50 އަހަރަށް ފަހު އަނެއްކާ ވެސް ކަމަނަކުއްޖާ!

 

[އެ ކުއްޖާގެ ފޮޓޯއެއް ނެތެވެ؛ އެކަމަކު އޭނާގެ ސިފަ އާއި މިޒާޖާއި އޭނާ އަށް ވީ ގޮތް ކިޔައިދޭނެ މީހުން ދުނިޔޭގައި އެބަތިއްބެވެ. އޭދަފުށީގައި ވޭތުވެދިޔަ ފަންސާހަކަށް އަހަރު ވަންދެން މެދުކެނޑުމެއް ނެތި ދެކެވެމުން ދިޔަ “ކަމަނަކުއްޖާ ގެއްލުނު ވާހަކަ”އިގެ ކޮންމެވެސް ހަގީގަތްތަކެއް މިއޮތީ، މިއަދު ދިރިތިބި، އަދި އެ ކުއްޖާ ލޮލުން ދެކެފައިވާ ބައެއް މީހުން ދައްކައިފަ އެވެ. ތަޖުރިބާކާރުންނާއި ދީނީ އިލްމުވެރިންގެ ބަހުން، އެ ހާދިސާގެ ނިމުން މިހާރު ކޮންމެވެސް ވަރަކަށް ސިފަކޮށްލެވިދާނެ އެވެ. މިއީ، އީޓީގެ ފަހު މަޖައްލާހެ ހާއްސަ ކަވާ ސްޓޯރީއެކެވެ. އަލީ އިމާދާއި އިސްމާއިލް ނަސީރު މިދަނީ، އޭދަފުށީގެ ކޮންމެ މީހަކު ވެސް ދަންނާނެ، އެކަމަކު އަދިއަދަށް ދާންދެން ވެސް ވަޅުޖެހިފައިވާ ބޮޑު ސިއްރެއްގެ ތެރެއަށެވެ.]

ކަމަނަ ކުއްޖާ އަށް ވީ ކީއްހެއްޔެވެ؟ އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖާ އަށް ގެއްލުނީ ކޮންތާކަށް ބާ އެވެ؟ އޭނާ އާ ބެހޭ ގޮތުން ދެކެވޭ ވާހަކައިގެ ހަގީގަތްތަކަކީ ކޮބައި ހެއްޔެވެ؟ ކަމަނަ ކުއްޖާ، ޖިންނިއެއް ގެންދިޔައީ ބާ އެވެ؟ އޭނާގެ ނަމަކީ ކޮބައިބާ އެވެ؟ އެ ކުއްޖާ އަށް ކަމަނަ ކުއްޖާއޭ ކިޔަނީ ކީއްވެ ބާ އެވެ؟ މުޅި ރަށާއި ކައިރި ރަށްރަށަށް ބަލައި، ހެދިހާ ފަންޑިތަތަކުން ވެސް އޭނާ ނުފެނުނީ ކީއްވެބާ އެވެ؟ އޭނާ ދާދިފަހަކާ ޖެހެންދެން ވެސް ރަށުތެރެއިން ފެންނަމުންދެއޭ ބުނަނީ ކީއްވެބާ އެވެ؟ ހުސް ސުވާލެވެ.

ކަމަނަކުއްޖާއަކީ ކާކު؟

ބައެއް ސުވާލަށް ޖަވާބު ދެވިދާނެ އެވެ؛ ކަމަނަކުއްޖާ އަކީ އޭދަފުށީ ފެންވިލާގޭ ފާތިމަތު މުހައްމަދު )ކަމަނަ( އާއި، މުހައްމަދު އަހުމަދަށް ލިބުނު ފުރަތަމަ އަންހެން ދަރިފުޅެވެ. އެއީ ހެޔޮވަރު ސިއްހަތެއްގައި ހުރި ޅަބާޅަ ދޮން އަންހެންކުއްޖެކެވެ. އެ ކުއްޖާ ގެއްލުނު ގޮތަކަށް އަދިއަދަށް ދާންދެން ވެސް ހަބަރެއް ނުވެ އެވެ. ގެއްލުނުއިރު އުމުރަކީ އެންމެ ފަސް އަހަރެވެ. އޭނާގެ ފުރިހަމަ ނަން އެނގޭ މީހަކު ދުނިޔޭގައި ނެތް ނަމަވެސް އޭނާ އަށް ކިޔަނީ ކަދީދާ ކަމަށް ވެ އެވެ. ކަމަނަ ކުއްޖާއޭ އާންމުކޮށް ކިޔަމުން ދަނީ އެއީ ކަމަނަގެ ދަރިއަކަށް ވާތީ އެވެ.

