ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

ކުޅިވަރު
މިއަދު އޭދަފުށްޓާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
މިއަދު އޭދަފުށްޓާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

ކިހާދޫ 2-1 އިން ބަލިކޮށް އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ފައިނަލަށް އޭދަފުށީ ޓީމް ދަތުރުކޮށްފިއެވެ. މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި ކުޅުނު މި މެޗްގައި އޭދަފުށީ ޓީމަށް ލަނޑުތައް ޖަހަދިނީ ހުސެއިން ޝިމާޒް (ކޮކީ) އާއި މުހައްމަދު ފާސިރެވެ. ކިހާދޫ ޓީމުގެ ގޯލް ޖަހައިދިނީ ހުސެއިން އީމާންއެވެ.

މުޅި މެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އޭދަފުށީ ޓީމެވެ. ރީތި ފުޓްބޯޅައެއް ކުޅުނު އޭދަފުއްޓަށް ފުރަތަމަ ހާފްގައި ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އޭދަފުށީގެ ފުރަތަމަ ލަނޑު ހުސެއިން ޝީމާޒް ޖެހީ 33 ވަނަ މިނިޓްގައެވެ. ހާފިޒް އަޙްމަދު ނަގައިދިން ހުރަހެއް ޝިމާޒް ގޯލްގެ ތެރެއަށް ވައްދާލީ ބޮލުންނެވެ. ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއްނުވެ އޭދަފުށީގެ ދެވަނަ ގޯލް ޖެހީ ރިލްވާން ވަހީދު ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޙައްމަދު ފާސިރެވެ. އޭދަފުއްޓަށް ދެގޯލުގެ ލީޑެއް ލިބުމާއެކު ކިހާދޫން ވަނީ ޓީމު ކުރިއަށް ޖައްސައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. މިގޮތުން 80 ވަނަ މިނިޓްގައި ހުސެއިން އީމާން ޖެހި ގޯލާއިއެކު ކިހާދޫއަށް އުއްމީދު އާވެގެންދިޔައެވެ. ނަމަވެސް އޭދަފުށިން ވަނީ މެޗް ނިމެންދެން ލީޑު ހިފަހައްޓާފައެވެ. މެޗް ނިމެންދަނިކޮށް 89 ވަނަ މިނިޓުގައި އޭދަފުށީ ޓީމުން ވަނީ އަނިޔާގައި ހުރި ޢަލީ ފާސިރު (ސެންޓޭ) ކުޅެން ނެރެފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ މުޙައްމަދު ފާސިރެވެ.

މެޗް ކުޅެމުންދިޔައިރު ކިހާދޫގެ ބެންޗުންނާއި ސަޕޯޓަރުން ވަނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔައި އަޑުއުފުލާފައެވެ. އަދި މެޗްގެ 73 ވަނަ މިނިޓްގައި ކިހާދޫ ޓީމުގެ ބެންޗުގައި އިން އަޙްމަދު މިފްޒާލްއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. މެޗް ނިމުމުން އޭދަފުށީގެ ސަޕޯޓަރުންނާއި ކިހާދޫގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. ކިހާދޫގެ ސަޕޯޓަރުންނާއި އޭދަފުށީގެ ސަޕޯޓަރުންނާއި ހިނގި މި ކުރިމަތިލުމުގައި ދެޓީމުގެ ސަޕޯޓަރުން ވަނީ ތަޅައިގަނެފައެވެ. ހަމަނުޖެހުން ހުއްޓުވީ އާއްމުންނާއި ފުލުހުންގެ މަސައްކަތުންނެވެ.

މިއަދުގެ މެޗަށްފަހު ދެޓީމުގެ ސަޕޯޓަރުންގެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
މިއަދުގެ މެޗަށްފަހު ދެޓީމުގެ ސަޕޯޓަރުންގެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

މެޗަށްފަހު ކިހާދޫ ޓީމްގެ އެކްޓިންގ ހެޑް ކޯޗް ހުސެއިން ނަސީރު (ނަސީ) އީޓީއާއި ވާހަކަދައްކަމުން ބުނީ މެޗްގައި ރެފްރީގެ ނިންމުންތައް ގޯސްކަމަށާއި، މެޗުން ބަލިވީ ނަސީބު ދެރަކަމުންކަމަށެވެ.

” ބޮޑަށް ނަސީބު މިކަހަލަ މެޗެއްގަ އިންނާނީ. ރެފްރީންގެ މައްސަލަތަކެއް އެބައުޅޭ. އިދިކޮޅު ކުޅުންތެރިން ޗާރޖް ކުރިޔަސް ޖެހުމެއް ނުދޭ. ހޯމް އެޑްވާންޓޭޖްވެސް މެޗްތަކުގަ ދޭ. އެކަމު އޭދަފުއްޓަށް ރެފްރީ ހޯމް އެޑްވާންޓޭޖް ދިނީ މާބޮޑަށް. ހަމަ ނުޖެހުންވެސް ހިނގީ ކިހާދޫގެ ސަޕޯޓަރުންގެ ތެރެއަށް އޭދަފުށީ ސަޕޯޓަރުން ދިއުމުން ”

އޭދަފުށީގެ ކޯޗް ޝާފީ ޢަލީ ބުނީ މިއަދުގެ މެޗަކީ މުޅި މުބާރާތުގަވެސް އޭދަފުށިން ކުޅުނު އެންމެ މޮޅު މެޗްކަމަށެވެ.

” މިއީ މުބާރާތުގަ އެންމެ މޮޅަށް ކުޅުނު މެޗް. ދިހަ ވަރަކަށް ޗާންސް ލިބުނު ގޯލްޖަހަން. ނިންމާލުމުގެ މައްސަލަ އެކަނި ދިމާވީ. ރެފްރީ ހުރީ އޭދަފުއްޓާއި ދެކޮޅަށް. ކިހާދޫ ޓީމުގެ ނަންބަރު ހަތަކަށް ރަތްކާޑު ދައްކަންޖެހޭ އެތައް ފަހަރެއް ދިޔަ. ފަހު ހާފް ފެށިގެން ނުރައްކާތެރި 6 ފައުލް އޭނަ ކުރި. އަނެއްކާ އޭދަފުއްޓާ ދެކޮޅަށް ދިނީ ވަރަށް އާދައިގެ ފައުލްތަކެއް. ރެފްރީ ބޮޑަށް ހަމަ އިދިކޮޅަށް ހުރީ. ގިނަ ފުރުސަތުތަކެއް ހޯދައި ގޯލްޖެހުމަކީ ރެފްރީ ކުރާނެ ކަމެއް ނޫން ”

މުބާރާތުގައި މާދަމާ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި ފެހެންދޫއެވެ. މި މެޗްވެސް ފެށުމަށް ހަމަޖެހިފައިވަނީ 3:45 ގައެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އެސްޓީއޯ ނޫފަހި ބްރޭންޑް ހަމަޖައްސާފައިވާއިރު ކޯ ސްޕޮންސަރ އަކީ އުރީދުއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...