އެޓޯލް ޗެލެންޖުގައި ބައިވެރިވާ ބައެއް ރަށްތަކުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެފި

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ބައިވެރިވާ ބައެއް ރަށްތަކުން އެކުވެރިކަމުގެ މެޗްތަކެއް ކުޅެފި އެވެ.
އެގޮތުން މިއަދު ހަވީރު އޭދަފުށީ ދަނޑުގައި ގޮއިދޫ އާއި ދޮންފަނު ބައްދަލުކުރި އިރު، ކިހާދޫ އާއި ކިހާދުއްފަރު ރިސޯޓު ބައްދަލުކުރި މެޗް ކުޅެފައިވަނީ ކިހާދޫގަ އެވެ.
ގޮއިދޫ އާއި ދޮންފަނު ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 އިން ކާމިޔާބުކުރީ ގޮއިދޫ އެވެ. އެ މެޗުގައި ޖެހި ހުރިހާ ގޯލެއްވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ގޮއިދޫން ވަނީ ދެ ގޯލްޖަހާފަ އެވެ. މި ދެ ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އާދަމް ނިޒާމް (ކިތުނާ) އެވެ.
ގޮއިދޫން ދެގޯލުގެ ލީޑެއްގައި އޮއްވައި ދެން ފެނުނީ ފަހަތުން އަރައި ދޮންފަނުން ތިންގޯލް ޖެހިތަނެވެ. ދޮންފަނުގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އިބްރާހިމް ހަމްދާން އެވެ. އެ ޓީމުން ޖެހި ދެވަނަ ގޯލްވެސް ކާމިޔާބުކުރީ ހަމްދާންއެވެ. ދޮންފަނުން މެޗްގައި ލީޑުނެގީ މުޙައްމަދު އިނާޒް ޖަހައިދިން ގޯލުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޮއިދޫ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ވަނީ ދެ ގޯލްޖަހައި މެޗްގެ ނަތީޖާ އަނބުރާލާފަ އެވެ. މި މެޗަށް ދެ ޓީމުންވެސް ނެރެފައިވަނީ ވަރުގަދަ ޓީމެކެވެ.

މިއަދު ކުޅުނު އަނެއް މެޗުގައި ކިހާދޫ ވަނީ 4-2 ގެ ނަތީޖާއަކުން ކިހާދުއްފަރު ރިސޯޓް ބަލިކޮށްފަ އެވެ. ކިހާދޫން މެޗުގައި ޖެހި ހަތަރު ގޯލްވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. ކިހާދޫން ޖެހި ފުރަތަމަ ގޯލަކީ އިދިކޮޅު ޓީމު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ކިހާދޫ ޓީމުގެ ހުސެއިން އިކްލީލް ވަނީ މި މެޗުގައި ދެ ގޯލްޖަހާފަ އެވެ. އަނެއް ގޯލް ޖެހީ މުޙައްމަދު އަޔާޒު އެވެ. މި މެޗްގެ ދެވަނަ ހާފްގައި ކިހާދޫން ވަނީ ބެންޗުގައި ތިބި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. ކިހާދުއްފަރު ރިސޯޓުން ޖެހި ދެގޯލްވެސް ޖަހާފައިވަނީ މެޗްގެ ދެވަނަ ހާފްގަ އެވެ.
އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ކުޑަރިކިލާއި ގޮއިދޫއެވެ. މިފަހަރުގެ މުބާރާތަށް ހުރިހާ ރަށަކުންވެސް ވަރަށް ފޯރިއާއިއެކު ތައްޔާރުވަމުން އަންނަކަން ފާހަގަކުރެވެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...