ސޫރަތުލް ޙުޖުރާތުގެ ތަފްސީރު

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

މާތް ﷲ ވަޙީ ކުރައްވައެވެ. (لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ‌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا  )[1] މާނައަކީ: ” ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.” އަދިވެސް ވަޙީ ކުރައްވައެވެ. (إِنَّ اللَّـهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْ‌حَامِ ۖ وَمَا تَدْرِ‌ي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِ‌ي نَفْسٌ بِأَيِّ أَرْ‌ضٍ تَمُوتُ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ‌ ﴿٣٤﴾  )[2] މާނައަކީ: ” ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.” އަދިވެސް ވަޙީ ކުރައްވައެވެ. (وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ‌ وَالْبَحْرِ‌ ۚ وَمَا تَسْقُطُ مِن وَرَ‌قَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْ‌ضِ وَلَا رَ‌طْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾  )[3] މާނައަކީ: ” އަދި غيب ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.” އަދިވެސް ވަޙީ ކުރައްވައެވެ. (إِنَّ اللَّـهَ لَا يَخْفَىٰ عَلَيْهِ شَيْءٌ فِي الْأَرْ‌ضِ وَلَا فِي السَّمَاءِ  )[4] މާނައަކީ: ” ހަމަކަށަވަރުން، اللَّه އީ، ބިމާއި އުޑުގައިވާ އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެންނުވާ ރަސްކަލާނގެއެވެ.”

ވީމާ، ﷲ ގެ ޢިލްމުވަނީ ހުރިހާ އެއްޗަކަށް ވުރެ މަތިވެރިވެގެންނެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. އިންސާނާގެ ހިތުގައި ފޮރުވާފައި އޮންނަ ކަންތައްވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަން ފުރިހަމަ އަށް އެނގި ގަބޫލުކޮށްފިމީހާ ﷲ ރުހިވޮޑިގެން ނުވާ ކަމެއް ނުކުރާނެއެވެ. އަދި ﷲ ރުހިވޮޑިގެން ނުވާ ކަމެއް ހިތުގެ ތެރޭގައި ފޮރުވާފައެއްވެސް ނުބާއްވާނެއެވެ.

(حَكِيمٌ) ﷲ ތަޢާލާގެ ކޮންމެ ނިންމެވުމަކީވެސް ޚަލްގުތަކުންނަށް ހެޔޮގޮތްތައް މެދުވެރި ކުރެއްވުމަށް ޓަކައި ނިންމަވާފައިވާ ޙިކްމަތްތެރި ގޮތްތަކެކެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (حِكْمَةٌ بَالِغَةٌ ۖ فَمَا تُغْنِ النُّذُرُ‌)[5] މާނައަކީ: ” (މިއީ) ފުރިހަމަވެގެންވާ حكمة އެކެވެ. ފަހެ، إنذار ތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ.” އަދިވެސް ވަޙީ ކުރައްވައެވެ. (أَلَيْسَ اللَّـهُ بِأَحْكَمِ الْحَاكِمِينَ)[6] މާނައަކީ: ” حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟”  އަދިވެސް ވަޙީ ކުރައްވައެވެ.  (وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ )[7] މާނައަކީ: ” ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟”

ޙިކްމާގެ އެހެން މާނަ އެއްވެސް ވެއެވެ. އެއީ ކަމެއްގެ އެންމެ ފަހުބަސް އިއްވުމެވެ. މި މާނައަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّـهِ ۚ ذَٰلِكُمُ اللَّـهُ رَ‌بِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ)[8] މާނައަކީ: ” އަދި ތިޔަބައިމީހުން އެކަމަކާމެދުގައި خلاف ވާ ކޮންމެ ކަމެއްގެ حكم ކުރެއްވުންވަނީ، اللَّه އަށެވެ. އެއީ اللَّه އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އަދި توبة ވަނީ ހަމައެކަލާނގެ حضرة އަށެވެ.”  އަދިވެސް ވަޙީ ކުރައްވައެވެ. (فَإِن تَنَازَعْتُمْ فِي شَيْءٍ فَرُ‌دُّوهُ إِلَى اللَّـهِ وَالرَّ‌سُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌)[9] މާނައަކީ: ” ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ.”

(وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَ‌ىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ‌ اللَّـهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٩﴾)

(طَائِفَتَانِ) މިއީ “ޠާއިފާ” ގެ މުޘައްނާ އެވެ. ނުވަތަ ދެބައިމީހުންނަށް ބޭނުން ކުރެވޭ ގޮތެވެ. “ޠާއިފާ” އަކީ މީސްތަކުންގެ ތެރެއިން ބަޔެކެވެ. ނުވަތަ ޖަމާޢަތެއްގެ ބަޔެކެވެ.

(اقْتَتَلُوا ) މިއީ ޖަމްޢުގެ ޞީޣާ އެވެ. މިތަނުގައި ޖަމްޢުގެ ޞީޣާ ބޭނުން ކުރެވިފައިވަނީ ކޮންމެ “ޠާއިފާ” ނުވަތަ “ޖަމާޢަތެއް” ގައި އެތައް ބަޔަކު ހިމެނޭނެތީވެއެވެ.

މުސްލިމުންގެ މެދުގައި ތަޅާފޮޅުން އުފެދިއްޖެނަމަ އެކަން ދެނެހުރި މީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ. އެހެންވެ ވަޙީ ކުރައްވަނީ (فَأَصْلِحُوا بَيْنَهُمَا  ) އެބައިމީހުންގެ މެދުގައި ޞުލްޙަ ގާއިމު ކުރުމަށް މަސައްކަތް ކުރާށެވެ. އެއީ ފައިސާ ހޭދަކޮށްގެން ކަމުގައިވީނަމަވެސް އެވެ. ޞުލްޙަ ވުމަށް ޓަކައި އަނެކާ އަށް ތިމާގެ ޙައްގު ދޫކޮށްލަން ޖެހުނު ކަމުގައިވީނަމަވެސް އެގޮތް (ސުލްޙަވުން) އިޚްތިޔާރު ކުރާށެވެ. އެހެނީ (وَالصُّلْحُ خَيْرٌ‌  )[10] މާނައަކީ: ” صلح ވުން ހެޔޮކަން ބޮޑެވެ.”

ޞުލްޙަ ކުރުމަށް ފަހުގައިވެސް އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އަނިޔާވެރިވެއްޖެނަމަ ކަންތައް ކުރަންވީ ގޮތް އަންގަވާ ވަޙީ ކުރައްވަނީ (فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَ‌ىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ‌ اللَّـهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٩﴾)  )[11] މާނައަކީ: ” އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް بغاوة ކޮށްފިނަމަ، އެ بغاوة ކުރިމީހުން اللَّه ގެ أمر ފުޅަށް رجوع ވެއްޖައުމަށްދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން رجوع ވެއްޖެނަމަ، ފަހެ، عدل ވެރިގޮތުން އެދެބައިމީހުންގެ ދެމެދު صلح ކުރާށެވެ! އަދި ތިޔަބައިމީހުން عدل ވެރިވާށެވެ! ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.”

(أَمْرِ‌ اللَّـهِ  ) މުރާދަކީ ﷲ ގެ ދީނާއި ޝަރީޢަތެވެ.

ބަޣާވާތެއް ކަމުގައި ބެލެވޭނީ އެބައިމީހުންގެ ކިބައިގާ ހަތަރު ޝަރްޠެއް ހަމަވާނަމައެވެ.

  1. ޢަދުލުވެރި އިމާމަކާ ދެކޮޅަށް ނިކުތުން.
  2. ބާރު ހުރި ޖަމާޢަތެއްގެ ބަޔަކު ހަތިޔާރާއިގެން ޙާކިމާ އާއި ދެކޮޅަށް ނިކުތުން.
  3. ޙާކިމާ އާއި ދެކޮޅަށް ނިކުންނަނީ ގަބޫލުކުރެވޭ ފަދަ  ސަބަބުތަކެއް ހުރެގެން ކަމުގައިނުވުން.
  4. އެބައިމީހުން ކިޔަމަންވާ ލީޑަރަކު އެބައިމީހުންގެ ތެރޭގައި ހުރުން.

އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިންގެ އިޞްޠިލާޙުގައި ބާޣީންނަކީ ހަތިޔާރާއި ބާރާއި އެކު، ޢަދުލުވެރި ޙާކިމާ އާއި ދެކޮޅަށް ނިކުމެ، ޙާކިމާ އަށް އަދާ ކުރަން ޖެހޭ ވާޖިބުތަކުން ދުރުހެލިވެ، އެކަމުން މަނާވެގަންނަ މީހުންނެވެ.

