ކުރު ވާހަކަ: ފޮނިއަޑު

telephone-smile

ލިޔުނީ: މަރިޔަމް ޔަސްމާ

އަލްޔާ ބައްދަލުވި ދުވަސް އަހަރެން އަދިވެސް ހަމަ އެންމެ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ކޯލް ސެންޓަރ މުވައްޒަފެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރާތާ އެއީ ފަސް ވަނަ އަހަރެވެ. ފަސްއަހަރުގެ ތެރޭގައި އެކަހަލަ އޮމާން އަޑެއް އަހަރެން ނާހަމެވެ. ކަންފަތުގައި އަލްޔާގެ އަޑު ޖެހުނު ހިނދު ކަންފަތުގެ ތެރެއަށް މާމުއިގެ ފައްވާރާއެއް ފޭދިގެން ދިޔަ ކަހަލަ އެވެ. މުޅި ހަށިގަނޑުން ހީބިހި ހިލި، އަތްފައި ގަނޑުފެންކޮޅެއް ފަދައިން ފިނިވެގެން ދިޔަ އެވެ. ބަހެއް ނުބުނެވިފައި އަހަރެން ހުއްޓާ އަލްޔާ ދެވަނަ ފަހަރަށް “ހަލޯ” އޭ ބުނެލުމުން ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ތެޅިގަނެވުނެވެ. އަލްޔާ ދެއްކީ ކޯލް ކުރުމުގައި ދިމާވެގެން އުޅޭ މައްސަލައެއްގެ ވާހަކަ އެވެ. އަހަރެން ރަނގަޅަށް އަޑު އަހަން އިނދެފައި އަލްޔާގެ މައްސަލަ ނޯޓްކޮށްފައި ދެން އަލުން ގުޅޭނެ ނަންބަރެއް ހޯދީ ހަމައެކަނި ތަނުގެ ބޭނުމަކަށް އެކަންޏެއް ނޫނެވެ. އަލްޔާގެ ފޮނި އަޑުން އަދަދުތައް ކިޔާލި ހިނދު ވަގުތުން ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިގެން ދިޔަ އެވެ.

އަލްޔާ އަށް އަހަރެންގެ ފޯނުން ފުރަތަމަ ގުޅީ އެ ދުވަހު ޑިއުޓީ ނިންމާފައި އައިސް އެނދުގައި އޮށޯވެ އޮވެގެންނެވެ. ދެވަނަ ފަހަރަށް އިވިފައި ވެސް އަހަރެން ބަސް ހުއްޓުނެވެ. އަލްޔާ އިތުރަށް ދެފަހަރު ގޮވާލައިފައި އަހަރެންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް ބޭއްވީ އެވެ. ވަރަށް ހިތްވަރުކޮށްގެން އަލުން ގުޅީ އެ ރޭ ނިދަން އޮވެފަ އެވެ. ހަމަ އެއްފަހަރު ރިންގް ވާއިރަށް އަލްޔާ ފޯނު ނަގާފައި އެފޮނި އަޑުން އަނެއްކާ ހަލޯއޭ ބުނެލައިފި އެވެ.

“މަތީންގެ ނަންބަރެއް ނޫންތަ މީ؟” އަޑު ބެދެން އުޅޭހެން ހީވެގެން ކުޑަކޮށް ކަރު ކެހިލާފައި އަހަރެން އަހާލީމެވެ. “ކޮން މަތީނެއް؟” އަލްޔާ އަހާލި އެވެ.

އެ އަޑުގައި ނުރުހުމެއް ބީރަތްޓެހި ކަމެއް ނެތެވެ.

“މަތީން،” އަހަރެން ޖަވާބުގައި ބުނެލީ މިހެންނެވެ.

“ކޮން މަތީނެއްތަ؟” އަލްޔާ އަނެއްކާ ވެސް އަހައިލި އެވެ.

“މަތީން. މި ނަންބަރުގެ ވެރިޔާ،” އަހަރެން އަނެއްކާ ވެސް ޖަވާބު ދިނީމެވެ.

“ނަންބަރ ޗެކްކޮށްލިންތަ؟ އަނެއްކާ ކާކަށް ގުޅައިގެން ތިއުޅެނީ؟ މީ އަހަރެންގެ ނަންބަރ. މަތީން ކިޔާ މީހަކު ނޫޅޭ މި ރަށުގައި ވެސް،” އަލްޔާ ފޮނި އަޑުން ވާހަކަދެއްކި އެވެ.

