْنَيْنِ ) އޭ ޛަލްގަރްނައިންއެވެ. އެކަލޭގެފާނުގެ ލަގަބުން މުޚާޠަބު ކުރެއްވީ މާތްކޮށް ހިއްތެވުމުގެ ގޮތުންނެވެ.
(إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ )
(يَأْجُوجَ وَمَأْجُوجَ ) މިއީ އާދަމްގެ ދަރިންގެ ދެ ގަބީލާ އަކަށް ކިޔޭ ނަމެކެވެ. ޔައުޖޫޖް ގަބީލާ އާއި މައުޖޫޖް ގަބީލާ އެވެ.
( مُفْسِدُونَ فِي الْأَرْضِ) މިބައިމީހުންނަކީ ބިންމަތީ ފަސާދަ އުފައްދާ އުޅޭ ބަޔެކެވެ. ފޭރުމާއި ވައްކަން ކުރުމާއި، ޝިރްކު ކުރުމާއި، މީސްތަކުން ޙައްގު މަގުން އެއްކިބާ ކުރުވުމާއި، މީހުން މެރުންފަދަ ކަންތައްތައް ކުރާ ބަޔެކެވެ. ވީމާ، ޔައުޖޫޖް މައުޖޫޖް ބާގައިގެ މީހުންގެ ފަސާދައިން އެބައިމީހުން ސަލާމަތްކޮށްދޭނެ ފަރާތަކަށް ވަނީ ބޭނުން ޖެހިފައެވެ.
(فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ) ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟”
މިއީ އެބައިމީހުންގެ އިޖްތިހާދެކެވެ. ނަމަވެސް، ރަގަޅު އިޖްތިހާދެއް ނޫނެވެ. ސަބަބަކީ ޛުލްގަރްނައިން އަކީ ދުނިޔޭގެ ހުޅަނގާއި އިރުމަތި ފަތަޙަ ކުރައްވާފައިވާ ބޭފުޅެއްކަމުން، “ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟” މިފަދައިން ނުދެންނެވޭނެއެވެ. މިފަދަ ޢިބާރާތަކުން ބުނާނީ ކަމެއްކޮށް ނުދެވޭ މީހެއްގެ ކައިރީގައެވެ. ނަމަވެސް، އެގޮތަށް އެބައިމީހުން ބުނި ސަބަބަކީ ޛުލްގަރްނައިންގެ ކިބައިން އެބައިމީހުން އެދުނުކަންތައް ނުކުރައްވާ ރައްދު ކުރައްވަފާނެކަމުގެ ބިރަށެވެ. ވީމާ، އެބައިމީހުންގެ ޙުއްޖަތަކީ ތިމަންމެން ކަލޭގެފާނުގެ ފަރާތްޕުޅުން ކަމަކަށް މިއެދެނީ އޭގެ ބަދަލުގައި އެއްޗެއް ދިނުމާއި އެކުގައެވެ. ހިލޭކޮށްދެއްވާށެކޭ ނޫނެވެ. ދެން ޛުލްގަރްނައިން ޖަވާބުގައި ވިދާޅުވިއެވެ.
( قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥﴾ ) “އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ.” މިއީ ސުލައިމާން ޢަލައިހިއްސަލާމް ވިދާޅުވިފަދަ ވާހަކަފުޅެކެވެ. ސަބައުގެ ރަސްކަމަނާ އެކަލޭގެފާނަށް ހަދިޔާ އެއް ހުށަހެޅުއްވި ހިނދުގައި ވިދާޅުވި ކަމަށް ސޫރަތުއް ނަމްލުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّـهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴿٣٦﴾ ) މާނައަކީ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ.”
މިއީ ﷲ ތަޢާލަ އިންސާނާ އަށް ދެއްވާފައިވާ ނިޢްމަތަށް ޝުކުރުވެރިވުމެވެ.
(فَأَعِينُونِي بِقُوَّةٍ ) ތިޔަބައިމީހުންގެ ހަށިތަކުން އަހަރެންނަށް އެހީތެރިކަން ދޭށެވެ. މުދަލުގެ އެހީތެރިކަން ބޭނުމެއް ނޫނެވެ. އަހަރެންގެ އަތުގައި ފުދޭވަރަށް މުދާ އެބަހުއްޓެވެ.
(أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ) “އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ.”
