ކުޑަކުދިންނަށް ދިމާވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ސަމާލުވޭ

ChildAbuse

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތަފާސް ހިސާބުތަކުންވެސް އެނގޭ ގޮތުގައި ޖިންސީ ގޯނާގެ މައްސަލަތައް އެއިގެ ކުރީ އަހަރުގެ ރަމަޟާން މަހުގެ އެމުއްދަތަށްވުރެ 60 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއީ ހަމައެކަނި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތަފާސް ހިސާބެއް ނޫން ކަމުގައި ވިޔަސް އެއިގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނާމެދު ހިންގާފައިވާ ބަދުއަޚްލާޤީ މައްސަލަތައް ކަމުގައި ދަންނަވަން ކެރިދާނެއެވެ. ހަމައެހެންމެ ފާއިތުވި ހަފްތާގެ ކޮންމެ ދުވަހަކުހެން މިފަދަ މައްސަލަތައް މީޑިއާގައިވެސް ރިޕޯރޓްކުރެވިގެން ގޮސްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް އަންނަ ބަދަލުތަކަކީ ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު މީހުންގެ ހޭލުންތެރިކަން އިތުރުވަމުން ދިއުމާއި ގުޅިގެން އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކާއި ހަމައަށް ތިލަވާ ނިސްބަތް އިތުރުވުން ކަމުގައިވެސް ބެލެވިދާނެއެވެ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް އަންނަ ބަދަލެއް ނޫނެވެ. އެކަމަކު އެންމެ ކުއްޖަކަށްވެސް ޖިންސީ އަނިޔާއެއް ކުރިމަތިވުން އެއީ ކަންބޮޑުވުމެކެވެ.

ކޮންމެއަކަސް ވިސްނާލުން މުހިއްމު ނުކުތާއަކީ އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ލިބެމުންދާ ޖިންސީ ގޯނާތަކުން އެކުދިން ރައްކާތެރިކުރަންޖެހޭކަމެވެ. ޖިންސީ ޝިކާރައަކަށްވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ސިއްޙީ ގޮތުން ލިބޭ ގެއްލުންތަކަކީ އެއިގެ ސަބަބުން އެކުދިންގެ މުޅި މުސްތަޤުބަލަށް އެއިގެ ނޭދެވޭ އަސަރުކުރާނެ ކަމަކަށްވީހިނދު އެކުދިން ރައްކާތެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ބެލެނިވެރިންނެވެ. އެއީ ކުޑަކުދިންނާއެކު އެންމެ ގިނަ ވަގުތު ހޭދަކޮށް ކުދިންގެ އުޅުމާއި މިޒާޖަށް އަންނަ ބަދަލުތައް އެންމެ ފަސޭހައިން ދެނެގަނެވޭނެ އެއްބަޔަކީ ބެލެނިވެރިން ކަމުގައިވާތީ އެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ބެލެނިވެރިންނަށް ގިނަގުނަ ފިޔަވަޅުތައް އެޅިދާނެއެވެ. އެގޮތުން އެކުދިންނާއެކު ވަގުތު ހޭދަކުރުމާއި ކުދިންނާ ގާތްގުޅުމެއް ބޭއްވުމަކީ ކޮންމެހެންވެސް މުހިއްމުކަމެކެވެ. ކުދިންގެ ހަށިގަނޑަކީ އެކުދިންގެ އެއްޗެއް ކަމާއި އެއްވެސް މީހަކު އެކުދިންގެ ހަށިގަނޑުގައި އަތްލައިގެން ނުވާ ތަނެއްގައި އަތްލައިފިނަ ބުނަންވާނެ ކަމާއި އަދި އެފަދަ ކަމެއް މީހަކު ކުއްޖަކާމެދު ހިންގުމަކީ އެކުދިންގެ މައްސަލައެއް ނޫންކަން ބުނެދީ އުމުރާ ގުޅޭ ގޮތުން ހޭލުންތެރިކުރަންވާނެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި އެފަދަ އެއްވެސް ކަމެއް ހިނގިނަމަވެސް އެފަދަ ކަމެއް ހިނގީ އެކުދިންގެ ކުށަކުން ނޫންކަން ވަރަށް ސާފުކޮށް ކުދިންނަށް ބުނެދޭން ވާނެއެވެ.

