ސަޕޯޓަރުންގެ ހިތްވަރެއް ހުރިއްޔާ ތަށި ދިފާއު ކުރެވިދާނެ

ކުރިމަތީގައި އަނެއްކާވެސް މިއޮތީ ފުޓްބޯޅައިގެ ބޮޑު އީދެކެވެ. މިއަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތް ފެށެން ދެން މިއޮތީ އެންމެ ތިން ދުވަހެވެ. ކުރިން ބޭއްވުނު ދެ މުބާރާތާއި ހިލާފަށް މި މުބާރާތުގެ ފޯރި މާބޮޑަށްވެސް ގަދަވާނެ ކަމުގެ ނިޝާންތައް މިހާރުވެސް ވަނީ ފެންނަން ފަށާފައެވެ. ރަހުމަތްތެރިކަމުގެ މެޗުތަކުގެ ވާދަވެރިކަން އިންތިހާއަށް ބޮޑެވެ ޓީމު ތަކުގެ ސަޕޯޓަރުންގެ މެދުގައި ކުރެވޭ ބަހުސްތައް ހޫނެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކާ ގުޅޭގޮތުން އިވޭ ވާހަކަތައް ގިނައެވެ. ގޮއިދޫ ޓީމުގެ ވަރުގަދަ ވާހަކައެވެ. ކިހާދޫ ޓީމުން ނެރޭ އާދަޔާ ހިލާފު ހިތްވަރުގެ ވާހަކައެވެ. ކުޑަރިކިލު ޓީމުގެ ތައްޔާރީތަކުގެ ފުރިހަމަ ވާހަކައެވެ. ފެހެންދޫ ޓީމުގެ އުއްމީދުތައް މަތި ވާހަކައެވެ. ދޮންފަނާއި ދަރަވަންދޫއިން އޭދަފުއްޓަށް ދޫނުކުރާނެ ވާހަކައެވެ.
ކޮންމެއަކަސް މުބާރާތާއި ގިނަ ޓީމުތަކުން ކުރިމަތިލަނީ ތައްޓަށް އުއްމީދު ކޮށްގެންނެވެ. ގިނަ ޓީމުތަކުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެތައް ދުވަހެއް ކުރިން ފަރިތަކުރުންތައް ވަނީ ފަށާފަ އެވެ. ތަށި ދިފާއުކުރުމަށްޓަޖައި ނުކުންނަ އޭދަފުށި ޓީމުންވެސް އެ މަސައްކަތް ފެށިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މުބާރާތަށް މިރަށު ޓީމުން ތައްޔާރުވުމުގެ މަސައްކަތް ފެށިއިރު ޓީމުގައި ހިމެނޭނެ ކަމަށް ބެލެވުނު ވަރަށް މުހިއްމު ތިން ކުޅުންތެރިއަކު އެހެން ޓީމުތަކާ ގުޅިއްޖެއެވެ. މިކަން ވެގެންދިޔައީ ރަށު ޓީމުގެ ބައެއް ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސް ކަމަކަށެވެ.
އިޝާން އިބްރާހިމް (ސައްޓު) އާއި އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އަކީ މިދިޔަ އަހަރުގެ މުބާރާތް އޭދަފުއްޓަށް ކާމިޔާބުކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރި ދެ ކުޅުންތެރިންނެވެ. އެއީ އެކަކަށްވެސް ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މިދެކުޅުންތެރިންނާ އެއް ހަމައެއްގައި އަހްމަދު ހުމެއިދުގެ ވާހަކަ ނުގެނައީ އޭނަގެ މުހިއްމުކަން ކުޑަވެގެންނެއްނޫނެވެ. ހުމެއިދު އަކީ މިވަގުތު އޭދަފުށީގައިހުރި އެންމެ އުއްމީދީ އެއް ޑިފެންޑަރެވެ. މިތިން ކުޅުންތެރިން ޓީމުގައި ނެތުމަކީ ޓީމަށް ލިބޭނެ އުނިކަމެކެވެ. އެކަމަކު އެއީ ފޫނުބެއްދޭނެ އުނިކަމެއް ކަމަކަށް ފުޓްބޯޅައަށް މަރުދޭ މިރަށުގެ ބައެއް ސަޕޯޓަރުން ގަބޫލެއް ނުކުރެއެވެ. އަޅުގަނޑަކީ އޭގެ ތެރެއިން އެކަކެވެ. އެގޮތަށް ގަބޫލު ނުކުރެވޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ.
މިފަހަރަގެ މުބާރާތުގައި ވާދަކުރާ އޭދަފުށިގެ ޓީމުން އެންމެ ފާހަގަ ކޮށްލެވޭ އެއް ޑިޕާޓްމަންޓަކީ ޓީމުގެ އެޓޭކިން ލައިން އަޕް އެވެ. އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހުސައިން ޝިމާޒު (ކޮކީ) ހިމަނައިގެން އުފައްދާފައިވާ ފޯވާޑް ލައިނަކީ ކޮންމެ ވަގުތެއްގައިވެސް މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވިދާނެވަރުގެ ގާބިލުކަންހުރި ނުރައްކާތެރި ފޯވަޑް ލައިނެކެވެ. ސެންޓޭއަކީ އަނިޔާ ވުމާއި ހަމަޔަށް މިއަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބޭނެ ކަމަށް ގިނަ ބަޔަކު ބަލަމުން އައި ކުޅުންތެރިޔާއެވެ. ސެންޓޭ އަށް އެންމެ ފަހުން ކުރިމަތިވި އަނިޔާ އިން ފުރިހަމައަށް ރިކަވާ ވެއްޖެނަމަ އޭނާގެ ފަރާތުން މިދިޔަ އަހަރަށްވުރެވެސް މޮޅު ކުޅުމެއް ފެނުމުގެ ފުރުސަތު ބޮޑެވެ.
