އަހަރެމެންގެ ވާހަކަވެސް އަޑުއަހާ!

Fehendhoo

[މިއީ އީޓީގެ ޒުވާން ލިޔުންތެރިޔާ ފާތުމަތު ޒުހުދާ އޭނަގެ އަމިއްލަ ރަށުގައިހުރެ، އީޓީ މަޖައްލާގެ ދެވަނަ އަދަދަށް ލިޔެފައިވާ އާޓިކަލެކެވެ. ޒުހުދާގެ މި އާޓިކަލު ކިޔަމުންދާއިރު، އަޅުގަނޑުމެންގެ އަވައްޓެރި ރަށެއްގައި ބަޔަކު ދަތިހާލުގައި ދިރިއުޅެމުންދާ މަންޒަރު ކުރިމަތިން ސިފަވެގެންދެ އެވެ. ހުތައް ޝަކުވާތަކެއް އިވޭނެ އެވެ. މިއީ މިއަތޮޅު ކައުންސިލާއި މި ސަރުކާރުވެސް ވިސްނަން ޖެހިފައިވާ ސީރިއަސް މައްސަލައެކެވެ.]

މި ޝަކުވާ ފަށާނީ ކިހާ ހިސާބަކުން ބާ އެވެ؟ ރަށުގެ ކޮން ހިދުމަތަކުން ބާ އެވެ؟ ރަށުގައި ހިކިފައި އޮތް ފަޅުން ބާ އެވެ؟ ސިއްހީ ހިދުމަތުން ބާ އެވެ؟ ތައުލީމުން ބާ އެވެ؟ އަމިއްލަ ދިރިއުޅުމުގައި ހުރި ބޯހާސްވާ ކަންތައްތަކުން ބާ އެވެ؟ ހުސް ޝަކުވާ އެވެ. ހުސް އާދޭހެވެ. އެކަމަކު އަހާނެ މީހަކު ނެތެވެ.

މާލެއިން ފުރައިގެން ހަ ގަޑިއިރުގެ ދަތުރަކަށް ފަހު، ބ. ގޮއިދޫ ނެރުން ވަދެގެން ފެހެންދޫ ފާލަމަށް ކައިރި ނުކުރެވެނީސް ދޯނި ބީހިއްޖެ އެވެ. ދޯނީގެ ކައްޕި ރުޅިގަދަ ވެއްޖެ އެވެ.

“މީ އާދެވޭވަރުގެ ރަށެއް ނޫން. އަންނަ ކޮންމެ ފަހަރަކު ދޯނީގެ ދުވަސް މިދަނީ. މިހާރު މިއޮތީ ބީހިފައި. ދެން ކޮން އިރަކުން ރަށަށް ފޭބޭނީ،” އޭނާގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ.

ކޮންމެ ފަހަރަކު، ކޮންމެ ފަހަރަކު މި ޝަކުވާތައް ކުރިޔަސް، ފަޅު އޮތީ އަދިވެސް ހަމަ އޮތް ގޮތަށެވެ. ކޮންމެ ފަހަރަކު ދޯނި ވެސް ބީހެ އެވެ. ދޯންޏަށް ގެއްލުންތައް ވެސް ވެ އެވެ. ރަށާ ކައިރި ނުކުރެވިގެން އެތައް އިރަކު ދޯނީގައި ތިބެން ވެސް ޖެހެ އެވެ. ފެހެންދުއަކީ ލަފާފުރުމުގެ ދަތިކަން އިންތިހާ އަށް ބޮޑު ރަށެކެވެ. އޮޑިދޯނިފަހަރު ވަދެ ނުކުމެ ހަދާނެ އެކަށީގެންވާ ނެރެއް ނެތެވެ. ފަޅު ތިލަވުމުގެ ސަބަބުން، ކިރިޔާ ވެސް ދިޔަވަރު ހިކިއްޖެ ނަމަ ބޮޑެތި ދޯނިފަހަރަށް ރަށާ ކައިރިއެއް ނުކުރެވެއެވެ. މި ސަބަބުތަކާ ހެދި ބޮޑެތި ދޯނިފަހަރު ގެންގުޅުނު މީސް މީހުން ވެސް ދޯނިތައް ވިއްކާލައިފި އެވެ. މި ރަށުގައި މިހާރު މާލެ ދަތުރުކުރާނެ ދޯންޏެއް ނެތްތާނގައި، މަހަށް ދާނެ ދޯންޏެއް ވެސް ނެތެވެ.