އެބައިމީހުން ޛުލްގަރްނައިންގެ ކިބައިން އެދުނީ “ސައްދެއް” (ހުރަހެއް) ލައި ދެއްވުމަށެވެ. ނަމަވެސް، ޛުލްގަރްނައިން އަށް ވިސްނިވަޑައިގަތީ އެބައިމީހުންގެ މަޞްލަޙަތު އެންމެ ރަގަޅުވާނެ ގޮތަކީ “ސައްދު” އަކަށް ވުރެ ވަރުގަދަ “ރަދްމު” އެއް ބިނާކޮށްދެއްވާށެވެ. ރަދްމަކީ ސައްދަށްވުރެ ވަރުގަދަކޮށް ހުރަހެއް ލުމެވެ. ސައްދަކީ ހަމަ އެކަނި ހުރަހެކެވެ. ނަމަވެސް ރަދްމަކީ މަތިމައްޗަށް ވެއްޔާއި ހިލައަޅާ ވަރުގަދަ އަށް ހުރަހެއް ލުމެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ، ރާނާފައި ހުންނަ ފާރަކާއި ކޮންކްރިޓްކޮށްފައި ހުންނަ ފާރަކާއި ތަފާތުވާ ގޮތަށެވެ.
(آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ﴿٩٦﴾ )
(آتُونِي زُبَرَ الْحَدِيدِ ) ތިމަންނާ އަށް ދަގަނޑު ބުރިވަރުތައް ގެނެސްދޭށެވެ. ދެން އެބައިމީހުން ދަގަނޑު ބުރިވަރުތައް ޖަމާކޮށް ފަރުބަދަތަކާއި ހަމައަށް އުސްކޮށް ފުނިޖަހާލިއެވެ.
( حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ ) ދެން އެދެފަރުބަދަ ދެމެދުގައި އޮތްތަން ފުރޭވަރަށް ދަގަނޑުތައް ޖަމަޢަ ކުރެއްވިއެވެ. އެހިނދުގައި ޛުލްގަރްނައިން އެބައިމީހުން ގާތުގައި ވިދާޅުވިއެވެ.
( قَالَ انفُخُوا ) ތިޔަބައިމީހުން އެދަނގަޑުތަކަށް ފުމޭށެވެ. މިތަނުގައި ފުމެން އަމުރުކުރައްވާފައިވަނީ ތުންފަތުން ފުމޭކަށް ނޫނެވެ. ނަމަވެސް، ޛުލްގަރްނައިންގެ އަތްޕުޅުގައި ހުރި އާލަތްތައް ބޭނުން ކުރައްވައިގެންނެވެ. މާތް ﷲ ވަނީ އެކަލޭގެފާނަށް އެހުރިހާ ބާރުތަކެއް ދެއްވާފައެވެ. ދެން އެބައިމީހުން އެއާލަތްތައް ބޭނުންކޮށްގެން ދަނގަޑުތަކަށް ފުމުނެވެ.
(حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ﴿٩٦﴾ ) އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.
(فَمَا اسْطَاعُوا أَن يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا ﴿٩٧﴾ ) “ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އެއީ އޭގެ އުސްކަމުގެ ސަބަބުންނެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ. އެއީ އޭގެ ބޯކަމުންނެވެ.”
(قَالَ هَـٰذَا رَحْمَةٌ مِّن رَّبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا ﴿٩٨﴾ )
(قَالَ هَـٰذَا رَحْمَةٌ مِّن رَّبِّي ) ” އޭނާ (ޛުލްގަރްނައިން) ވިދާޅުވިއެވެ. މިއީ ތިމަންގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެކެވެ.” ޞާލިޙް އަޅުންގެ ގޮތް ނިކަން ބައްލަވާށެވެ. އެމީހުންގެ އަމިއްލަ ޢަމަލުތައް އަމިއްލަ ނަފްސަށް ނިސްބަތްކުރުމުގެ ބަދަލުގައި ﷲ ތަޢާލާ އަށް ނިސްބަތް ކުރެއެވެ. މިކަމަކީ ތިމަންނާގެ ކުޅަދާނަކަމަކުންވީ ކަމެއް ނޫނެވެ. މިއީ ﷲ ގެ ރަޙްމަތާއި އެކަލާންގެ ފަޟްލުވަންތަކަމުންވީ ކަމެކެވެ.
( فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ) “ފަހެ، ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު (ގެ ވަގުތު) އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުށްޓެވެ.”