މިފަދަ މައްސަލަތަކުގެ ވާހަކަތައް ކިޔައިދިނުމަކީ ކުދިންނަށް ވަރަށް އުނދަގޫކަމަކަށްވާނެތީ ކުދިންގެ މިޒާޖުތަކަށް އަންނަ ބަދަލުތަކަށް ބެލެނިވެރިން ސަމާލުވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ. ނަފްސާނީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި ރިއްސުމާއި ބިރުގެންފަ ހުރުމާއި ކުއްލި ކުއްލިއަށް ރުޅި ގަދަވުމާއި ތަންމައްޗަށް ކުޑަކަމުދިޔުން ފަދަ ކަންކަމަކީވެސް މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ފަރާތުން ފެންނާނެ ބައެއް ނިޝާންތަކެވެ. މީގެ އިތުރުންވެސް ތުއްތުކުއްޖަކު ކުރަހާ ކުރެހުމަކުން ޖިންސީ ކަމެއް ފާހަގަވިޔަސް އަދި އުމުރާ ނުގުޅޭ ޖިންސީ މަޢުލޫމާތު ހުރުމަކީވެސް ބެލެނިވެރިން އެކަމާމެދު ވިސްނައި އިތުރަށް ބަލަންޖެހޭނެ ކަމެކެވެ.

ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިންސީ ހާނިއްކަ އެންމެ އާންމުކޮށް ކުރިމަތިވެފައި ހުންނަނީ އާއިލާގެ ކޮންމެވެސް މީހެއްގެ ފަރާތުން ނުވަތަ ގެއަށް އައިސްއުޅޭ ކޮންމެވެސް ދެކެފަރިތަ މީހެއްގެ ފަރާތުންކަން ފާހަގަކުރެވެއެވެ. އަދި އެފަދަ ކަމެއް ހިނގުމުގެ ކުރިން އެފަދަ ކަމެއް ހިންގަފާނެ ކަމުގެ ހިލަމެއްވެސް ގިނަފަހަރަށް ވެފައެއް ނުވެއެވެ. މިގޮތަށް މިކަން ދިމާވަނީ އެއްވެސް މީހެއްގެ ފަރާތުން ތިމާގެ ދަރިފުޅަށް ހަޤީޤަތުގައިވެސް އެފަދަ ކަމެއް ކުރިމަތިވެދާނެކަމަށް ގިނަ ބެލެނިވެރިންނަށް ޤަބޫލުނުކުރެވުމެވެ. އެހެނަސް ޤަބޫލުކުރަންވީ ހަޤީޤަތަކީ ޖިންސީ ގޯނާއަކީ ކޮންމެ ވަގުތަކު ކޮންމެ ކުއްޖަކަށްވެސްވެސް ކުރިމަތިވެދާނެ ކަމެއް ކަމެވެ. އެއީ ވަކި ޙަސަބަކަށް ނުވަތަ ވަކި ފަންތިއެއްގެ މީހަކަށްވީތީ ނުހިނގާނެ ކަމެއްކަމުގައި ދެކިގެން ނުވާނެއެވެ.

ޖިންސީ ހާނިއްކަ ލިބިފައިވާކަން އެނގިއްޖެނަމަ އެފަދަ މައްސަލަތައް ފުލުހުންނަށް ނުވަތަ ކަމާބެހޭ އެހެންފަރާތަކަށް ރިޕޯރޓްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެފަދަ ކުށްކުރި ފަރާތްތަކަށް އެފަދަ ދެވަނަ ފުރުޞަތެއް ނުދިނުމަށް އެކަންޏެއްވެސް ނޫނެވެ. އެފަދަ ކުށެއްގެ ޝިކާރައަށްވި ކުއްޖާއަށް ފަރުވާ ހޯދުން އެއީ އަދި މާމުހިއްމު ކަމަކަށްވީތީއެވެ.

[މިއީ ފުލުހުންގެ ވެބްސައިޓުން ނަގާފައިވާ ރިޕޯޓެކެވެ]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.