“ޒިންމާ އަދާކުރުމުގައި ކައުންސިލުންވަނީ ފަރުވާ ކުޑަކޮށްފައި”

އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުން ބަޔާންކުރާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކައުންސިލަށް ބޭނުންވާ ވަސީލަތްކާއި އިހްތިސާސް ކަނޑައަޅާ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ބ. އަތޮޅު ކައުންސިލަށް ފޯރުކޮށްދެވިފައި ނުވާކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މޮނިޓަރިން ރިޕޯޓްގައި ބުނެފި އެވެ.
އެލްޖީއޭ އިން އާއްމުކޮށްފައިވާ ބ. އަތޮޅު ކައުންސިލުގެ 2013ވަނަ އަހަރުގެ މޮނިޓަރިން ރިޕޯޓްގައި ވަނީ ގާނޫނުގައި ބަޔާންކުރާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީ ކުރިމަގު ބައްޓަން ކުރާނެގޮތުގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންސިއަލް ޕްލޭން ކައުންސިލުން އެކުލަވާލާފައިވީ، އަދި ކައުންސިލުގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ތަރައްގީގެ ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވި ނަމަވެސް މަސައްކަތް ތަރުތީބުކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ފަހި ނިޒާމެއް ގާއިމު ކުރެވިފައިނުވާ ކަމަށެވެ
ރިޕޯޓްގައިވާގޮތުން ކައުންސިލެއްގެ އެންމެ އަސާސީ އެއްސިފަ ކަމަށްވާ ކައުންސިލުން ބޭއްވުމަށް ލާޒިމުކޮށްފައިވާ އާއްމު ބައްދަލުވުން ނުބޭއްވި ދިއުމުގެ ސަބަބުން އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި އިދާރީގޮތުން ބޭނުންވާ ލަފަޔާއި އިރުޝާދާއި ނިންމަން ބޭނުންވާ ކަންކަން ވަނީ ނުނިމި ގޮސްފަ އެވެ. އެގޮތުން 26 ފެބްރުއަރީ 2012 އިން 19 ޑިސެމްބަރު 2013 ގެ ނިޔަލަށް ބ. އަތޮޅު ކައުންސިލުން ބާއްވާން ލާޒިމުކޮށްފައިވާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާފައިވަނީ މަދު ބައްދަލުވުމެއްކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
“ރައްޔިތުން އެމީހުންގެ ފަރާތުން ކަންކަން ނިންމުމަށް އިންތިހާބުކުރާ ފަރާތްތައް ރައްޔިތުންނަށް ކަންކަން ނިންމައިދޭ، ރައްޔިތުން އެދޭ ގޮތަށް ހަމަހަމަކަމާއެކު ކަންކަން ކުރެވޭ އިންތިޒާމުތަކާއި އުސޫލުތަކާއި އަދި ގަވައިދުތައް އެކުލަވާލާ ފޯރަމެވެ. ވީ ހިނދު މި އަސާސީ ޒިންމާ އަދާކުރުމުގައި ކައުންސިލުންވަނީ ފަރުވާ ކުޑަކޮށްފަ އެވެ”

މޮނިޓަރިން ރިޕޯޓްގައި ބުނެފައިވާގޮތުން ބ. އަތޮޅު ކައުންސިލުގައި ފަންނީ ގާބިލު މުވައްޒަފުން ނެތުމަކީވެސް ބ. އަތޮޅު ކައުންސިލަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. އެގޮތުން ކައުންސިލުގެ މުވައްޒަފުން އިތުރަށް ތަމްރީނުކޮށް ގާބިލު ބަޔަކަށް ހެދުމަށް މުވައްޒަފުންނަށް ތަމްރީން ދޭން ޖެހޭ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ތަމްރީނު އެންމެބޮޑަށް ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ޓްްރޭނިންގ ނީޑްސް އެސެސްމަންޓެއް ހަދައި ބޭނުންވާ ތަމްރީން ދެނެގަތުން މުހބިއްމު ކަމަށް އެ ރިޕޯތްގައިވަނީ ފާހަގަކޮށްފަ އެވެ. އަދި ޓްރޭނިން ނީޑްސް އެސެސްމަންޓް ބިނާކޮށް ކުރު މުއްދަތުގެ ތަމްރީނާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީތެރިކަން ހޯދުމަށް ސަރުކާރުގެ މުއައްސަސާ ތަކަށާއި، އެހީދޭ ޖަމާއަތް ތަކަށާއި ވިޔަފާރިވެރިންނަށް ލިޔެ އެހީތެރިކަން ހޯދައި ޕްރޮގްރާމުތައް ރަށު ފެންވަރުގައި ހިންގުން މުހިއްމުކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...