ރައްޔިތުން އެ މީހަކަށް ދެވުނު އެއްޗެއް ދީގެން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ރަށުގެ އުތުރު ފަރާތުގައި ވަނީ ކުޑަ ފާލަމެއް އަޅައިފަ އެވެ. އަދި ޒުވާނުން ނުކުމެ ފަކީރާ އާއި އުދަލި ބޭނުންކޮށްގެން ކުދި ޑިންގީ އާއި ބޮއްކުރާތައް އަޅާލެވޭވަރަށް އެ ސަރަހައްދު ވަނީ ކޮނެފަ އެވެ. އެކަމަކު ބޮޑެތި ދޯނިފަހަރު ކައިރިކޮށްލެވޭ ވަރަށް އަމިއްލަ އަތުން ފަޅުކޮނުމުގެ ހުނަރެއް، އެ ވަރުގެ ހިތްވަރެއް ވެސް އަހަރެމެންގެ ނެތެވެ. އެއީ ކުރެވޭ ވަރުގެ ކަމެއް ނަމަ މިހާރު އޮންނާނީ ކޮށްފަ އެވެ.

ރަށުގައި ސްކޫލެއް ނެތެވެ. ކިޔަވާކުދިން ތައުލީމު ހޯދަން ޖެހެނީ ކޮންމެ ދުވަހަކު ކަނޑު ހުރަސްކޮށްގެންނެވެ. މި ރަށުގައި ކިޔަވަން ބޭނުންވާ ކުއްޖަކަށް އެ ފުރުސަތު އޮތީ ކައިރީގައި އޮތް ގޮއިދޫ ސްކޫލުގަ އެވެ. މިއީ، ވޭން ގަދަ ކަމެކެވެ. ކަނޑެއް ހުރަސްކޮށް އަތްވާއި ވާރޭގައި، އަދި ބައެއް ދުވަސްދުވަހު ގަދަ ކަނޑުގައި ދަތުރު ކުރުމަކީ ހީކުރާ ވަރަށް ވުރެ ހިތްދަތި ކަމެކެވެ.

fehendoo1

ސަރުކާރުން ފެރީގެ ނިޒާމް މެދުވެރިކޮށް ފެހެންދޫ ދަރިވަރުން ގޮއިދޫ ސްކޫލަށް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ބުނެ 2008 ވަނަ އަހަރުގެ ކުރީކޮޅު ފެހެންދޫ ސްކޫލް ބަންދުކޮށްލި އެވެ. އެކަމަކު ރައްޔިތުން އިހްތިޖާޖްކޮށްގެން ރަށުގެ ކޮންމެ ކިޔަވާ ކުއްޖަކަށް ހޯދައިދިން 1،000ރ. ގެ އެލަވަންސް ފިޔަވައި ސަރުކާރުން އެއްވެސް އެހީއެއް ނުދެ އެވެ. އެހެންވެ ކުދިން ކޮންމެ ދުވަހަކު ސްކޫލަށް އުފުލުމަކީ ހަރަދުގެ ގޮތުން ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. މިހާރު ގޮއިދޫ ސްކޫލަށް މިރަށުން ކިޔަވަންދާ ފަސް ކުދިން ވެސް އެ ރަށަށް ދަނީ މީހެއްގެ އެހީގަ އެވެ. އޭނާގެ ސްޕޮންސާ ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ހަމަވުމާ އެކު، އެ ކުދިންގެ ކިޔެވުމާ ދޭތެރޭ ވަނީ ސުވާލު އުފެދިފަ އެވެ.