ކަމަނާގެ ބައެއް ދަރިން މިހާރު ވެސް ދުނިޔޭގައި އެބަތިއްބެވެ. ކަދީދާ ނުވަތަ ކަމަނަ ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުއްސައްތާރު މުހައްމަދު ވަނީ މި ހާދިސާއާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކަމަނަ ކުއްޖާ ގެއްލުމުގެ އެއް ރޭ ކުރިން އޭނާ ގެއްލިގެން އުޅެނިކޮށް ބައްޕަ އަށް ހުވަފެނުން ފެނުނު ކަމަށް ބައްޕަ ބުނެފައިވާ ކަމަށެވެ. އެކަމަކު ކަމަނަ ކުއްޖާ ގެއްލުނު އިރު ބައްޕަ މުހައްމަދު ހުރީ މާލޭގަ އެވެ.

ކަމަނަ ކުއްޖާ އަކީ ބައެއް ދުވަސްދުވަހު އެ ހިސާބުގަނޑުގެ ކުދިންނާ އެކު ދެކުނުފަރާތު އަތިމައްޗަށް ދާ ކުއްޖެކެވެ. އޭނާ ގެއްލުނު ދުވަހު ރައްޓެހި ކުދިންނާ އެކު ކުޅެ، މޫދަށް އެރި އުޅުނެވެ. އެ ވަގުތަކީ ވަރަށް ބޮޑަށް ދިޔަވަރުހިކި، މުޅި ރަށުގެ ފަޅު ވަރަށް ބޮޑަށް ހިކިފައިވާ ދުވަހެކެވެ. މޫދަށް އެރި ގެއަށް އައިސް އަމިއްލަ އަށް ފެންވަރައިގެން ނުކުމެ، މަންމަގާތު ތިއްތި )ހެދުމެއް( ދޭށޭ އޭނާ ބުންޏެވެ. އެ ވަގުތު ގޭގައި ކަށި ތަޅަން އިން ކަމަނަ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ، ޖެހިގެން ހުރި ހިޔަލީގޭ ސިއްތި ދައްކާފައި ”އެހެރީ ސިއްތި” އޭ ބުނުމާ އެކު އެ ވަގުތު ކަމަނަ ކުއްޖާ މަގުމައްޗަށް ނުކުތެވެ. އޭނާ އާއިލާ އަށް ގެއްލުނު ހިސާބަކީ މިއީ އެވެ. އޭގެ ފަހުން އޭނާ އަށް ވީ ގޮތެއް އެއްވެސް މީހަކަށް ނޭނގެ އެވެ. ދިޔައީ ކޮން ތަނަކަށް ކަން ވެސް ނޭނގެ އެވެ.

ކަމަނަކުއްޖާގެ ފަހު ފެނިލުން

 ގެއިން ނުކުމެގެން ދިޔުމާއި ގެއްލުމާ ދޭތެރޭގައި ބައެއް މީހުންނަށް އެ ކުއްޖާ ބައެއް މީހުންނަށް ފެނުނެވެ. އޭގެ ތެރެއިން ބައެއް މީހުން ކުޑަކުޑަ ކުއްޖާ ފެނުނީ އެ ދުވަހު ހަވީރު، ނުވަތަ އިރުއްސެން ކައިރި ވެފައި ހުއްޓާ ބެރެބެދި ގަސްތަކެއް ކައިރިންނެވެ. އެތާނގައި ހުއްޓާ ފެނިގެން އެ ކުއްޖާއާ ވާހަކަ ދެއްކި އެކަކީ މި ރަށު މަޝްހޫރު ފޫޅުމާ ހަސީނައްތަ އެވެ.

“މިތާ ކީއްކުރަނީހޭ، މިހާރު މާ ލަސްވެއްޖޭނޫންހޭ، ގެއަށް ދާށޭ އަޅުގަނޑު ބުނިން،” ހަސީނައްތަ ބުންޏެވެ. “އޭގެ ޖަވާބުގައި، މިއައީ ދައްތަބުނެގެންނޭ އެ ކުއްޖާ ބުނި.”

