
ބ. އޭދަފުށީ ޔޫ ސްޕޯޓްސް އިން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަަ މުބާރާތް އެސްޓީއޯ އިން ސްޕޮންސާކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން މުބާރާތް ސްޕޮންސާކޮށްފައި ވަނީ އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ ހިކި ކިރެއްކަމަށްވާ “އަލް މުދިސް” ބްރޭންޑެވެ. އެސްޓީއޯއިން އަންނަނީ ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ސްޕޮންސާތަކެއް ދެމުންނެވެ.
މުބާރާތުގެ އޯގަނައިޒިން ކޮމެޓީގެ ފަރާތުން ވާހަކަދެއްކި އަލީ ޝަފީގު ބުނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޓީމު ރަޖިސްޓްރީ ކުރާ ފޯމް ޔޫ ސްޕޯޓްސް އިން ލިބެން ހުންނާނެ ކަމަށެވެ. އަދި މުބާރާތުގެ އިތުރު ސްޕޮންސާތައް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް އަލީ ޝަފީގު ވިދާޅުވި އެވެ.
ބ. އަތޮޅުގައި ކުޅުންތެރިން އުފައްދައި، ފަސްޓް ޑިވިޝަނުން ބ. އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީއާ ދިމާކޮށް އޭދަފުށީގަ އެވެ. މި މުބާރާތުގައި ބައިވެރި ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ، ދަރަވަންދޫ، މާޅޮސް، ކެންދޫ، ފެހެންދޫ، ދޮންފަން، ކުޑަރިކިލު އަދި އޭދަފުއްޓެވެ.
އޭދަފުއްޓަކީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދައިފައިވާ ރަށެކެވެ. މީގެ ތެރެއިން މިހާރު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު (ޝާފީ) އާއި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.