عَنْ زَيْنَبَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَتِ : اسْتَيْقَظَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، مِنْ نَوْمِهِ ، مُحْمَرًّا وَجْهُهُ ، وَهُوَ يَقُولُ : ” لا إِلَهَ إِلا اللَّهُ ، ثَلاثَ مَرَّاتٍ ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ ، فُتِحَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذَا ، وَحَلَّقَ حَلَقَةً بِإِصْبَعِهِ ، قُلْتُ : يَا رَسُولَ اللَّهِ ، أَنَهْلِكُ وَفِينَا الصَّالِحُونَ ؟ قَالَ : نَعَمْ ، إِذَا كَثُرَ الْخَبَثُ ” މާނައަކީ: “އުއްމުލް މުއިމިނީނަ ޒައިނަބް ބިން ޖަޙްޝިގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މޫނުފުޅު ރަތްވެފައި ހުންނަވާ ހޭފުޅުލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. (މިފަދައިން ތިންފަހަރަށް ތަކްރާރު ކުރެއްވިއެވެ.) “ޢަރަބިންނަށް އައުން ގާތްވެފައިވާ ހަލާކެއްގެ ބޮޑުކަމާއެވެ. މިއަދު ޔައުޖޫޖް މައުޖޫޖްގެ ރަދްމުން (ހުރަހުން) މިންވަރެއް ހުޅުވިއްޖެއެވެ. މިފަދައިން ޙަދީޘް ކުރެއްވުމަށްފަހުގައި އެކަލޭގެފާނުގެ އިނގިލިފުޅުން އެމިންވަރަކަށް އިޝާރާތްކުރެއްވިއެވެ.” ޒައިނަބް ވިދާޅުވިއެވެ. “ﷲ ގެ ރަސޫލާ އެވެ. އަހަރުމެންގެ ތެރޭގައި ޞާލިޙުން ތިއްބާވެސް އަހަރުމެން ހަލާކުވެދާނެ ހެއްޔެވެ؟” ޙަދީޘް ކުރެއްވިއެވެ. “އާ އެކެވެ. ފާފަ ގިނަވެއްޖެނަމައެވެ.” މި ޙަދީޘްގައި އިޝާރާތް ކުރައްވާފައިވާ އެވަނީ ޔައުޖޫޖް މައުޖޫޖް މީހުންގެ އުނދަގުލުން މީސްތަކުން ސަލާމަތްކުރުމަށް ޓަކައި ޛުލްގަރްނައިން ބިނާ ކުރެއްވި ހުރަހުގެ ކުޑަމިންވަރެއް އެމީހުން ހަލާކުކޮށްލައިފި ކަމެވެ. އެމީހުން ދުވަހުން ދުވަހަކަށް ދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ. ދެން ގިޔާމަތް ކައިރިވުމުން، ﷲ އިރާދަކުރެއްވި ވަގުތެއް ޖެހުމުން އެކަން ވެގެންދާނެއެވެ.
(وَكَانَ وَعْدُ رَبِّي حَقًّا) “އަދި ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު، حق ތެދުކަމުގައިވިއެވެ.” މިތަނުގައި މިވާ ” وعد ” އަކީ ކޮބައި ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ.
- އެވަޢުދުފުޅަކީ ފަހުޒަމާނުގައި ﷲ ތަޢާލާ އެބައިމީހުން ނެރުއްވާނެކަމެވެ. އެކަންވާނީ، ދައްޖާލުފާޅުވެ، އޭނާ ގަތުލުކުރެވޭ ފަހުންނެވެ.
- ﷲ ތަޢާލާ ވަޢުދުވެ ވޮޑިގެންފައިވާ ކޮންމެ ކަމެއް ވުމެވެ.
(وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا ﴿٩٩﴾ )
( وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ) “އެދުވަހުން، ތިމަންރަސްކަލާނގެ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އުތުރިއަރާގޮތަށް ދޫކޮށްލައްވާހުށީމެވެ.”
(وَنُفِخَ فِي الصُّورِ ) ” އަދި ތާޅަފިލި ފުމެލައްވާހުށްޓެވެ.” ތާޅަފިލި ފުމެލައްވާނީ އިސްރާފީލް ޢަލައިހިއްސަލާމް އެވެ. އެދުވަހުން ﷲ ގެ އަމުރުފުޅަށް ދެފަހަރު ތާޅަފިލި ފުމެލެވޭނެއެވެ. އެހިނދު ކަންފަތްތައް ގުގުމާލުމަށްފަހު، ހިތްތައް ބިރުން ތެޅިގަންނާނެއެވެ. ސޫރަތުއް ނަމްލުގެ 87 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۚ وَكُلٌّ أَتَوْهُ دَاخِرِينَ ) މާނައަކީ: ” ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ. ފަހެ (އެހިނދު) ﷲ އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި އެއިލާހުގެ ޙަޟްރަތަށް އަންނާނެތެވެ.”
ސޫރަތުއް ޒުމަރުގެ 68 ވަނަ އާޔަތުގައި މާތް ﷲވަޙީ ކުރައްވާފައިވެއެވެ. (وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ) މާނައަކީ: ” ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ.” (ނުނިމޭ)