އެއީ މުޅި ރަށް ބޯ ޖަންގައްޔެއްހެން އޮންނަ ދުވަސްވަރެވެ. އޭރުގެ ތާރީހު ދިރާސާކުރެއްވި މި ރަށު އަބްދުﷲ އަހުމަދު ބުނި ގޮތުގައި، އޭރު ރަށުގެ މަގުތައް އޮންނާނީ ދެ ފަރާތުން ގަސްތައް ހެދި މަގު މުޅިން ހިޔާކޮށްލައިފަ އެވެ. އެހާ ވެސް ގިނަ އަދަދެއްގެ ގަސްތަކާ އެކު މުޅި ރަށް އޮންނަނީ ފެހިކޮށްލައިފައި ކަމަށް އަބްދުﷲ ބުންޏެވެ. އެ ދުވަސްވަރު ކިނބިގަހާއި ބޯކަށިކެޔޮ ގަހާއި ބެރެބެދި ގަސްފަދަ ބިޔަ ގަސްގަހުން ދެކުނުފަރާތް ވެސް އޮތީ ބޯ ޖަންގައްޔެއް ގޮތަށެވެ. ރޭގަނޑުވެއްޖެ ނަމަ އެ ސަރަހައްދު އޮންނަނީ ނާމާން ވެފަ އެވެ.

ކަމަނަކުއްޖާ ގެއްލިއްޖެ!

A63 އިރު އޮއްސިއްޖެ އެވެ. ކަމަނަކުއްޖާ ގެއަކަށް ނައެވެ. އާއިލާއިން އޭނާ ހޯދަން ވެސް ފަށައިފި އެވެ. އެކަމަކު ވެސް ހިލަމެއް ނުވި އެވެ. އެއާ އެކު މުޅި ރަށް އެލާޓަށް އަތުވެއްޖެ އެވެ. ކަމަނަކުއްޖާ ގެއްލުނު ޚަބަރު މުޅިރަށަށް އާންމުވެ މުޅި ރަށް “ބިރުގަނެއްޖެ” އެވެ. ރަށުގައި ތަފާތު ވާހަކަތައް ދެކެވެން ފަށައި، ރަށް ނާމާން ވެއްޖެ އެވެ. އެންމެން ބިރުވެރިކަމެއްގެ ތެރެއަށް ސޮއްސާލައިފި އެވެ. ކަމަނަ ކުއްޖާ ހޯދަން މުޅި ރަށު ރައްޔިތުން ނުކުމެއްޖެ އެވެ. ވަލުތެރެ އާއި ފަޅުމައްޗާއި، ކަނޑާއި ކައިރީގައި އޮތް މާއްޑޫ ވެސް ބަލައި ހޯދި ކަމަށް ވެއެވެ. ރައްޔިތުން ރަށު ބަންދުކޮށްގެން ތިން ދުވަސްވަންދެން އެ ކުއްޖާ ހޯދި އެވެ. އެކަމަކު އެއްވެސް ޚަބަރެއް، ހިލަމެއް، ފިޔަވަޅެއް ވެސް ނުފެނުނެވެ.

ކިޔެވެލި ކިޔަވައި ފަންޑިތަ ހަދަން ފެށުން

އެ ކުއްޖާ ގެއްލުނުފަހުން ރަށުތެރެ ނާމާންވާން ފެށި އެވެ. އެ ކުއްޖާ ފެނޭތޯ ފަންޑިތަ ވެސް ހަދަން ފެށި އެވެ. މާލޭގައި ތިބި މޮޅެތި މީހުން ލައްވާ ފާލު ބެލުވި އެވެ. އެ މީހުންގެ ވާހަކައިން ރަށުތެރެ އިތުރަށް ބިރުވެރިވި އެވެ. ފާލު ބަލާ މީހުން ބުނީ އެ ކުއްޖާ މަރުނުވެ ދުނިޔޭގައި ހުރި ކަމަށެވެ. އެހެންވެ ދަމުހިނގުމާއި، އަމާން ބަންގި ގޮވަން ފެށި އެވެ. މި ބިރުވެރިކަމުގެ ތެރޭގައި ގިނަ ދުވަސްތަކެއްވަންދެން ރައްޔިތުން އުޅުނެވެ. އެންމެފަހުން ރަށު މީހުން ނިންމީ އެ ކުއްޖާ ޖިންނި ގެންދިޔައީ ކަމަށެވެ.