މި ރަށުގެ މީރު ފެން ފަށަލަ ގުޑައިފި އެވެ. ފެނުގައި ނުބައި ވަސް ދުވުމާއި ކުލަ އަށް މިހާރު ވަނީ ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ރަށުގެ ގޭގޭގައި ނަޖިސް ވަޅުގަނޑުތަކާއި ފެން ހިންދާ ވަޅުގަނޑުތައް އެއްވެސް ތަރުތީބެއް ނެތި ބަޅުލާފައި ވާތީ އޭގެ އަސަރު މިހާރު ވަޅުތަކަށް ވަނީ ކޮށްފަ އެވެ. އޭގެ ހައްލަކީ ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމެވެ. އެކަމަކު މި ވަރުގެ އާބާދީއަކަށް ނަރުދަމާ އެޅުމަކީ ވުން ގާތް ކަމެއް ނޫނެވެ. ސިއްހަތަށް ކިތަންމެ ގެއްލުމެއް ލިބުނަސް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭހާ ހިނދަކު ނަރުދަމާގެ ނިޒާމަކީ މިރަށު މީހުންގެ “ހުވަފެނެ”ކެވެ.

ރަށުގައި ސިއްހީ މަރުކަޒެއް ހުރެ އެވެ. އެކަމަކު ޑޮކްޓަރަކު ނެތެވެ. ނަރުހަކު ވެސް ނެތެވެ. ކަނޑައިގެންދާ ތަނެއްގައި ބޭސްކޮޅެއް އަޅާލައި، ބޮލުގައި ރިއްސާ މީހަކަށް ޕެނަޑޯލް ގުޅައެއް ދިނުން ފިޔަވައި އިތުރު ހިދުމަތެއް އެ ހަތަރު ފާރުގެ އެތެރެއަކުން ނުލިބެ އެވެ. ކިރިޔާ ވެސް ބަލިވެއްޖެ ނަމަ ދާންޖެހެނީ ގޮއިދޫ ނުވަތަ އޭދަފުއްޓަށެވެ. ވިހަން ކައިރިވެފައިވާ މާބަނޑު މީހުން ތިބެން ޖެހެނީ މާދަމާ ވާނީ ކިހިނެއްކަން ނޭނގި، ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ވިހާ ދުވަސް ކައިރިވަމުން އަންނައިރު ގިނަ ފަހަރަށް ވެރިރަށް އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނުހުރެ އެވެ. އެހެންވެ، ދެން ފުރައިގެން ދާން ޖެހެނީ މާލެ އަށެވެ. މިގޮތަށް ފުރައިގެންދާ ދަތުރުތަކުގައި ބައެއް މީހުން ދޯނިމަތީގައި ވިހާފައި ވެސް ވެ އެވެ.

ކަރަންޓްގެ ވާހަކަ ދެއްކުމަށް ވުރެ ނުދެއްކުން މާ ރަނގަޅެވެ. ދުވާލަކު ދެ ދަޅައަށް ކާ ބޭހެއްހެން މި ރަށުން ކަރަންޓް ކެނޑެ އެވެ. މި ރަށުގައި ހުންނަނީ 24 ކިލޯގެ އެންމެ ޖަނަރޭޓަރެކެވެ. އަދި އެ ޖަނަރޭޓަރަށް ލޯޑް ބޮޑުވެ އަވަސް އަވަހަށް ކަރަންޓް ދިއުމުގެ ސަބަބުން ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތައް ވެސް ހަލާކުވެ އެވެ. އިތުރު ޖަނަރޭޓަރެއް ލިބިގެން ނޫނީ މި މައްސަލައަކަށް ވެސް ހައްލެއް ނެތެވެ. ރައްޔިތުންގެ ބުރަ މަސައްކަތުން މީގެ އެތަކެއް އަހަރުތަކެއް ކުރިން ހަދާފައިވާ މި އިންޖީނުގެ ވަނީ ބާވެ ވަރަށް ބޮޑަށް މަރާމާތު ވެސް ކުރަން ޖެހިފަ އެވެ.

