
އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކޮށް ކޮމެޓީތަކަށް ހިތްވަރުދިނުމަށް ކޮންމެ މެންބަރަކަށް މަހަކު 125ރ.ގެ އެލަވަންސެއް ދިނުމަށް ކެބިނެޓުން ފާސްކޮށްފި އެވެ.
ވެލާނާގޭގައި ޖެންޑަ މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އާމާލް އަލީ ވިދާޅުވީ އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ އެދެވޭ ގޮތެއްގައި ނޫން ކަމަށެވެ. ނަމަވެސް އަންހެނުންގެ 152 ކޮމެޓީއެއް އިންތިހާބުކޮށް ރަށްރަށުގައި ވޮލަންޓިއާކޮށް އެކި މަސައްކަތްތައް ކުރަމުން އަންނާތީ އެ ކޮމެޓީތަކަށް ހިތްވަރު ދޭން އެލަވަންސްގެ ދިނުން އަވަސްކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ކެބިނެޓުން ނިންމާފައިވަނީ އަންހެނުންގެ ކޮމިޓީގެ ހަތަރު މެންބަރުންނަށް މަހަކު 500ރ. ދިނުމަށެވެ. އޭރުން ކޮންމެ މެންބަރަކަށް މަހަކު ލިބޭނީ 125ރ. އެވެ.
އެހެން ނަމަވެސް އެއީ ކުޑަ އަދަދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއްވެސް އެއްޗެއް ނުދިނުމަށް ވުރެ ކުރިއަށް ދާން ހިތްވަރެއްގެ ގޮތުން އެލަވަންސް ދޭން ފެށުން ރަނގަޅު ކަމަށް މިނިސްޓަރު އާމާލް ވިދާޅުވި އެވެ.
އާމާލް ވިދާޅުވި ގޮތުގައި ވަކި އުސޫލެއްގެ ތެރެއިން އަންހެނުންގެ ކޮމެޓީ އަށް އެލަވަންސެއް ދޭން ކަނޑައަޅާފައި އޮތަސް މިހާތަނަށް އެ އަދަދު ލިބިފައެއް ނުވެ އެވެ. ރަށްރަށުގެ ހާލަތު ހުރި ގޮތުން އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް އަންހެނުންގެ ކޮމެޓީތައް އިންތިހާބުވުމުގެ ކުރިން ބައެއް ރަށްރަށުގެ ތަރައްގީ އަށް މަސައްކަތްކޮށް އެކައުންޓްތަކުގައި ކޮމެޓީތަކުގެ ފައިސާ ހުރިކަމަށާއި އެ ފައިސާއާ ގުޅޭ ގޮތުން ލޯކަލް ގަވަރްމަންޓް އޮތޯރިޓީއާ މަޝްވަރާކޮށް ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.