ރަށު ތެރެއިން ކަމަނަކުއްޖާ “ފެންނަން ފެށުން”

ދެން ފެށުނީ މީގެ މުޅިން އެހެން ސިލްސިލާއެކެވެ. ކުރިމަތިލާން ޖެހުނީ މާ ބޮޑު ބިރުވެރި ކަމަކާ އެވެ. ހުކުރާއި ހޯމަ ވިލޭރޭ ކަމަނަ ކުއްޖާ ރަށު ތެރެއިން “ފެންނަން ފަށައިފި” އެވެ. ގެއަށް ގޮސް މަންމަ އަށް ގޮވާ އަޑު އިވެން ފަށައިފި ކަމަށް ބުނަން ފަށައިފި އެވެ. އޭނާ ފެންނަނީ ބައެއް ރޭރޭ ގޭގޭގެ ބަނބުކޮޔޮ ގަހުންނެވެ. ބައެއް ރޭރޭ ރަށުގެ ހުޅަނގުކޮޅު ވަލުންނެވެ. ބައެއް ރޭރޭ ބަށިކޯޓް )މިހާރު ތައުލީމީ މަރުކަޒު(ގެ ފުނަގަސްފަލުންނެވެ. ދިގު އިސްތަށިގަނޑާ އެކު ފެންނަ ކަމަށް ވެ އެވެ. ރަތްހެދުމެއް ލައިގެން އިންދާ ވެސް ފެންނަ ކަމަށް ވެ އެވެ. ގަހުގެ އޮފިގަނޑުގައި ދެފައި ބާލައިގެން އިންނަތަން ވެސް ބައެއް މީހުންނަށް ފެންނަ ކަމަށް ބުނެ އެވެ. މިހެން ފެންނަ ކޮންމެ ރެއެއް އޭދަފުށި އޮންނަނީ ހިމޭން ކަމުގެ ސާލެއް ލައިފަ އެވެ. ގެއިން ބޭރަށް ނުކުމެ އުޅޭ މީހަކު ނޫޅެ އެވެ.

ހަގީގަތަކީ ކޮބާ؟

ހަގީގަތަކީ ކޮބައިކަމެއް ނޭނގެ އެވެ؛ ކަމަނަ ކުއްޖާ އަށް ވީ ކީއް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. މިހާރު ވިސްނޭ ބައެއް ވިސްނުންތަކުން މިވެނިއެވެނި ގޮތެއް ވީއޭ ހިތުލައިގެން ތިއްބަސް، އެ އަންހެން ކުއްޖާ ގެއްލުނު ކަން އެއީ ހަގީގަތެކެވެ. އޭނާގެ ޚަބަރެއް ނުވިކަން ވެސް އެއީ ހަގީގަތެކެވެ. އަދި، މެދުކެނޑުމެއް ނެތި ބައި ގަރުނު ވަންދެން އޭނާގެ ވާހަކަ ދައްކަން ޖެހުނު ކަމީ ވެސް އޭގައި ސިއްރުތަކެއް ހުރި ކަމުގެ ހެއްކެކެވެ. މިއަދު ވެސް އެ ވާހަކަ މި ދައްކަން ޖެހެނީ އޭގެ މަސްދަރާ ހަމައަށް ވާސިލް ވެވޭނެ ގޮތެއް ނެތި އެވެ.

ސައިކޭޓްރިސްޓުންގެ ވާހަކަ

ޑރ. އައިޝަތު އަލީ ނާޒަކީ ކްލިނިކަލް ސައިކޮލޮޖިސްޓެކެވެ. އޭނާގެ ކެރިއާގައި “ޖިންނީ”ގެ އެތަކެއް ވާހަކަތަކަކާ ކުރިމަތިލައްވައިފި އެވެ. މިފަހަރު މިއޮތީ 50 އަހަރު ވަންދެން ރައްޔިތުންގެ ކުރަމުން ދިޔަ ސުވާލު އޭނާއާ ކުރިމަތިވެފަ އެވެ. އޭނާގެ ޖަވާބަކީ ކޮބައިހެއްޔެވެ؟

