އެންމެ މުއްސަނދި ސަރަހައްދު ރަށާ ކައިރީގައި

ދުނިޔޭގެ ތާރީޚަށް ބަލާއިރު ބަޔޮސްފިއާ ރިޒާވްގެ މަސައްކަތް އަމަލީ ގޮތެއްގައި ފެށިފައިވަނީ އދ.ގެ ސައެންސާއި ތައުލީމާ ބެހޭ ޖަމިއްޔާ “ޔުނެސްކޯ” އިން 1968 ވަނަ އަހަރު އިންތިޒާމްކުރި ބަޔޮސްފިއާ ކޮންފަރެންސަށް ފަހުގަ އެވެ. މިއީ އެކި ގައުމުތަކުގައި ހުރި ގުދުރަތީ މުއްސަނދި ކަމާއި ވަސީލަތްތައް އޭގެ ފުރިހަމަ ގޮތުގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބޭނުންކުރަމުން ގެންދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބޭއްވި ކޮންފަރެންސެކެވެ.
އެ ކޮންފަރެންސްގެ ނަތީޖާއެއްގެ ގޮތުން ގިނަ ގައުމުތަކެއް، އެ ގައުމުތަކުގައިވާ ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ޚާއްސަ އިސްކަމެއް ދޭން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ 114 ގައުމުގެ 480 އަށް ވުރެ ގިނަ ސަރަހައްދު، މިއަދު ވަނީ ހިމާޔަތްކުރެވިފައިވާ ތަންތަން ކަމުގައި ކަނޑައަޅައި ރައްކާތެރިކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑުގެ ދިރުންތަކާއި އެއްގަމުގެ ސަރަހައްދުތަކާއި ފަރުބަދަތަކާއި ކޯރު ފަދަ ތަންތަން ހިމެނެ އެވެ.
އޭގެ ތެރެއިން އެއް ތަނަކީ ރާއްޖޭގެ ބ. އަތޮޅުގައި އޮންނަ ހަނިފަރު ސަރަހައްދެވެ. ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000، ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދެވެ. މީގެ އިތުރުން ވަރަށް ނާދިރު ބާވަތްތަކުގެ މުރަކަ އާއި އެ ނޫން ދިރޭ ތަކެތި ވެސް މި ސަރަހައްދުގައި ހިމެނެ އެވެ. ހަނިފަރަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް މުހިއްމު މަންޒިލެކެވެ. އެ ފަރުން އެކަނިވެސް އަހަރެއްގެ ތެރޭ 250،000 ޑޮލަރު ލިބޭކަމަށް ދިރާސާތަކުން ދައްކަ އެވެ.

ބަޔޯސްފިއާ ރިޒާވުގެ ސަބަބުން ވަރަށްގިނަގުނަ ފައިދާތަކެއް މިއަތޮލަށް ލިބިގެންދާނެ އެވެ. އެގޮތުން މި ސަރަހައްދެއްގެ މީހުންގެ މެދުގައި ތިމާވެއްޓާމެދު ހޭލުންތެރިކަން އިތުރުވެ، ސަރަހައްދުގައި ހިންގޭ ތަފާތު މަޝްރޫއުތަކަށް ފައިސާގެ އެހީ ހޯދަން ފަސޭހަވެގެންދާނެ އެވެ. އަދި މި ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންގޮސް ގައުމުގެ އެންމެންނަށް ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ތަރައްގީވަމުން އަންނަ ނަމޫނާ ސަރަހައްދަކަށް ވެގެންދާނެ އެވެ. މީގެ އިތުރުން އިގްތިސާދީ އަދި އިޖްތިމާއީ ހަރަކާތްތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް މަދުވެ، ސަރަހައްދު މާކެޓްކުރާނެ ބްރޭންޑް ނަމެއް ލިބި އޭގެ ހެޔޮ ފައިދާ ވެސް ސަރަހައްދީ އިގްތިސާދަށްދަނީ ކުރަމުންނެވެ. އަދި މި ސަރަހައްދުގައި އިކޯ ޓޫރިޒަމަށް މަގުފަހިވެ އެ ދާއިރާއިން ކުރިއެރުންތައް ލިބި، ވަޒީފާގެ އިތުރު ފުރުސަތުތައް މި ސަރަހައްދުގައި ދަނީ އިތުރުވަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...