އިސްވެ ބަޔާން ކުރެވުނު ވާހަކަތަކުން ބާޣީންނަކީ ކޮބައިކަން ސާފުވެއްޖެއެވެ. ދެން މިބަލައިލަނީ ކަނޑިބަޑީގެ ބާރުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގެ މައްސަލާގައި ޢިލްމުވެރިންގެ ރައުޔެވެ. ސަބަބަކީ އަނިޔާވެރި ވެރިޔެއް ނުވަތަ ބިދްޢަވެރި ވެރިޔަކާ ދެކޮޅަށް ނިކުތުމަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގެ ތެރޭގައި ހިމެނޭ ކަމަކަށްވީތީވެއެވެ.

ހުރިހާ ދަންނަ ބޭކަލުން އިޖްމާޢުވެލައްވާ ގޮތުގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ ވާޖިބު ކަމެކެވެ. ސޫރަތު އާލުޢިމްރާންގެ 104 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ‌ وَيَأْمُرُ‌ونَ بِالْمَعْرُ‌وفِ وَيَنْهَوْنَ عَنِ الْمُنكَرِ‌ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ) މާނައަކީ: ” ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (من رأى منكم منكراً فليغيره بيده إن استطاع، فإن لم يستطع فبلسانه، فإن لم يستطع فبقلبه وذلك أضعف الإيمان، ليس بعد ذلك من الإيمان شيء) މާނައަކީ: “ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ކުޅަދާނަކަން ލިބިގެންވާ މީހާ އަތުން މަނާ ކުރާ ހުށިކަމެވެ. އެކަމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ ދުލުން މަނާ ކުރާ ހުށިކަމެވެ. އެކަމުގެ ކުޅަދާނަކަންވެސް ލިބިގެން ނުވާ މީހާ އެމީހެއްގެ ހިތުން މަނާ ކުރާ ހުށިކަމެވެ. އެއީ އީމާން ކަމުގެ އެންމެ ދަށުދަރަޖައެވެ. އެއަށްފަހު އީމާންކަމުގެ މިންވަރެއް ނެތެވެ.”

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި ހަމައެކަނި އޮތީ ދުލުންނާއި ހިތުން މަނާ ކުރުންތޯ ނުވަތަ އަތާއި ކަނޑީގެ ބޭނުންވެސް ކުރެވިދާނެތޯ، މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