“ސީދާ ޖިންނި ގެންދިޔައީއޭ ނުވަތަ ނޫނެކޭ އަޅުގަނޑަކަށް އެހާ ފަސޭހައަކުން ނުދެންނެވޭނެ. އެހެން ނަމަވެސް، ތިފަދަ ކޭސްތަކުގައި ވެދާނެ ގޮތްތަކެއް ބުނެލެވިދާނެ. ތިޔައީ ރާއްޖޭގައި ވަރަށް އާންމުކޮށް ދިމާވެފައި ހުރި މައްސަލައެއް. ފަހުގެ ހޯދުންތަކާއި ތިކަހަލަ އާންމު މައްސަލަތަކަށް ބަލާއިރު ވެދާނެ ގޮތެއް ހަމަ އެ ކުއްޖާ ކޮންމެވެސް ގޮތަކަށް ގެއްލިގެން ގޮސް ވީނުވީ ނޭނގުނީ ކަމަށް. އެކަމަކު ދެން އޭގެ ފަހުން އެ ކުއްޖާ ފެނުމާއި މަންމަ އަށް ގޮވުމާއި މިއީ ދެ ގޮތަކަށް ވާހަކަ ދެކެވިދާނެ އިޝޫއެއް،” ނާޒް ވިދާޅުވި އެވެ.

އޭނާ ކުރިމަތި ލައްވަން ޖެހިވަޑައިގަތް “ޖިންނި ވާހަކަތަކުގެ” އެންމެ ފުނަށް ފީނާލުމުން ލިބޭ ޖަވާބަކީ އެއީ މާސް ހިސްޓީރިއާ ނުވަތަ ހިތް ބިރުގަތުމުން ދިމާވާ ކަންތައްތަކެވެ.

“މަންމައަކަށް ދަރިއަކު ގެއްލިގެން އޭގެ ހިތާމައިގައި އުޅެމުން ދަނިކޮށް އޭނާ އަށް ހީވެދާނެ ފެންނަނީ ކަމަށް. ވަރަށް ގިނަ މީހުން ބުނޭ އޭނާގެ ހިތުގައި އޮންނަ މީހާ ފެނެއޭ. ވާހަކަ ވެސް ދައްކައޭ. އެކަމަކު ހަގީގަތުގައި އެއީ ވަހުމަކަށް ވެގެންދޭ. ހާއްސަކޮށް އެ ދުވަސްވަރު ރަށުތެރެ އެހާ އަނދިރިވެ ނާމާންވެފައި އޮންނައިރު މީހުންގެ ހިތް ބިރުގަނެފައި ތިއްބާ ކިރިޔާ އަޑެއް އިވުނަސް ހީވެދާނެ ގޮވަނީއޭ. އަނެއްކޮޅުން އޭނަ ފެނެއޭ ބުނާތީ ވެސް ފެންނަ މީހުން ގިނަވެދާނެ.”

ނާޒް ވިދާޅުވަނީ އޭދަފުށީގައި އެތައް ބަޔަކަށް އޭނާ ފެނުނު ކަމަށް ބުނާ ނަމަ، އެއީ މާސް ހިސްޓީރިއާ ކަމަށެވެ.

ކައުންސެލިން ދާއިރާއިން އޮސްޓްރޭލިޔާގައި މާސްޓާސް ހައްދަވައި، މިހާރު މާލޭގައި ހިދުމަތް ކުރައްވަމުން ގެންދަވާ ހައްވާ ލީޝާ ވިދާޅުވަނީ ވެސް ނާޒް ދެއްކެވި ވާހަކަތަކާ ދާދި އެއް ވައްތަރެއްގެ ވާހަކަ އެވެ.

“ކުޑަކުއްޖަކު ގެއްލުމަކީ ބޮޑު ޓްރޯމާއެއް. އެހެންވެ އެ ކުއްޖާ އަށް ވެސް އަދި އެހެން މީހުންނަށް ވެސް ވަރަށް ބޮޑު ޝޮކެއް ލިބޭ ކަމެއް. އަދި އެކަހަލަ ޒަމާނެއްގައި ކުއްޖަކު ގެއްލުމާއި އެކަހަލަ ހާދިސާތައް ގިނައިން ގުޅިފައި މި އޮންނަނީ ޖިންނީގެ ކަމަކާ. އެކަހަލަ ހާލަތެއްގައި މަންމައަކު ހުއްޓާ އޭނަ ކައިރީގައި ޖިންނި ގެންދިޔައީއޭ ބުނީމަ ވަރަށް ފަސޭހައިން މަންމަ އަށް ވެސް އަދި ރަށުގެ މީހުންނަށް ވެސް އެކަން ގަބޫލުކުރަން ފަސޭހަވާނެ،” ލީޝާ ވިދާޅުވި އެވެ.