ރަށުގައި ފިހާރައެއް ހުރި ނަމަވެސް ބޭނުންވާ އެއްޗިހި ލިބޭކަށް ނުހުރެ އެވެ. އެންމެ ކުޑަވެގެން، ދަރިފުޅަށް ކާންދޭ “ބަކުން” ގަންނަން ވެސް ދާން ޖެހޭނީ ދަތުރު ހަދާފައި އޭދަފުއްޓަށެވެ. އެންމެ އަސާސީ ތަކެތި ވެސް ބައެއް ފަހަރު މި ރަށުން ހޯދުމަކީ ދަތި ކަމެކެވެ.

މި ރަށުގެ ރަޖިސްޓްރީގައި 277 މީހުން އެބަތިއްބެވެ. އެކަމަކު ދިރިއުޅެނީ އެންމެ 85 ވަރަކަށް މީހުންނެވެ. މި ރަށުގައި އަސާސީ އެއްވެސް ހިދުމަތެއް ލިބެން ނެތުމާއި އާބާދީ ކުޑަކަމުން، މުސްތަގުބަލެއް ނެތް ކަމަށް ރަށުގެ ވަރަށް ގިނަ މީހުން ގަބޫލު ވެސް ކުރެ އެވެ. އެހެންވެ، ރަށުގެ ރަޖިސްޓްރީީގައި ހިމެނޭ ވަރަށް ގިނަ މީހުން ދިރިއުޅެމުން ދަނީ ރަށުން ބޭރުގަ އެވެ. މި ރަށުގައި ދިރިއުޅުމަށްޓަކައި 57 ގޯތި ރަޖިސްޓްރީ ކޮށްފައި ހުއްޓަސް މީހުން ދިރިއުޅެނީ އެންމެ 26 ގޭގަ އެވެ. އާންމު ގޮތެއްގައި ރަށުން ފެންނަނީ އެކަނިވެރި މުސްކުޅިންނާއި ސަރުކާރު ވަޒީފާގައި އުޅޭ މީހުންނެވެ. ޒުވާނަކު މަދެވެ. ބައެއް މީހުން މި ރަށުގައި ދިރިއުޅެމުން ދަނީ ވެސް، އެހެން ރަށެއްގައި ތަންތަން ކުއްޔަށް ހިފައިގެން އުޅެވޭ ފެންވަރު ނެތިގެންނެވެ. ވަޒީފާ އަދާކުރުމައްޓަކައި ގިނަ މީހުން ރިސޯޓްތަކުގަ އާއި މާލޭގަ އާއި އަތޮޅުގެ އެހެން ރަށްރަށުގައި ދިރިއުޅޭ އިރު އަޅާލާނޭ ދަރިއަކު ވެސް ނެތް މުސްކުޅިން ތިބީ ގޭގޭގައި އެކަނިވެރިވެފަ އެވެ. މައިންބަފައިންނާއި އެއްބަނޑު ތިމާގެ މީހުންނާއި އޮންނަންޖެހޭ ގުޅުން ވަނީ ހީނަރުވެފަ އެވެ.

މައްސަލަތައް ބައިވަރެވެ؛ އެހެން ރަށްރަށެކޭ ވެސް އެއްގޮތަށް މި ރަށު މީހުން ވެސް “ދުނިޔެ” ދެކެން ބޭނުމެވެ. އަސާސީ ހިދުމަތްތައް ބޭނުމެވެ. މީގައި އޮތީ ދެ ހައްލެކެވެ. އެއް ގޮތަކީ މި ރަށުން މީހުން ބާލައި، އެހެން ރަށަކަށް ހިޖުރަ ކުރުމެވެ. އަނެއް ގޮތަކީ މި ރަށް ތަރައްގީ ކުރުމެވެ. އެހެން ނަމަވެސް، ކުޑަކުޑަ އާބާދީއެއްގައި ބޮޑެތި ސިންގާ ހިދުމަތްތަކެއް ގާއިމް ކުރުމަކީ ވެސް ލާހިކު ކުޅަދާނަ ކަމަކަށް ނުވާނެ އެވެ.

