މުބާރާތުގައި ކުޅުނު ފުރަތަމަ މެޗް އެއްވަރުވެއްޖެ

ކުޅިވަރު

މިއަދު ކުޑަރިކިލާއި ގޮއިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: ނައުޝަލް
މިއަދު ކުޑަރިކިލާއި ގޮއިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: ނައުޝަލް

އެސް.ޓީ.އޯ ނޫފަހި ބ. އެޓޯލް ފުޓްބޯލް ޗެލެންޖު ފެށުމުގެ ގޮތުން ކުޅެވުނު މެޗް އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް އެއްވަރުވީ 1-1 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ޖެހި ފުރަތަމަ ގޯލް ކާމިޔާބުކުރީ ގޮއިދޫ ޓީމުންނެވެ. ގޮއިދޫން ގޯލް ޖެހީ މެޗްގެ 22 މިނިޓްގައި އިބްރާހިމް މާޖިދް ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި ހުސްކޮށްހުރި އާދަމް ނިޒާމް ބޮލުން ޖަހާ ގޯލްތެރެއަށް ވައްދާލައިގެންނެވެ.

ގޮއިދޫން ގޯލްޖެހުމާއި ހަމައަށް އެޓީމުން ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެއަށްފަހު ކުޑަރިކިލު ޓީމުން ވަނީ މެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފް ގޮއިދޫން ފެށި އެޓީމްގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) ނުލައެވެ. ސައްޓު ބަދަލުކުރީ ފުރަތަމަ ހާފްގައި އޭނާގެ ވާތުފައިގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

ދެވަނަ ހާފް ފެށިގެން ކުޑަރިކިލު ޓީމުންވަނީ މެޗް ކޮންޓްރޯލްކޮށް ގޮއިދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 55 މިނިޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ކުޑަރިކިލު ޓީމުގެ ހުސެއިން ނަޒީހަށް ގޮއިދޫ ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ ޖޯޒީ ނަންބަރ 9 މުޙައްމަދު ރިޔާޒްއެވެ.

ކުޑަރިކިލު ޓީމުން ޖެހި ގޯލަށްފަހު ދެޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަކުޅުމެކެވެ. ނަމަވެސް މެޗްގެ ފަހު ދިހަ މިނިޓުގައި ގޮއިދޫން ވަނީ ކުޑަރިކިލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި ގޯލް ޖަހަން ރަނގަޅު ފުރުޞަތުތަކެއް އެޓީމަށް ލިބިފައިވެއެވެ.

މި މުބާރާތުގައި މާދަމާ ދެމެޗް ކުޅެވޭނެއެވެ. ގްރޫޕްގެ އޭގައި ހިމެނޭ ފެހެންދޫއާއި ދަރަވަންދޫ ބައްދަލުކުރާ މެޗް ފަށާނީ މެންދުރު 1:00 ގައެވެ. އަދި ހަވީރު 15:50 ގައި ފަށާ މެޗްގައި ބައްދަލުކުރާނީ ދޮންފަނާއި އޭދަފުއްޓެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...