އެ ދެބޭފުޅުން ވިދާޅުވިހެން ޖިންނިއާ ގުޅުވައިގެން ދެކެވޭ ވަރަށް ގިނަ ވާހަކަތައް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ކަން ސާބިތުވެފައި އެބަހުއްޓެވެ. ބައެއް ކުދިން ފިޓް ޖެހުމުން އެއީ ވެސް ޖިންނި އަވަލީއޭ ބުނެ ފަންޑިތަ ހަދައިގެން ރަނގަޅު ނުވެފައި އެބަހުއްޓެވެ. އަދި ޖިންނި މޮޔަވި ކަމަށް ބުނާ އެތަކެއް ބަޔަކު ކައުންސެލިން ދީގެންނާއި ޑޮކްޓަރީ ބޭހުން ރަނގަޅު ވެސް ކޮށްފައި އެބަހުއްޓެވެ. މާނައަކީ، ޖިންނީންގެ ސަބަބުން ވީ ކަމެކޭ ބުނެ މުޅި ވާހަކައިގައި މަތިޖެހެން ނެތް ކަމެވެ.

އެކަމަކު، ކަމަނަ ކުއްޖާ ޖިންނި ގެންދިޔައީ ކަމަށް ފާލު ބަލާ މީހުން ބުނެ، އޭނާ ދުނިޔޭގައި ހުރި ކަމަށް ބުނާ ނަމަ، އޭގެ ފަހަތުގައި ކޮންމެވެސް ކަންތައްތަކެއް ހުރި ކަމަށް ގަބޫލުކުރަން ވެސް ޖެހެ އެވެ. ސަބަބަކީ، ޖިންނި އުޅޭކަން އެއީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށް ވާތީ އެވެ. އަދި އިންސާނުން ދުނިޔެމަތިން ގެއްލުވާލުމުގެ ބާރު ޖިންނި އަށް ލިބިފައިވާކަން ދީނީ ގޮތުން ވެސް ސާބިތުވާތީ އެވެ.

ޖީންނީންނަށް އިންސާނަކު ގެންދެވިދާނެ

ކަމަނަ ކުއްޖާ އުޅުނުގެ މިހާރު ހުރިގޮތް
ކަމަނަ ކުއްޖާ އުޅުނުގެ މިހާރު ހުރިގޮތް

ކަމަނަ ކުއްޖާ ޖިންނި ގެންދިޔައީއޭ ބުނަމުން ދަނީ ހީވާ ހީވުމެއްގެ މައްޗަށެވެ. އެކަން ހިނގައިދިޔަ އެއްވެސް މަންޒަރެއް އެކަކު ވެސް ނުދެކެ އެވެ. ޖިންނި ގެންދިޔައީ ކަމަށް ބުނަނީ އެއްވެސް ތިއަރީއެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެއީ އޭރުގެ ހާލަތު އޮތް ގޮތެވެ. ކަމަނަކުއްޖާ ގެއއްލިގެން އޭނާ ހޯދަހޯދާ ނުފެނުމަކީ “ޖިންނި އެ ކުއްޖާ އުފުރާލި” ކަމަށް ބުނެވޭ މައިގަނޑު ސަބަބެކެވެ. އެހެން ނަމަވެސް، ޖިންނި އެ ކުއްޖާ ނުގެންދާ ކަމަކަށް ވެސް މުޅިން ނިންމޭކަށް ނެތެވެ. ޖިންނީންގެ އުނދަގޫ އިންސާނުންނަށް ކުރިމަތިވާ ކަމާއި ޖިންނިން އިންސާނުން މެރިކަން ސާބިތުވާން އެބައޮތެވެ.

