ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް ” އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ލިބިއްޖެއެވެ.
ސިންގަޕޫރުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއްކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ހޮވިފައެވެ.
ބޭންކުގެ ފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެފައިވަނީ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް މެނޭޖަރ މުޙައްމަދު އަޝްރަފް އާއި އެންޕްލޯއީ ރިލޭޝަންސް މެނޭޖަރ އާސިޔަތު މުޙައްމަދު އެވެ.
މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަދައްކަވަމުން، ބޭންކް އޮފް މޯލްޑިވްސްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ ” މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔަރގެ ގޮތުގައި މި އަހަރުވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް ވިދިވިދިގެން ތިންފަހަރު އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް ލިބުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް. އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. މި އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކަށް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން.”
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. “އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް” ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުން ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.