މާއްޑު އަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސާނަން: ރައީސް ވަހީދު

     "ގައުމައިގެން ކުރިއަށް" ކޯލިޝަނުން އޭދަފުށީގައި ރޭ ބޭއްވި ޖަލްސާ.---ފޮޓޯ: ޑީއާރުޕީ

“ގައުމައިގެން ކުރިއަށް” ކޯލިޝަނުން އޭދަފުށީގައި ރޭ ބޭއްވި ޖަލްސާ.—ފޮޓޯ: ޑީއާރުޕީ

ބ. އޭދަފުށީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާއްޑޫ އަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި އަންނަ ހަފުތާގައި ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ މުހަންމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އޭދަފުށީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ މި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ގޯތި ގެދޮރު ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި އެކަން ހައްލު ކުރެވެން އޮތީ މާއްޑު އަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސައިގެން ކަމަށެވެ.

“އެހެންވީމާ އެކަން އެގޮތަށް އިރާދަކުރެއްވިއްޔާ އަންނަ ހަފުތާ ތެރޭގައި އަޅުގަނޑު ހަމަޖައްސާނަން. ކޮންމެ މީހަކު ވެސް ވާނީ އެމީހަކަށް ކުރެވޭ ވަރުގެ ވާހަކަ ދައްކަން. އެކަމަކީ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ކުރެޥޭ ވަރުގެ ކަމެއް،” ރައީސް ވަހީދު ވިދާޅުވި އެވެ.

ވަރުވާގެ އުސޫލުން މީގެ 25 އަހަރު ކުރިން މ. ބަގީޗާގޭ ކުޑަސިއްތި އަށް ދޫކޮށްފާއިވާ މާއްޑޫގެ އެއްބަސްވުމާ ހިލާފަށް މަސައްކަތްތަކެއްކޮށް އަދި ބަންޑާރަ ލަކުޑީގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ފުނަ ގަސް ރަށުން ބޭރުކުރަން އުޅުނު މައްސަލައެއްގައި އެ ރަށް ވަނީ ޖުލައި 28، 2013 އިން ފެށިގެން ވަގުތީ ގޮތުން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފައި ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފައިވެ އެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނެފައި ވަނީ އޭދަފުށީގެ ބިމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާތީ ރަށުގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައި ދިނުމަށް އެދި ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ވަރަށް ބޮޑަށް އެދުނު ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެކަމަށް އަލިމަގެއް ނުފެނުނު ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

އަތޮޅުތެރޭ ރަށްރަށުން ގެނައި މީހުންނާއެކު ގާތްގަޑަކަށް 250 އެއްހާ މީހުން ބައިވެރިވި ރޭގެ ޖަލްސާގައި ވަހީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކޮންމެ ރައްޔިތެއްގެ ބޮލުގައި 100،000ރ. ގެ ދަރަނި އެޅިފައި އޮތެވެ. އެހެން ނަމަވެސް މިއަދު އެ ދަރަނި ވަނީ 70،000ރ. އަށް ދަށް ކުރެވިފައި ކަމަށެވެ.

“ﷲ އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް އިތުރު ފުރުސަތެއް ލިބިއްޖިއްޔާ މި އަދަދު މިއަށް ވުރެން މާބޮޑަށް އަޅުގަނޑުމެން ކުޑަކުރާނަން. އަޅުގަނޑުމެން ސްކޫލުތަކުގެ ފާހާނާތައް މަރާމާތު ނުކުރެވި، އަޅުގަނޑުމެންގެ ކައުންސިލްތަކަށް ދޭންޖެހޭ ފައިސާ ހަމައަށް ނުދެވި، އަޅުގަނޑުމެންގެ އަންހެން ބޭކަނބަލުން ރަށް ސާފުކުރެއްވީމާ ދޭންޖެހޭ އުޖޫރަ ނުދެވި، މިކަން މިހެން ހިނގީ ސަބަބެއް ނެތިއެއް ނޫން. އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެކަން ނުކުރަން ބޭނުން ވާތީއެއް ނޫން. ނަމަވެސް އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި ހުރި ދަރަނީގެ ބޮޑުކަމުން. ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ އިތުރުން ހަމައެކަނި އަޅުގަނޑުމެންގެ އެކިއެކި ވިޔަފާރިވެރިންނަށާއި އެކިއެކި ކުންފުނިތަކަށް ނުދައްކައި ހުރި ބިލްތަކުގެ އަދަދު ދެ ބިލިއަން ރުފިޔާ، 2000 މިލިއަން ރުފިޔާގެ ބިލް ނުދައްކައި ހުރި،” ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ގިނަ ބިލްތަކަކަށް ފައިސާ ދައްކަން ސަރުކާރަށް ނުޖެހޭނެ ކަމަށާއި އެހެންވެ އަންނަ އަހަރު “މާ ތަނަވަސްކޮށް” އުޅެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ވަހީދު އިއްޔެ ހަވީރު މިރަށަށް ވަޑައިގެންނެވުމުން “ގައުމާއިގެ ކުރިއަށް” ކޯލިޝަންގެ ސަޕޯޓަރުން  މަރުހަބާ ދެންނެވުމަށް ޖަމާވަމުން ދިޔައީ ވެހެމުން ދިޔަ ވާރޭގަ އެވެ. މަރުހަބާ ދެންނެވުމަށް އައިސްތިބި މީހުންގެ ތެރެއިން ގިނައިން ތިބީ އަތޮޅުތެރޭ ރަށްރަށުން އައިސްތިބި މީހުން ކަން ފާހަގަ ކުރެވެއެވެ. ރައީސް ވަހީދު އޭދަފުއްޓަށް ވަޑައިގެންނެވި ލޯންޗު ފަޅަށް ވަނުމާއެކު އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެމަނިކުފާނަށް “ބާޣީ”އަށް ގޮވައި ހަދައިފަ އެވެ. އަދި ވަހީދު ވަޑައިގެންނެވި ވަގުތާ ދިމާކޮށް އެމްޑީޕީން ވަނީ އެއްބުރުން ސައިކަލު ބުރެއްވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.