އަރީފް: ސިފައިންގެ ނެޓްވޯކް ސްޕެޝަލިސްޓް

އަރީފް
އަރީފް

 

ސިފައިންގެ ތެރޭގައި ހުރި ކޮންމެ ހުނަރުވެރިއަކީ އެ ދާއިރާއަކުން މާމަތީ ތަޢުލީމެއް ހޯދައިގެން އެފަދަ މީހަކަށްވެފައިވާ މީހެއްނޫނެވެ. ހިތްވަރާއި ހިންމަތާއި ޝަޢުޤުވެރިކަމާއެކު މަސައްކަތްކޮށް ނަތީޖާ ނެރެމުން ރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ މޮޅެތި ހުނަރުވެރި މަސައްކަތްތެރިންގެ ލިސްޓުން ބައެއް ސިފައިންވަނީ ޖާގަ ހޯދާފައެވެ. އޭގެތެރެއިން އެއް ހުނަރުވެރިއަކީ ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ސާރވިސް (ސީޓްސް)ގައި މަސައްކަތްކުރާ ސްޓާފް ސާރޖަންޓް މުޙައްމަދު ޢަރީފް (38) އެވެ. މިއީ ސީޓްސްގެ ނެޓްވޯކް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޓެކްނީޝަނެކެވެ. އެކަމަކު މިއީ މިހާރު ސިފައިންގޭގައި ކުރެވޭ ސީސީ ޓީވީ ނެޓްވޯކާއި، ސީއޭ ޓީވީ ނެޓްވޯކުގެ އިތުރުން ޓެލެފޯން ނެޓްވޯކުގެ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ އެއް ހުނަރުވެރިޔާއެވެ.

ބ. އޭދަފުށްޓަށް އުފަން މުޙައްމަދު އަރީފް އޯލެވެލްއާ ހަމައަށް ތަޢުލީމް ހާސިލުކުރީ އޭދަފުށީގައި ހުންނަ ބ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޯލެވެލް ނިންމުމަށްފަހު ކުޑަ ދުވަސްކޮޅަކު އަރީފް ސޮނެވާފުށި ރިސޯޓްގައި މަސައްކަތްކުރިއެވެ.

 “ސޮނެވާފުށީގައި ހުއްޓާ އަޅުގަނޑުމެން ރަށަށް އޯލެވެލް ނިންމި ކުދިން ސިފައިންގެއަށް ނެގުމަށް އިންޓަރވިއު ކުރަން ކޯސްޓްގާޑުގައި ސިފައިންގެ ޓީމެއް ދިޔައީ. ރިސޯޓުން ގެނެސް އިންޓަރވިއުކޮށް ސިފައިންގެއަށް ވައްދަން ނިންމީ” 1995 މެއި 24 ވަނަ ދުވަހު ސިފައިންގެ ޚިދުމަތް ފެށި ޢަރީފު އޭނާއަށް ސިފައިންގެއަށް ވަދެވުނުގޮތް ކިޔައިދިނެވެ.

ސްޓާފް ސާޖަންޓް މުޙައްމަދު ޢަރީފް ސިފައިންގެއަށް ވަދެ، ރެކްރޫޓެއްގެ ގޮތުގައި ފުރަތަމަ މަސައްކަތްކުރީ އީއެމްއީ ގައެވެ. އަސާސީ ތަމްރީނު ފުރިހަމަކުރުމަށްފަހު ފާއިތުވި 18 އަހަރު ޢަރީފު މަސައްކަތް ކޮށްފައިވަނީ ސީޓްސް ގައެވެ. ނެޓްވޯކްގެ ދާއިރާއިން ޢަރީފަށް އެރިފައިވާ އުސް ހަރުފަތަށް އޭނާއަށް އެރުނީ އެޔުނިޓުން ލިބުނު ފުރުސަތުތަކުގައި އޭނާކުރި ހިތްވަރުންނެވެ. މި ރޮނގުން އޭނާކުރި ފުރަތަމަ މަސައްކަތަކީ 2003 ވަނަ އަހަރު ސެޕްޓެމްބަރުމަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމަށްފަހު ޖަލުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ސީސީ ކެމެރާ ހަރުކުރުމަށްކުރި މަސައްކަތެވެ.

“މާފުށީ ޖަލުގައި 44 ކެމެރާ އެކުލެވޭ ސީސީޓީވީ ސިސްޓަމެއް ޤާއިމުކުރުމަށް ކުރި މަސައްކަތަކީ މި ދާއިރާގެ ފެށުން. އެ މަސައްކަތް 6 މީހުންވެގެން، 3 މަސް ދުވަސްތެރޭގައި އެއްކޮށް ނިންމާލެވުނީ. އެއީ ވަރަށް ޗެލެންޖިން ކަމަކަށްވީ. މިދާއިރާއިން ތަމްރީނު ލިބިފައިވާ މީހެއްނޫން އަޅުގަނޑަކީ. މަސައްކަތް ކުރަމުން މަސައްކަތް ދަސްކުރަމުން އަޅުގަނޑު ދިޔައީ” ޢަރީފް ބުންޏެވެ.

