ބ. އަތޮޅުގެ ތިން ރަށެއް ބޯފެނަށް ޖެހިފައި

ވާރޭނުވެހި ގިނަ ދުވަސްތަކެއްވެ، ފެން ލިބުން ދަތިވުމުގެ ސަބަބުން ބ. އަތޮޅުގެ ތިން ރަށެއް ބޯފެނަށް ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިއަތޮޅު ކެންދޫއާއި ކުޑަރިކިލު އަދި ފުޅަދޫން ވަނީ ބޯފެން ހުސްވެފައެވެ. މީގެ އިތުރުންވެސް 70 އަށް ވުރެ ގިން ރަށކުން ބޯފެނަށް ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެ ސެންޓަރުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
އެ ސެންޓަރުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ގިނަ ރަށްރަށް ފެނަށްޖެހިގެން ރިޕޯޓު ކުރުމުން، އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 59 ރަށަކަށް 2،286 ލީޓަރު ފެން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ. އަދި އިތުރު ރަށްރަށަށް ވެސް ފެން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުގެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވާގޮތުގައި ފެނަށް ޖެހިފައިވަނީ މި ދުވަސްވަރަކީ އިރުވައި މޫސުމަށް ވުމާއެކު، ވާރޭ ވެހުން މަދުވުމުން ނެވެ.
އާއްމު ގޮތެއްގައި ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެނުގެ ދަތިކަން ކުރިމަތިވެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...