އެމްޑީޕީއަށް ލިބެމުން އަންނަ ކުރިއެރުން

އޭދަފުށި ޓައިމްސްރިޕޯޓް
އެމްޑިޕީން އޭދަފުށީގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން.
އެމްޑިޕީން އޭދަފުށީގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން.

 

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، އޭދަފުށީގައި ކުރިއަރަމުން، މެންބަރުންގެ އަދަދު އިތުރުވަމުން އަދި ރަނގަޅު ހަރުދަނާ އިންތިޒާމެއްގެ ދަށުން ހިނގަމުން އަންނަ ސިޔާސީ އެއް ޕާޓިއަކީ އެމްޑީޕީކަމުގައި ދެންނެވުމަކީ އިދިކޮޅު ފަރާތްތަކުންވެސް ގަބޫލުކުރާނެ ތެދު ހަގީގަތެކެވެ. އެ ޕާޓީގެ އުއްމީދަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުންވެސް އޭދަފުށިން ބޮޑު ކުރިއެރުމެއް ހޯދުމެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އޭދަފުށިން 280 ވޯޓް ލިބިވަޑައިގެންނެވި އެވެ. ދެވަނަ ބުރުގައި އެމްޑީޕީގެ މެންބަރުން ހިތްހަމަޖެހޭ ފަދަ ކުރިއެރުމަކާއެކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 487 ވޯޓް ލިބިވަޑައިގެންނެވި އެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ބަލާއިރު، ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިންވެސް، މުޅި ރާއްޖެއަށް މަޝްހޫރު އޭދަފުށިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުރި ހޯއްދަވާފައިވަނީ 491 ވޯޓާ އެކުގަ އެވެ. އެއީ ވޯޓްލީ މީހުންގެ 33 އިންސައްތަ އެވެ. އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް، ޕީޕީއެމްގެ ފިކުރާ ތާއީދު ބޮޑުކަމަށް ބުނާ އޭދަފުށިން ލިބިވަޑައިގެންނެވީ 463 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 31 އިންސައްތަ އެވެ. މިއީ އިދިކޮޅު ޕީޕީއެމުން އުއްމީދުކުރި ވަރަށްވުރެ ދަށް ނަތީޖާއެއްކަމަށް ޚުދު އެ ޕާޓީގެ މެންބަރުންވެސް ގަބޫލުކުރެ އެވެ.

ދެންއޮތީ ގަދަ ހިފުމެވެ. ދެވަނަ ބުރެވެ. މި ބުރުގައި އެމްޑީޕީގެ އަޒުމަކަށްވާނީ އިދިކޮޅު ޕީޕީއެމަށް ލިބޭ ވޯޓްގެ އަދަދު ފުރަތަމަ ބުރަށްވުރެ މަދުކުރުމެވެ. ފުރަތަމަ ބުރުގައި އިދިކޮޅު ތިން ކެންޑިޑޭޓުންނަށް ޖުމްލަ 980 ވޯތް (67 އިންސައްތަ) ލިބުނު ނަމަވެސް، ދެވަނަ ބުރުގައި މިއަދަދު ވީހާވެސް ބޮޑަކަށް ދަށްކުރުމަށް އެމްޑީޕީން އަންނަނީ ވަރަށްބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އޭދަފުށިން އެމްޑީޕީގެ ޓާގެޓަކީ 600 އަށްވުރެގިނަ ވޯޓް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އޭދަފުށިން ހޯދައިދިނުމެވެ. އެއީ ބަހިއްޔާ ޕްރީ ސްކޫލުގައި ބަަހައްޓާ ވޯޓް ފޮށިން 140 ވޯޓާއ، ތައުލީމީ މަރުކަޒުގެ ވޯތް ފޮށިން 175 ވޯޓު އަދި ހޮސްޕިޓަލުގައި ބަހައްޓާ ވޯޓް ފޮށިން މަދުވެގެން 285 ވޮޓް ހޯދުމެވެ. އެއީ ވޯޓް ލާނެކަމަށް ލަފާކުރެވޭ 1500 މީހުންގެ 40 އިންސައްތަ ވޯޓެވެ.

ނޯޓް: މިއީ ކިޔުންތެރިއަކު އީޓީއަށް ފޮނުވާފައިވާ ލިޔުމެކެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...