ހަމްޕު އަކީ ހަވީރުން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެންމެ ވާދަކުރާ އެއް ކުޅުންތެރިޔާއެވެ. މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ މުބާރާތަށް ހަމްޕް ނިކުންނާނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ރަގަޅު ތަޖުރިބާއެއް ހާސިލްކޮށްފައިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނިއުރޭޑިއަންޓްގައި އޭނާ މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމާއެކު ހަމްޕުގެ ފަރާތުން ތަފާތު ދައްކުވައިދޭވަރުގެ ކުޅުމެއް މި މުބާރާތުގައި ފެނިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެވެއެވެ. ދެން ހުރީ ކޮކީ އެވެ. ކޮކީއަކީ މިދިޔަ އަހަރު ކިރިޔާ ރެލިގޭޓްނުވެ ސަލާމަތްވި ވިކްޓްރީ މިއަހަރުގެ ދިވެހި ލީގުގެ ގަދަ ހަތަރަކަށް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރި އެ ކްލަބްގެ ހީރޯ އެވެ. އޭނާއަށް އޭދަފުށީގެ ދަނޑަކީ ފަރިތަ ދަނޑެކެވެ. ރަށަށް މާގިނައިން އައިސް ނޫޅުނު ކަމަށް ވިޔަސް ކޮކީ އަކީ ރަށަށްޓަކައި ކަށިން ހިތްވަރު ނެރެގެން ކުޅޭނެ ކުޅުންތެރިއެއް ކަމާމެދަލު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.
އޭދަފުށި ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި މިދިޔަ އަހަރުވެސް މުހިއްމު ދައުރެއް އަދާކުރި މުހައްމަދު ފާސިރު (ފާއްޓޭ) އާއި މުހައްމަދު ސިޔާމް (އޮޑި) ގެ ތަޖުރިބާގެ އިތުރުން އަނަސް މުހައްމަދު ގެ ހުނަރު އެކުވުމުން މިދިޔަ އަހަރަށްވުރެ މިއަހަރުގެ ޓީމުގައި އޮތް މިޑްފީލްޑް ލައިންވެސް ވަރުގަދަ ވާނެ ކަމަށް ގަބޫލުކުރެވެ އެވެ. މީގެ އިތުރުން މިފަހަރުގެ ޓީމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންޑަރު ރިލުވާން ވަހީދު ހިމަނާފައިވުމީ ޓީމުގެ ޑިފެންސް ލައިނާ މެދު ސަޕޯޓަރުންނަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ސަބަބެކެވެ. އެއާއެކު މިވަގުތު އޭދަފުށީގައި ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރު ކަމަށްވާ ޢަބްދުﷲ އަބޫބަކުރު (ކަނޫޓޭ) ޓީމުގައި ހިމެނިފައި ވުމަކީ އޭދަފުށީގެ ޑިފެންސް ލައިން މިއަހަރުވެސް ވަކި ބަލި ނުވާނެ ކަމަށް ގަބޫލުކުރެވޭ އެއް ސަބަބެވެ.
މިހުރިހާ ކަންކަމަށް ބަލާއިރު މިދިޔަ އަހަރު ބައިވެރިވި ޓީމަށްވުރެ މިއަހަރުގެ މުބާރާތުގައި އޭދަފުށިން ވާދަކުރަން ނުކުންނަ ޓީމުގެ ފެންވަރު ރަގަޅުވުމުގެ ފުރުސަތު އެބައޮތެވެ. ޓީމަށް އިތުރަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރެވެ. އަމިއްލަ ދަނޑުގައި ކުޅޭ އިރު މިރަށުގެ ކޮންމެ ރައްޔިތަކަށްވެސް ޓީމަށް ސަޕޯޓްކުރަން ދިއުމަކީ އުދަގޫ ކަމަކަށް ނުވާނެއެވެ. ހަމައެކަނި ދަނޑަށް ދިއުމަކުންވެސް ނުފެދެއެވެ. އިދިކޮޅު ޓީމުގެ ސަޕޯޓަރުންގެ އަޑަށްވުރެ އަޅުގަނޑުމެންދޭ ސަޕޯޓްގެ އަޑު ގަދަވާން އެބަ ޖެހެއެވެ. މިކަމުގައި އޭދަފުށި ޓީމުގެ ސަޕޯޓަރުން އުޅެނީ ވާދަވެރި ޓީމްތަކުގެ ސަޕޯޓަރުންނަށްވުރެ ތަންކޮޅެއް ފަހަތުގަ އެވެ. އަޅުގަނޑުމެން ރަގަޅުކުރަންވީ އެކަމެވެ. އެންމެ ބޮޑަށް ތައްޔާރުވާންވީވެސް ހަމަ އެކަމަށެވެ. ޓީމަށް ސަޕޯޓް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކްލަބް ޖަމިއްޔާތަކުން ގުޅިގެން މަސައްކަތް ފަށަމާ ހިނގާށެވެ. ބެރުތައް ތައްޔާރުކުރަމާ ހިނގާށެވެ. ސަޕޯޓަރުންގެ ޖޯޝް އިތުރު ކުރުމަށް މަސައްކަތްކުރަމާ ހިނގާށެވެ. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަގީންވާ އެއްކަމެއް ދަންނަވާފާނަމެވެ. ސަޕޯޓަރުންގެ ހިތްވަރެއް ހުރިއްޔާ ތައްޓަކީ އިރާދަކުރެއްވިއްޔާ މިފަހަރުވެސް އޭދަފުށީގެ އެއްޗެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...