“ހީވޭ އޮޅުނީހެން. އަޅެ ޗެކް ކޮށްލާނަން،” އަހަރެން އެހެން ބުނެލާފައި އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ދެން އަނެއްކާ ހަލޯއޭ ބުނެލީމެވެ.

“ކޮބާ؟ ކިހިނެތްވީ؟” އަލްޔާ އޮޅުންފިލުވަން ވެގެން އެހި އެވެ.

“އޮޅިފަ މި އޮތީ މަށަށް.” އަހަރެން ދެރަ ޤަބޫލު ކުރި ފަދަ ގޮތަކަށް އެއްބަސްވީމެވެ.

އަލްޔާ ދެން ފޯނު ބާއްވާނީ ކަމަށް ހީކޮށް ކަނޑާލަން އުޅެނިކޮށް އޭނާ ހީނގަތުމުން އަނެއްކާ ވެސް ބުދެއްހެން ހުރެވުނެވެ. ދުވަހަކު އެހާ ރީތި މިއުޒިކެއްގެ އަޑު އަހަރެން ނާހަމެވެ. އަލްޔާ ހީލާއިރު ބިންގަނޑަށް ދިރުން އައިސް މާމެލާމެލި ފޮޅޭނެ ކަމާ ދޭތެރޭ ޝައްކެއް ނެތެވެ. ބަލި ހިތްތަކަށް އެއީ ޝިފާއަކަށް ފުދޭނެ އެވެ.

“ކިހިނެތްވީ؟” އަހަރެން މަޑު ޖެހިލައިގެން ހުރެފައި ސުވާލު ކޮށްލީމެވެ.

“ހަމަ މަޖާވީ ތީނައަށް ދިމާވި ގޮތުން. މަށަށްވެސް އެއްދުވަހު ތިކަހަލަ ކަމަކާއި ދިމާވި.” އަލްޔާ ފޯނު ބާއްވަން ބޭނުންވެގެން އުޅޭ ކަހަލަ އިޝާރާތެއް އޭނާގެ ވާހަކައަކުން ނުދައްކަ އެވެ. އެހެންވެ އަހަރެން ވެސް ފުރުސަތުގެ ބޭނުން ހިފާލަން ގަސްތުކުރީމެވެ.

“ދެން ބުނެބަލަ އެ ދުވަހު ކިހިނެތްވީ ތިބުނާ ކަމެއް ދިމާވެގެން؟” އަހަރެން ވާހަކަ ކުރިއަށް ގެންދަން ހިޔާރު ކުރީ ފަސޭހަ މަގުންނެވެ.

“ބޮޑު މުސްކުޅިއަކަށް ގުޅުނީ. އަހަރެން ދޮންތައޭ ބުނާއިރަށް އެ މީހާ ކޮން ދޮންމޮހޮނެއްހޭ ކިޔާފަ ހަޅޭއްލަވަން ފެށީ. މަ ބިރުން ފޯން ކަނޑާލައިފަ ބަލާލިއިރު އެއް ނަންބަރ ނުބައިކޮށް ޖެހިފަ ހުރީ،” އަލްޔާ ކިޔައިދިނެވެ.

“ކައިފިންތަ؟” އަލްޔާ ކުއްލިއަކަށް އަހާލި އެވެ. ވާހަކައިގެ ކުރި ފަޅުވަން އަހަންނަށް ނުވެސް ޖެހި އަލްޔާ އެކަން ކުރަމުން ދިޔަ އެވެ. ހީވާގޮތުން އޭނާ ހުރީ ފޫހިވެފަ އެވެ. ކޮންމެވެސް މީހަކާ އަނގަ ތަޅާލަން ބޭނުންވެފަ އެވެ.

“ކައިފިން. ތީނަ އޯ؟” އަހަރެން ނުހަނު ހިތްހަމަޖެހުމާއެކު ފޯނު ހިފައިގެން ނިކުމެލީ ބެލްކަންޏަށެވެ.

“އަލްޔާ ކައިފިން؟” އަމިއްލަ ތައާރަފް ދޭން އަލްޔާ ވަރަށް މޮޅެވެ.