ފެހެންދޫ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ޝާހީން ވިދާޅުވީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ސަރުކާރުގެ އެދުމަކަށް މީހުން ބަދަލުވުމާ މެދު ރަށު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލައިފައިވާ ކަމަށެވެ. އެހެން ނަމަވެސް، މީހުން ބަދަލު ކުރަން ސަރުކާރުން ރަސްމީކޮށް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ހިޔާލު ހޯދި ތިން ފަހަރު ވެސް ރައްޔިތުން ބޭނުންވީ ރަށް ދޫކޮށްލައިފައި އާބާދީ ބޮޑު ރަށަކަށް ހިޖުރަ ކުރަން އެއްބަސް ކަމަށެވެ.

މިއަހަރުގެ ދަިރާސީ އަހަރުގެ ފުރަތަމަ ދުވަހު ފެހެންދޫ ސްކޫލު ްކުދިން ކިޔެވުމަށް ގޮއިދޫއަށް ދަނީ- އީޓީ ފޮޓޯ/ ޒުހުދާ
މިއަހަރުގެ ދަިރާސީ އަހަރުގެ ފުރަތަމަ ދުވަހު ފެހެންދޫ ސްކޫލު ްކުދިން ކިޔެވުމަށް ގޮއިދޫއަށް ދަނީ- އީޓީ ފޮޓޯ/ ޒުހުދާ

“އާބާދީ މަދު ނަމަވެސް އެހެން ރަށްރަށުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފެހެންދޫގެ ރައްޔިތުންނަށް ވެސް ލިބެންޖެހޭނެ. ކިތަންމެ އާބާދީ މަދު ނަމަވެސް ވޯޓް ހޯދަން ފެހެންދޫ ފެންނަ ފަދައިން ވެރިކަން ލިބުނީމަ ވެސް ފެންނަށް ޖެހޭނެ،” އޭނާ ވިދާޅުވި އެވެ. “މި ރަށުގައި އާބާދީ މަދުވުމަކީ އަޅުގަނޑުމެންގެ ކުށެއް ނޫން. އަމިއްލަ ގެދޮރު ދޫކޮށް އެހެން ރަށެއްގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭކަށް ނުދެވޭނެ. އެހެނެއް ނޫން، ތަރައްގީ ވެފައިވާ ރަށެއްގައި ގެ އަޅައިދީފިއްޔާ ހަމަގައިމު ވެސް އަޅުގަނޑު މިހުރީ މިރަށް ދޫކޮށް ދާން ތައްޔާރަށް.”

މިއީ އާންމު ވާހަކައެކެވެ؛ އެހެން ކުދި ރަށްރަށެކޭ ވެސް އެއް އުސޫލެއް މި ރަށަށް ވެސް އޮންނަން ޖެހެ އެވެ. އެކަމަކު މި މައްސަލައަކީ، އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މި ޖީލު އުފަންވީއްސުރެ މި ރަށު މީހުން ބަދަލުކުރަން އުޅޭ ވާހަކަތައް ދަނީ ދެކެވެމުންނެވެ. މި ޝަކުވާތައް ދަނީ ފުލުފުލުހުން ކުރަމުންނެވެ. އެކަމަކު އެ އަޑު އަހާނެ މީހަކު ނެތެވެ. އަހަން ބޭނުންވާ މީހަކު ވެސް ނެތެވެ. ދުވަސްތައް ނިމިގެން ދަނީ އުންމީދުތަކެއްގައި ތިއްބަ އެވެ. ހުވަފެންތަކެއް ފެންނަމުންނެވެ. އެކަމަކު ދުވަހަކު ވެސް ކުލައެއް ނުޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. nuha

    ކޮންމެ ގޮތެެއްވިއަސް ފެހެންދޫ މީހުންނަށް ކީއްވެތަ އެހީ ނުވެންވީ. ފޮނޮޔަސޮ ދެރަޔަސް ނިކަމެއްޗަސް އިންސާނިިިިިއްޔަތު ކަމެއް ހުރިއްޔާ އެހީގެ އަތެއް ދިއްކޮއްލާނެ…………