وعن أبي بكر الصديق رضي الله عنه أنه تلا قوله تعالى : ” يَأَيُّهَا النَّاسُ إِنَّكُمْ تَقْرَءُونَ هَذِهِ الآيَةَ ، وَتَضَعُونَهَا عَلَى غَيْرِ مَا وَضَعَهَا اللَّهُ , عَزَّ وَجَلَّ يَأَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ لا يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ سورة المائدة آية 105 إِنَّ النَّاسَ إِذَا رَأَوُا الْمُنْكَرَ فَلَمْ يُغَيِّرُوهُ يُوشِكُ أَنْ يَعُمَّهُمُ اللَّهُ بِعِقَابٍ [12] މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުއްޞިއްދީގުގެ ކިބައިން ރިވާވެގެން ވެއެވެ. މާތް ﷲ ގެ ވަޙީގެ ބަސްފުޅު (يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّ‌كُم مَّن ضَلَّ إِذَا اهْتَدَيْتُمْ) ކިޔަވާ ވިދާޅުވުމަށްފަހުގައި ވިދާޅުވިއެވެ. “އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން މިއާޔަތް ކިޔެވުމަށްފަހު ނުބައިކޮށް މާނަކޮށް އުޅެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. “ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތްފެނި އެކަން މަނާ ނުކޮށްފިނަމަ، ހުރިހާ އެންމެންނަށް ޢާއްމުވެ ޝާމިލުވާ ފަދަ ކޯފާ އެއް އައުމަކީ ގާތުގައިވާ ކަމެކެވެ.” އެހެން ރިވާޔަތެއްގައިވެއެވެ. “ހަމަކަށަވަރުން، މީސްތަކުންނަށް އަނިޔާވެރިޔާގެ އަނިޔާވެރިކަން ފެނި، އޭނާގެ ދެއަތުގައި ނުހިފަހައްޓައިފިނަމަ، ހުރިހާ އެންމެންގެ މައްޗަށް ޢާއްމުވެ ޝާމިލުވެގެންވާ ފަދަ ކޯފާ އެއް ޢަޛާބެއް ފޮނުއްވުން ގާތްވެގެންވެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (مَا مِنْ نَبِيٍّ بَعَثَهُ اللَّهُ فِي أُمَّةٍ قَبْلِي ، إِلَّا كَانَ لَهُ مِنْ أُمَّتِهِ حَوَارِيُّونَ ، وَأَصْحَابٌ يَأْخُذُونَ بِسُنَّتِهِ وَيَقْتَدُونَ بِأَمْرِهِ ، ثُمَّ إِنَّهَا تَخْلُفُ مِنْ بَعْدِهِمْ خُلُوفٌ ، يَقُولُونَ مَا لَا يَفْعَلُونَ ، وَيَفْعَلُونَ مَا لَا يُؤْمَرُونَ ، فَمَنْ جَاهَدَهُمْ بِيَدِهِ فَهُوَ مُؤْمِنٌ ، وَمَنْ جَاهَدَهُمْ بِلِسَانِهِ فَهُوَ مُؤْمِنٌ ، وَمَنْ جَاهَدَهُمْ بِقَلْبِهِ فَهُوَ مُؤْمِنٌ ، وَلَيْسَ وَرَاءَ ذَلِكَ مِنَ الإِيمَانِ ، حَبَّةُ خَرْدَلٍ)[13] މާނައަކީ: “ތިމަންކަލޭގެފާނުގެ ކުރިން ފޮނުއްވި ކޮންމެ ނަބީ ބޭކަލެއްގެ އުއްމަތުގައިވެސް ޙަވާރިއްޔަ ބަޔަކު ވެއެވެ. އަދި އެނަބީ ބޭކަލެއްގެ ސުންނަތުގައި ހިފާ، އެނަބިއްޔެއްގެ އަމުރުފުޅުތަކުގައި ހިފެހެއްޓޭތޯ ބަލާ އަޞްޙާބުންތަކެއްވެސް ވެއެވެ. އޭގެފަހުން އައި ބަޔަކު އެމީހުން ނުކުރާކަންތަކުގެ ވާހަކަ ދައްކާ ހަދައެވެ. އަދި އެބައިމީހުންނަށް އަމުރުވެވިގެން ނުވާ ކަންތައްތަކެއް ކޮށް އުޅުނެވެ. އެމީހެއްގެ އަތުން އެބައިމީހުންނާއި ޖިހާދު ކޮށްފި މީހަކީ މުއިމިނެކެވެ. އެމީހެއްގެ ދުލުން އެބައިމީހުންނާއި ޖިހާދު ކޮށްފި މީހަކީ މުއިމިނެކެވެ. އެމީހެއްގެ ހިތުން އެބައިމީހުންނާއި ޖިހާދު ކޮށްފި މީހަކީ މުއިމިނެކެވެ. އެޔަށްފަހުގައި އީމާންކަމުގެ ރެވިއޮށްޓަރެއްގެ މިންވަރުވެސް ނުވެއެވެ.” މިޙަދީޘް އަށް ތަޢްލީގު ކުރައްވަމުން އިބްނު ރަޖަބު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “މިއިން ދޭހަކޮށްދެނީ ވެރިންނާއި ދެކޮޅަށް އަތުން ޖިހާދު ކުރެވިދާނެ ކަމެވެ.”

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރެވޭނީ ހަމައެކަނި ދުލުންނާއި ހިތުން ކަމުގައި ވިދާޅުވާ ޢިލްމުވެރިންނާއި ބެހޭ ގޮތުން އިބްނު ޙަޒްމު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ޢަދުލުވެރި އިމާމެއްގެ ގާތުގައި ފާސިގަކު ހުރެ ފަސާދަ ކުރަން ފަށައިފިނަމަ، އެކަން މަނާ ކުރުމަށް ކަނޑީގެ ބޭނުން ކުރުން ވާޖިބު ވެއްޖެ ކަމަށް އެއްވެސް ޚިލާފެއް ނެތި ޢިލްމުވެރިން ވދާޅުވެއެވެ.”

އިބްނު ޙަޒްމު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “އެނޫން ގޮތަކުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ނުކުރެވިއްޖެނަމަ، ކަނޑީގެ ބޭނުން ކުރުމަކީ ވާޖިބު ކަމެކެވެ.”ދެން މި ބަލައިލަނީ ކަނޑީގެ ބޭނުން ކޮށްގެން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ވާހަކަތަކަށެވެ. އަދި އަނިޔާވެރި ޙާކިމަކާ ދެކޮޅަށް ނިކުމެވިދާނެ ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ރައުޔުތަކަށެވެ.   (ނުނިމޭ)


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.