“އަލްޔާ… ވަރަށް ރީތި ނަމެއް،” އަހަރެން ތައުރީފްކޮށްލީމެވެ. އަލްޔާ ހީލައިފައި ޝުކުރު އަދާ ކުރިއެވެ.

“އަދި ތިއަޑު ވެސް…” އިރުކޮޅެއް ފަހުން އަހަރެން އަނެއްކާ ވެސް ބުނެލީމެވެ.

އެ ވަގުތު އަހަރެން ކަންބޮޑުވެފައި އަލްޔާ ބުނާނެ އެއްޗެއް ނޭނގިގެން ހުއްޓާ އިވުނީ އެއްކަލަ މިއުޒިކީ ހީލުމުގެ އަޑެވެ.

“ތޭންކްސް،” ޖަވާބު ދިންއިރު އަދި ކުރިއަށް ވުރެ އަޑު ރީތިވިހެން ހީވި އެވެ.

އެއީ ފެށުމެވެ. އެ ރެއަށް ފަހު ކޮންމެ ހެނދުނެއް އަހަރެން ފަށަނީ އަލްޔާގެ ރީތި އަޑާ އެކު އެވެ. ރޭގަނޑު އަހަރެން ނިދަނީ އެފޮނި ބަސްތައް ކަންފަތުގައި ހަރު ލައްވަމުންނެވެ. ކިތަންމެ ފަހަރަކު އަހަރެން އެ ރީތި އަޑަށް ތައުރީފްކޮށްލުމުން އަލްޔާ ހީގަންނާނެ އެވެ. އެ ވާހަކަ ބުނުމުން އޭނާ އުފާވާވަރު އިހްސާސް ވެގެން އަހަރެން ގިނަގިނައިން ބުނަމެވެ. ތިން މަސްވީއިރު އަލްޔާ އާ ނުލައި އެންމެ ދުވަހެއް ހޭދަކުރަން އުދަނގޫވާ ވަރަށް އޭނަ ދެކެ އަހަރެންނަށް ލޯބި ވެވިއްޖެ އެވެ. އެ ވާހަކަ އަލްޔާ ކައިރީގައި ބުނަން ވެސް ބުނެފީމެވެ. އޭނާގެ ޖަވާބު އަދި މާ ހިތްގައިމެވެ. އަހަރެންގެ އަޑު ފުރަތަމަ ޖެހުނު ހިނދުކޮޅަކީ އޭނާގެ ހަޔާތަށް އައި އެންމެ ހާއްސަ އެއް ވަގުތުކޮޅު ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ވެސް އަހަރެން ދެކެ ލޯބިވާ ވާހަކަ ވެސް ބުނެފި އެވެ.

ކައިވެނި ކުރަން ގަސްތުކޮށް އަހަރެން އަލްޔާ އާ ބައްދަލުކުރަން އެ ރަށަށް ދާން ނިންމީމެވެ. އޭގެ ކުރިން އާއިލާގެ މެމްބަރުންގެ ކަންފަތާ ހަމައަށް އެ ވާހަކަ ގެންދިއުން މުހިންމު ކަމުގައި ދެކެވުނެވެ.

އަހަރެން އާއިލާގެ މީހުން އުޅެނީ އެކި ހިސާބުގަ އެވެ. ދޮންބެ އައްޑޫން މީހަކާ އިނދެގެން އެކޮޅުގަ އެވެ. ދޮންތަ އުޅެނީ މެލޭޝިޔާގަ އެވެ. އަހަންނާއި މަންމަ މާލޭގަ އެވެ. ދޮންބެ ގުޅާފައި ދުވަސްކޮޅަކަށް މާލެ އަންނަ ވާހަކަ ބުނުމުން އަހަރެން އިންތިޒާރުކޮށްގެން ހުރީ އެ ވަގުތަށެވެ.