ޖިންނީންނާ ބެހޭ ގޮތުން ހާއްސަ ލިޔުއްވުންތަކެއް ލިޔުއްވާފައިވާ އަދި ދީނީ ވަރުގަދަ ޖަމާއަތް، ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިޚު އަބްދުﷲ ބިން މުހަންމަދު އިބްރާހިމް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ އިންސާނުންނާ މުއާމަލާތް ކުރުމުގެ އެތަކެއް ބާރެއް މާތްﷲ ޖިންނީންނަށް ދެއްވާފައިވާކަން އެއީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

“ކީރިތި ޤުރުއާން މުތާލައާ ކޮށްލާއިރު އެތައް ދަލީލުތަކެއް މާތްﷲ އެފޮތުގައި ހިމަނުއްވާފައިވާތީ އެބަފެނޭ. ޖިންނި ޝައިތާނުން އިންސާނުންނާ ގޯނާކޮށް އެ މީހުންނަށް ބަލި ޖައްސައި، އެ މީހުންގެ މުދަލާއި ދިރިއުޅުމަށް ގެއްލުން ދިނުމުގެ ކުޅަދާނަކަން މާތްﷲ ވަނީ އެސޮރުމެންނަށް ދެއްވާފައި. މީގެ ބައިވަރު ދަލީލުތައް އެބަހުރި. ޖިންނި މޮޔަވުމަކީ ހަގީގަތެއް،” އަބްދުﷲ ވިދާޅުވި އެވެ. “ދުނިޔެމަތިން ޖިންނި އިންސާނުން ގެންދަވާކަން ރަސޫލާ އެބަހުރި މީހުންނަށް ވިދާޅުވެފައި ދެއްވައިފައި ވެސް. މީހަކު ދުނިޔެމަތިން ގެންގޮސް ޖިންނީންގެ ތެރޭގައި ގެންގުޅެ، ފަހުން ދުނިޔެ އަށް އައިސް އޭނާ ޖިންނީންގެ ތެރޭގައި އުޅެފައި ހުރި ގޮތްތަކުގެ ވާހަކަ ރަސޫލާ ވިދާޅުވެދެއްވާފައި އެބަހުރި. އިންސާނުން އެހެން އިންސާނުންނަށް ނުފެންނަހެން ގެންގުޅުމުގެ ބާރު އެބައޮތް ދެއްވާފައި.”

ސީދާ ކަމަނަ ކުއްޖާގެ ވާހަކަ އަޑު އެއްސެވުމަށް ފަހު އަބްދުﷲ ވިދާޅުވީ ޖިންނި ގެންދިއުމަކީ ވެދާނެ ކަމެއްކަން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. ސަބަބުތައް ވެސް އޭނާ ވިދާޅުވެދެއްވި އެވެ.

“މައުނަވީ ގޮތުންނާއި މާއްދީ ގޮތުން ޝައިތާނާ އިންސާނުންނަށް ބާރު ފޯރުވުމަކީ ޝައްކެއް އޮތް ކަމެއް ނޫން. މައުނަވީ ކަންކަމުގެ ތެރޭގައި ވަސްވާސް ދިނުމާއި ހަނދާން ނެއްތެވުމާއި މޮޔަކުރުމާއި ލޮލަށް ގެންނަ ގޮތް ބަދަލުކޮށް އިވޭ އަޑަށް ބަދަލު ގެނައުން ހިމެނޭ. މާއްދީ ކަންތައްތަކުގެ ތެރޭގައި އޭނާ އަށް ޖިސްމާނީ އަނިޔާތައް ދިނުމާއި ބައެއް ގުނަވަން ވާކުރުމާއި ލޮލަށް ފެންނަފެނުން ނެތިކޮށްލުމާއި އިންސާނުންގެ މުދަލުން ވައްކަން ކުރުން ވެސް ހިމެނޭ،” އަބްދުﷲ ވިދާޅުވި އެވެ.

ޖިންނިން ކުރާ ކަންތައްތަކުގެ ވާހަކައިން އެކި މިސާލުތައް ނަންގަވައި، އަބްދުﷲ ވިދާޅުވި ގޮތުގައި ހޫނުކުރާ ވަރުގެ ކަންތައްތައް ޖިންނި ކޮށްފާނެ އެވެ.