ޢަރީފް ބުނިގޮތުގައި މިހާރުވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާއާގުޅޭ ތަމްރީނު ލިބިފައިނެތުމެވެ. އެރޮގުން ރާއްޖެއިންވެސް އަދި ރާއްޖެއިން ބޭރުންވެސް ކިޔަވާނެ ފުރުސަތު ލިބިފައިނެތުމެވެ. އެހެންނަމަވެސް މަސައްކަތުގައި އޭނާ އެތަނެއް ނުދައްކައެވެ. 2011 ވަނަ އަހަރު އައްޑު އަތޮޅުގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ޤާއިމުކުރި ސީސީޓީވީ ކެމެރާ ނެޓްވޯކުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ ޢަރީފެވެ.

“ސާކް ސަމިޓުގައި އެ މަސައްކަތް ކުރުމަށް ލިބުނީ ވަރަށް ކުރު މުއްދަތެއް. ސާޅިހަކަށް ކެމެރާ ހިމެނޭ ސިސްޓަމެއް އެއީ. ސަރުކާރުގެ ވަރަށް އިސް ފަރާތްތަކާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ޖަވާބުދާރީވާން އަޅުގަނޑަށް ޖެހުނު. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ލިބުނު ކުރު މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވުނީ” ޓެކްނިކަލް ދާއިރާއިން ޕާކިސްތާނުން 2 އަހަރު ދުވަހުގެ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށްފައިވާ ޢަރީފް ބުންޏެވެ. ޢަރީފުވަނީ އެންސީއޯ އެކަޑަމީން ކޯޕްރަލް ކޯހާއި އެންސީއޯ ކެރިއަރކޯސްވެސް ފުރިހަމަކޮށްފައެވެ.

ސިފައިންގެ މަރުކަޒުތައް އެއް މަރުކަޒާއި އަނެއް މަރުކަޒު މުއާސަލާތީ ވިއުގައިން ގުޅާލެވިފައިވާއިރު މިއަދު އެ ވިއުގަ ފުޅާކުރުމުގަޔާއި ދެމެހެއްޓުމުގެ މަސައްކަތުގައި ޢަރީފުގެ ހިއްސާބޮޑެވެ. ނުވަބުރި ޢިމާރާތުގެ މަސައްކަތް ފެށިގެން ނިމެންދެން ކޭބަލުގެ ހުރިހާ މަސައްކަތެއްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމާއި 2012 ވަނަ އަހަރު ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް ޝަހީދުންގެ ބިނާ ހުޅުވުމަށް ސިފައިންކުރި މަސައްކަތުގައި ޕްރޮޖެކްޝަން އިންޗާޖެއްގެ ގޮތުން މަސައްކަތްކުރީވެސް ޢަރީފެވެ.

ސްޓާފް ސާޖަންޓް މުޙައްމަދު ޢަރީފަކީ ނެޓްވޯކް ސްޕެޝަލިސްޓެއްގެ އިތުރުން، މޮޅު ބަޑިޖެހުންތެރި އެކެވެ. މިއަހަރުގެ ބަޑި މުބާރާތުގެ އެންމެ މޮޅު 10 ބަޑިޖެހުންތެރިންގެ ތެރޭގައި ހިމެނިގެން އެކްސްޕާޓް ބެޖް އޭނާވަނީ ހާސިލުކޮށްފައެވެ. ކުޅިވަރުގެ ރޮނގުން ބަލާއިރު އޭނާވަނީ ސީޓްސް ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ.

“2003 ވަނަ އަހަރު ސިފައިންގެ ފުޓްބޯޅަ ޓީމަށް އަޅުގަނޑު ކުޅުނިން. ވޮލީއަކީވެސް އަޅުގަނޑު ޝައުގުވެރިވާ ކުޅިވަރެއް” ޢަރީފް ބުންޏެވެ.

 ސްޓާފް ސާރޖަންޓް މުޙައްމަދު ޢަރީފަކީ ދެކުދިންގެ ބައްޕައެކެވެ. އަންހެނުންނާއި ދެކުދިންނާއެކު ޢަރީފު ވޭތުކުރަމުންދަނީ އުފާވެރި ޙަޔާތެކެވެ. ޢަރީފަށާއި އެ ޢާއިލާއަށް އެދެނީ ބާއްޖަވެރިކަމެވެ.

(ނޯޓް: މިއީ ސިފައިންގެ އައްޑަނަ މަޖައްލާއަށް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވާ ލިޔުމެކެވެ)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.