ދެގޮތެއް ނުވާ ހުނަރުވެރިޔާ މަޖިއްޓޭ!

މަރުހޫމް އަހްމަދު ޝާހީން ފުޓްސްލް މުބާރާތުގައި މަޖިއްޓޭ ސޮނެވާފުށީ ޓީމަށް ކުޅެނީ- ފޮޓޯ/- އިބްރާހިމް ޒަހާން ޒާހިރު
މަރުހޫމް އަހްމަދު ޝާހީން ފުޓްސްލް މުބާރާތުގައި މަޖިއްޓޭ ސޮނެވާފުށީ ޓީމަށް ކުޅެނީ- ފޮޓޯ/- އިބްރާހިމް ޒަހާން ޒާހިރު

އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ޓީމު ކުޅުނު މެޗެއް ބަލަން ގޮސް ހުއްޓައި ގާތުގައި ހުރި މީހަކު ބުނެލި އަޑު އިވުނެވެ.

“އެ ސޮރު މިހާރު އަދި މާ މޮޅުހެން ހީވަނީ،” އެ ވާހަކަ އަށް އެއްބަސްވުމުގެ ގޮތުން އެހެން މީހަކު ބުންޏެވެ. “އަދިވެސް އެވަރެއް ހަމަ ނެތް.”

އެ މީހުންގެ ތައުރީފު ހައްގު ފަރާތަކީ މި ރަށު ޓީމުގެ ކެޕްޓަން އަބްދުލް މަޖީދު އިބްރާހީމެވެ. އެންމެން ދަންނަ ނަމުން ނަމަ މަޖިއްޓޭ އެވެ. އުމުރުން 36 އަހަރުގައި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ގައުމީ ޓީމަށް ނުކުޅުނު ނަމަވެސް އޭނާ އަކީ ރަށު މީހުންގެ ކުރިމަތީގައި ބަތޮލެކެވެ. ގިނަ ބަޔަކު މިހާރު ވެސް އޭނާ ސިފަކުރަނީ އޭދަފުށީގެ ފުޓްބޯޅައިގެ ލެޖެންޑެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބޮޑު ކުލަބަކަށް މަޖިއްޓޭ ކުޅެފައެއް ނުވެއެވެ. އެކަމަކު އެއީ ރަށުގައި އުފެދުނު މޮޅު އެހެން ފުޓްބޯޅަ ކުޅުންތެރިންނެކޭ އެއްފަދައިން އޭނާ ވެސް ދުށް ހުވަފެނެކެވެ. ރާއްޖޭގެ ބޮޑު ކުލަބަކަށް ކުޅުމުގެ ފޮނި އުއްމީދުގައި ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު އޭނާ މާލެ ދިޔަ އެވެ. އޭރުގެ އެންމެ މަޝްހޫރު އެއް ކުލަބް ކަމަށްވާ ކްލަބް ވެލެންސިޔާ ގެ ޕްރެކްޓިހުގައި ވެސް އޭނާ ބައިވެރިވި އެވެ. އެކަމަކު މުބާރާތުގެ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުން ވެސް އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ. އެއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ. މާޔޫސް ކަމެކެވެ.

“އަސްލު ދެން ތިބި އެހެން ކުޅުންތެރިންނާ ބަލައިފައި އަހަރެންގެ ކުޅުން ގައިމު ވެސް މާ ދަށެއް ނުވާނެހެން ހީވަނީ. އެކަމަކު އޭރު ވަރަށް ތަފާތުކުރުން އޮވޭ. ރާއްޖެތެރެއިން ދާ ކުޅުންތެރިންނަށް ވަރަށް ފުރުސަތު ނުލިބޭ ކުޅެލަން. އެ ހިސާބުން އަހަރެން ފޫހިވީ މާލޭގެ ޓީމްތަކަށް ކުޅެން،” މަޖިއްޓޭ ބުންޏެވެ.

DSC_0141
މަރުހޫމް އަހްމަދު ޝާހީން ފުޓްސްލް މުބާރާތުގައި މަޖިއްޓޭ ސޮނެވާފުށީ ޓީމަށް ކުޅެނީ- ފޮޓޯ/- އިބްރާހިމް ޒަހާން ޒާހިރު

އޭގެ ފަހުން ވެސް ބޮޑެތި ކްލަބްތަކުގެ ރަނގަޅު ހުށަހެޅުންތައް އޭނާއާ ހަމައަށް ދިޔަ އެވެ. އެކަމަކު އޭނާ އަށް އެއަށްވުރެ މުހިންމު ވީ ސޮނެވާފުށީގައި އޭނާ އަދާކުރި ވަޒީފާ އެވެ.

މަޖިއްޓޭގެ ހަޔާތުގައި މިހާތަނަށް ކުރަންޖެހުނު އެންމެ ހިތި އެއް ތަޖްރިބާވެސް ގުޅިފައި ވަނީ ފުޓްބޯޅައާ އެވެ. އެއީ މީގެ 18 ވަރަކަށް އަހަރު ކުރިއެވެ. ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗެއްގައި އޭނާގެ ޓީމް ޔެލޯ ހައުސް ވާދަ ކުރި ދުވަހު މަޖިއްޓޭ އަށް ދައްކާފައި އޮތް ކާޑެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.