ކިޔާފައި އޮތް ގަޑިއަށްވުރެ ކުރީން އަހަރެން ގޮސް ރެސްޓޯރެންޓެއްގެ މޭޒު ދޮށުގައި އިންދާ ކަންފަތުގައި ޖެހުނީ އަލްޔާގެ އަޑެވެ. ސިއްސައިގެން ގޮއްސައި އެނބުރި ބަލާލިއިރު ޕަރީއެއް ކަހަލަ އަންހެން ކުއްޖަކު ހީނހީނފައި ވާހަކަ ދަައްކަމުން ދިޔައީ އޭނާއެކު އެ މޭޒު ދޮށުގައި އިން އެހެން ކުއްޖަކާ އެވެ. އަހަރެން އަޑު އަހަން އިނދެފައި އަދިވެސް ޔަޤީން ކުރަންވެގެން ފޯނުކޮށްލީމެވެ. އެ އަންހެން ކުއްޖާ ފޯނު ނަގާފައި ހަލޯއޭ ބުނެލި ވަގުތު އުދުއްސައި ނުގަނެވުނީ ކިރިޔާ އެވެ. އެކަމަކު އަލްޔާ މާލެ އަންނަ ވާހަކަ ނުބުނީ ކީއްވެ ހެއްޔެވެ؟ ވެދާނެ އެވެ. އަހަންނަށް ސަޕްރައިޒެއް ދޭން އުޅެނީ ހެއްޔެވެ؟ އަހަރެން އަލްޔާގެ ފޯނު ހޯލްޑަށް ލައިފައި ދޮންބެ އަށް ގުޅާލިތަނާ ދޮންބެ ފެނުނީ ކުރިމަތިންނެވެ. ކައުންޓަރުގައި ހުރި މީހަކާ ވާހަކަ ދައްކަން ދޮންބެ ހުރީ އަހަރެން ނާންނާތީ އެވެ.

“ހަނީ އާދޭ މި މޭޒަށް!” ދޮންބެ ގޮސް ކައިރިވެފައި އަތްލީ އަލްޔާގެ ކޮނޑުގަ އެވެ.

ލިބުނު ޝޮކްގައި އަހަރެން ބަލަން އިންދާ އަލްޔާ އެކުވެރިޔާ ދޫކޮށްލައިފައި އައިސް އަހަރެންގެ ކުރިމަތީ އިށީނެވެ. ދޮންބެ ކައިވެނިކުރި ފަހުން އަނބިމީހާ އަހަރެންނަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

“ކޮން ވާހަކައެއް ބުނަންތަ އަލްމަން މިތަނަށް އައީ؟” ދޮންބެ އަހަރެން ކައިރިން އެހި އެވެ.

“މީހަކާއި އިންނަ ވާހަކަ ބުނަން،” އަހަރެން ވާހަކަ ދެއްކި އަޑަށް އަލްޔާ ވެސް ސިހުނުކަން މޫނުން އެނގުނެވެ. އަހަރެން އެރޭ ގެއަށް ގޮސް އުޅެނިކޮށް އަލްޔާ ދޮންބެ އަށް ސިއްރުން އައިސް ބައްދަލުކޮށްފައި މާފަށް އެދުނެވެ. ޓައިމްޕާސް ކޮށްލީ ކަމަށް ބުންޏެވެ. އަހަރެން ދޭނެ ޖަވާބެއް ނެތެވެ؛ އަހަރެން އަލްޔާއަކަށް މާފެއް ވެސް ނުކުރަމެވެ.

ޓައިޕް ޕާސްކޮށްލި އިރު، އޭނާ އެ ހުރީ އަހަރެންގެ ހިތް ހަލާކު ކޮށްލައިފަ އެވެ. ދޮންބެ ކައިރީ ބުނި ގޮތަށް ވަރަށް އަވަހަށް އަންހެންކުއްޖަކު ހޯދައިގެން ކައިވެނި ވެސް ކުރީމެވެ. އެކަމަކު، އަހަރެންގެ ހިތުގައި އޮތީ އެންމެ އަޑެކެވެ. އެންމެ ކުއްޖެކެވެ. އެއީ އެ ފޮނި އަޑެވެ. ސާފު ރީތި ނާޒުކު އަޑެވެ.

ނިމުނީ

 
ނޯޓް:
ވާހަކަ ކިޔާ މީހުންނަށް މަރިޔަމް ޔަސްމާގެ ނަން އަލެއް ނުވާނެ އެވެ. އޭނާގެ ވާހަކަތައް މަޝްހޫރު އޮންލައިން ނޫސް “ސަން”ގައި ވެސް ސިލްސިލާކޮށް ހުރެ އެވެ. އެތައް ބައިވަރު ދިގު ވާހަކަތަކެއް ލިޔެ އޭނާ ވަނީ ފޮތް ނެރެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.