“އެއްޗެއް ބޭއްވުމަށް ފަހު، ތަޅުދަނޑިއެއް ވިޔަސް، ފައިސާއެއް ވިޔަސް އަދި އެ ނޫން އެއްޗެއް ވިޔަސް ބައެއް ފަހަރު ބޭއްވޭތަން އޮޅި، ބޭއްވީ ހަމަ މިވެނިތަނަކުއޭ ބުނެ ގަދަ ހަނދާނަށް އަނެކާއާ ޒުވާބު ކުރެވޭ. ބައެއް ފަހަރު ޖިންނި އައިސް މިތަކެތި އެހެން ތަނަކަށް ބަދަލުކޮށްލާ ފޮރުވާ ހަދާ،” އަބްދުﷲ ވިދާޅުވި އެވެ. “އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބަލާނަމަ ޖިންނި މޮޔަވެފައި ވަނީ ގަސްގަހާއި އެހެނިގެން ތަންތާ ކުޅެ ދުވެ ސަކަރާތްޖަހާ ހެލިފެލިވެ އުޅޭ ޒުވާންކުދިންނަށް.”

ފަހުގެ ވިސްނުން

 ކަމަނަ ކުއްޖާ ޖިންނި ގެންދިޔައީ ކަމަށް ވެސް ބެލެވިދާނެ އެވެ. އަނެއްކޮޅުން އޭނާ ގެއްލުނީ ކަމަށް ވެސް ބެލެވިދާނެ އެވެ. އެ ކުއްޖާ އެންމެ ފަހުން ފެނުނީ މޫދާ ކައިރި ހިސާބަކުން ކަމަށް ވާތީ އެ ކުއްޖާ މޫދަށް ވެއްޓި މަރުވީ ކަމަށް ވުން ވެސް އެއީ ގާތް ކަމެކެވެ. އޭރުގެ ސާޗް އެންޑް ރެސްކިއު އެހާ ބޮޑަށް ތަރައްގީ ވެފައި ނެތުމާއި އެ ކުއްޖާ ހޯދަން އެހާ ވަރަށް މަސައްކަތް ކުރެވިފައި ނެތުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް އޭރު ނެތުމުން އެ ކުއްޖާ ނުފެނުމަކީ ވެސް ވުން ގާތް ކަމެކެވެ. ހަމައެއާ އެކު، އެ ކުއްޖާ ގެއްލުނުކަން އެނގުނީ އެރޭގެ ވަގުތެއް ކަމަށް ވާތީ މުޅި ރަށާއި ފަޅުތެރެ ހޯދުމަކީ އެހާ ފަސޭހަ ކަމަށް ނުވާތީ، އެ ކުއްޖާ ނުފެނުނީ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. މީގެ އަހަރުތަކެއް ކުރިން މިގޮތަށް ގެއްލޭ އެތަކެއް ކުޑަކުއްޖަކު ނުފެނިފައި ވެސް އެބަހުއްޓެވެ.

 ނާޒް ވިދާޅުވަނީ މިހެންނެވެ؛ މި ވާހަކަ އަލުން ލިޔުމުގެ ބޭނުމެއް ވެސް ނެތެވެ. ސަބަބަކީ ކޮންމެ ބިރުވެރި ވާހަކައަކާ އެކު އެ ކުއްޖާގެ “ސޫރަ” މީހުންގެ ހިތްތަކަށް ވަނުމުގެ ފުރުސަތު އޮތުމެވެ. ބިރުވެރި ކޮންމެ ވާހަކައަކާ އެކު ހިތް ތެޅިގަތުން އެއީ ހިސްޓީރިއާ އެވެ. އެހެންވެ، ކަމަނަ ކުއްޖާ ރަށުތެރެއިން އަނެއްކާ ވެސް ބައެއް މީހުންނަށް ފެނިދާނެ އެވެ. އެކަމަކު ހާސް ނުވާށެވެ! މިހާރު ކަމަނަކުއްޖާ ނުފެންނަތާ އެތަކެއް އަހަރު ވެއްޖެ އެވެ. ރަށުގައި ނާމާންކަމެއް އަމުދުން ނެތެވެ. އެހެންވީމަ، މި ވާހަކަ އަލުން ލިޔެގެން ކަމަނަ ކުއްޖާ ފެނިއްޖިއްޔާ އޭގެ މާނައަކީ އެ މީހަކު ހިތް ބިރުގަތީ އެވެ. ހިސްޓީރިއާ އަކީ އެއީ އެވެ.

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.