“ކުޅެން ދިޔަ ފަހުން އެނގުނީ މެޗަށް ނޭރޭކަން. އެ ހިސާބުން އަހަރެން ދިޔައީ ގެއަށް. ދެންވީ ގޮތަކީ ޓީމުގެ އެހެން ކުދިން ވެސް މެޗް ނުކުޅެ ފައިބައިގެން އައީ.”

އެ ދުވަހުގެ އެ ހާދިސާ ވެގެން ދިޔައީ އޭނާގެ ތައުލީމީ ހަޔާތުގެ ސިއްކަ ޖެހުމަށް މެދުވެރިވި ސަބަބު ކަމުގަ އެވެ.

“އެކަމާ ހެދި ސްކޫލަށް ނާދެވޭ ގޮތަށް ސަސްޕެންޑް ކުރި. ދެން ދިނީ ލިއުމެއް. އޭގައި އޮންނަނީ ސަރުކާރުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންގެ ކުރިމަތީގައި ސްކޫލްގެ އަގު ވައްޓާލި ކަމަށް އެއްބަސްވެ ސޮއިކުރަން. އަހަރެން އެކަނި އޭގަ ސޮއި ނުކުރަނީ. އެހެންވެ އަހަރެން ސްކޫލުން ކަނޑާލީ،” އޭނާ ބުންޏެވެ.

މަރުހޫމް އަހްމަދު ޝާހީން ފުޓްސްލް މުބާރާތުގައި މަޖިއްޓޭ ސޮނެވާފުށީ ޓީމަށް ކުޅެނީ- ފޮޓޯ/- އިބްރާހިމް ޒަހާން ޒާހިރު
މަރުހޫމް އަހްމަދު ޝާހީން ފުޓްސްލް މުބާރާތުގައި މަޖިއްޓޭ ސޮނެވާފުށީ ޓީމަށް ކުޅެނީ- ފޮޓޯ/- އިބްރާހިމް ޒަހާން ޒާހިރު

މަޖިއްޓޭ ވަނީ ފުޓުބޯޅައިގައި ކާމިޔާބުތަކެއް ހޯދައިފަ އެވެ. މާލޭގައި ބޭއްވުނު ޒޯން ޗެމްޕިއަނުން ވާދަކުރި ދެ މުބާރާތެއްގެ ތަށި ޅ. ހިންނަވަރަށް ނިސްބަތްވާ ޓީމަކަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އޭނާ އަދާކުރި އެވެ. ކައިރި އެހެން އަތޮޅުތަކުގައި ބޭއްވޭ ބައެއް މުބާރާތްތަކުގައި އެ އަތޮޅުތަކުގެ ރަށްރަށަށް ނިސްބަތްވާ އެކި ޓީމުތަކަށް ކުޅެ އެ ޓީމްތަކުގެ ސަޕޯޓަރުންނަށް ހިނިތުންވުން އޭނާ ވަނީ ގެނެސްދީފަ އެވެ.

މިދިޔަ އަހަރު މި ރަށުގައި ބޭއްވި އެންމެ ބޮޑު ފުޓްބޯޅަ މުބާރާޓުގެ ޓޮޕް ސްކޯރާގެ މަގާމް ވެސް ހޯދި މަޖިއްޓޭ ވާދަވެރި ފުޓްބޯޅައިން ރިޓަޔާ ކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅެއެވެ.

“ބޮޑު އިންޖަރީއެއް ނުވަންޏާ އަދިވެސް ހަތަރު ވަރަކަށް އަހަރު މި ފެންވަރުގައި ކުޅެވޭނެހެން ހީވަނީ،” އޭނާ ބުންޏެވެ. “އަސްލު ވަރަށް ބޭނުން ރަށުގެ ޒުވާން ކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދޭން. އެކަމަކު ރަށުގައި ދާއިމީކޮށް ނުހުރެވޭތީ މައްސަލައަކީ. ވަރަށް މޮޅަށް ކުޅެވޭނެ ކުޅުންތެރިން މިރަށުގައި ބައިވަރު އެބަތިބި. އުއްމީދުކުރަން ކޮންމެވެސް ދުވަހަކުން އެކަން ކުރެވޭނެ ކަމަށް.”

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޖާވިދު

    މަޖިއްޓޭ އުނގޫފާރު ސައިފް ޖަމުއްޔާގެ ފުޓްބޯޅަަ ޓީމަށް އަތޮޅު މުބާރާތުގައި ކުޅުނު . އެފަހަރު ޗެންޕިއަންކަންވެސް ހޯދި. މިޖިއްޓޭގެ ޙިއްޞާ ވަރަށް ބޮޑު. ކެޕްޓަން ބޭންޑްވެސް އެޅި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.