    ރައްދު
  2. miya

    އަދިވެސް ފެހެންދޫން މީހުންތަަވީ ފުދުންތެރި މީހުންނަށް ކުުނރުބަލާ، ކާއްޓާ ފޮނުވަން….. ކިތަންމެ އާބާދީ ކުޑަޔަސް ސަރުކާރުން ޖެހޭނެ ފެހެންދޫ މީހުންނަށްވެސް އަސާސީ ހިދުމަތް ތައް ދޭން……………… އަލީ އަށް ބުނެލަން އޮތީ ފެހެންދޫ މީހުން ފޮނިކަމުންނެއް ނޫނޭ މާލެއަށާ ހުޅުމާލެއަށާ ދަނީ…. ތިހެން ބުނަންޏާ އެހެން ރަށްރަށު މީހުން މަށަށް މާފޮނި މިހެން މިބުނީ އެރަށްރަށުން ކުދިންނަށް ކިޔަވަދެވޭނެގޮތް އޮއްވަވެސް ގޮސް އެތިބެނީ މާލޭގަޔާ ހުޅުމާލޭގަޔާ އެއް ނޫންތަ؟ ފެހެންދޫގެ ވެސް ވަކި ބަޔަކު ތިބެދާނެ މާލޭގަ އާއި ހުޅުމާލޭގަޔާ އުޅޭ ހިތްވާ އެކަމު އެއީ އެންމެނެއް ނޫން… ދެން ކޭ ކޭ އަށް ބުނެލަން އޮތީ ފެހެންދޫ މީހުން ފޮނިކަމުން ކޮންކަމެއްހޭ ކުރީ؟

    ރައްދު
  3. riza

    އަޅުގަޑު ޒުހުދާގެ އާޓިކަލް ކިޔައިލުމުން ފެހެންދޫގެ ރައްޔަތުން އުފުލަމުންދާ ވޭނާއި ކެކުޅުން އިހްސާސްކުރެވޭ ޒުހުދާއަށްވެސް އެގޭނެފަދައިން ދެރަނިކަމެތިހާލުގައި އުޅެމުންދާމީހުން އަބަދުވެސް އެހާލުގައި ތިއްބުމަށް ފުދުންތެރި މީހުން މަސައްކަތް ކުރޭ އޭގެ ހެއްކެއް ކޭކޭ، އާއި ޢަލީގެ ހިޔާލަކީ އަބަދުވެސް ނިކަމެތިން އަޅުވެތިކުރުން ފެހެންދޫގެ ރައްޔަތުންނަކީވެސް އަސާސީ ހިދުމަތްތަޢް ބޭނުންވާނެ ބައެއްކަންވެސް އަޅުގަޑަށް އެގޭ އެހެންނަމަވެސް މިއަދު ފެހެންދޫ މީހުން ކުރަންއޮތްކަމަކީ ފުދުންތެރި މީހުންނަށް ކުރުބާފުނުވައިގެންނަމަވެސް އަޅުވެތިކަމުންސަލާމަތްވެގެން ފުރިހަމަ އިސްކޮޅަށް ތެދުވުން އެހެންނޫނީ އަބަދުވެސް ތިބެންޖެހޭނީ ތިގޮތުގައި (ވަށްސަލާމް)

    ރައްދު
  4. އަލީ

    ދޮގެއްވާނޫން މިފެހެންދޫ މީހުންނަކީ ވަރަށް ފޮނިބައެއް . މިމީހުން އުޅެން ޞޭނުންވަނީ އެންމެ އަރާމުގައި. އަދި އެންމެ އުޅޭހިތްވަނީ މާލޭގައާއި ހުޅުމާލޭގައި. މިހެންވާތީއޭ މިމީހުންނަށް އަޅާނުލަނީ އެއްވެސް ސަރުކާރަކުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.