ފެހެންދޫގެ މައްޗަށް ކާމިޔާބު ހޯދައި ގޮއިދޫ ފައިނަލަށް ދަތުރުކޮށްފި

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗް ކާމިޔާބުކޮށް ގޮއިދޫ ޔޫތް ސޮސައިޓީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ގޮއިދޫން މި މެޗް ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ގޮއިދޫ ޓީމަށް ލަނޑުތަށް ޖަހައިދިނީ އާދަމް ނިޒާމް އާއި އަބްދުލްމަޖީދް އިބްރާހިމް (މަޖިއްޓޭ) އަދި މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އިބްރާހިމް މާޖިދްއެވެ. ފެހެންދޫ ޔޫތް ޓީމުން ޖެހި ހަމައެކަނި ގޯލް ފުރަތަމަ ހާފްގައި ޖެހީ ޢަބްދުއްސަލާމް ހާމިދެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ގޮއިދޫން ވަނީ މޮޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް ގޮއިދޫން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ފެހެންދޫގެ ގޯލްކީޕަރ އިބްރާހިމް ފަޒީލްއެވެ. މިގޮތުން ފުރަތަމަ ހާފްގައި ގޮއިދޫން ޖެހި ނުރައްކާތެރި ގިނަ ހަމަލާތަކެއް އިބްރާހިމް ފަޒީލް ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. ގޮއިދޫން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ފުރަތަމަ ހާފްގައި ފެހެންދޫންވެސް ވަނީ ގޮއިދޫގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި މެޗްގެ 21 ވަނަ މިނިޓުގައި ގޮއިދޫގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން ލީޑު ނެގިއެވެ. ގޮއިދޫގެ ކީޕަރ އިމްރާންގެ ބޯމަތިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ޢަބްދުއްސަލާމް ހާމިދެވެ. ފެހެންދޫ ޓީމުގެ ލަނޑަށްފަހު އެޓީމުން ވަނީ ބޯޅަ ހިފަހައްޓައި ގޮއިދޫއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ނުދީ ހާފް ނިމެންދެން ހިފަހައްޓާފައެވެ.

ދެވެނަ ހާފް ފެށުނުތަނާ ފެހެންދޫއަށް ކުރިމަތިވި ނުތަނަވަސްކަމަކީ ޑިފެންޑަރ އިބްރާހިމް ރަމީޒަށް އަނިޔާވެގެން ބޭލުމެވެ. ފެހެންދޫގެ މިބަދަލާއެކު އެޓީމު ރަނގަޅަށް ހަމައަކަށް ނޭޅެނިސް ގޮއިދޫން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗް 61 ވަނަ މިނިޓްގައި ފެހެންދޫގެ ކުޅުންތެރިއަކަށް ހެދުނު ގޯހަކުން މި ގޯލް ކާމިޔާބުކުރީ އާދަމް ނިޒާމްއެވެ. އެއަށްފަހު ދެން ފެނުނީ މުޅި މެޗް ގޮއިދޫން ކޮންޓްރޯލް ކޮށްގެން ކުޅުނުތަނެވެ. ގޮއިދޫން މެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 73 ވަނަ މިނިޓުގައި ޢަބްދުލްމަޖީދް އިބްރާހިމް (މަޖިއްޓޭ) ޖަހައިދިން ލަނޑުންނެވެ. ގޮއިދޫއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ މެޗްގެ 82 ވަނަ މިނިޓުގައި އިބްރާހިމް މާޖިދް ބޮލުން ވައްދާލި ގޯލުންނެވެ.
މެޗުން ބަލިވިނަމަވެސް ފެހެންދޫން ވަނީ ގޮއިދޫ ޓީމަށް މަރުހަބާކިޔައި ރަނގަޅު ނަމޫނާއެއް ދައްކާފައެވެ. އަދި ދެޓީމުގެ ސަޕޯޓަރުންގެފަރާތުންވެސް މެޗަށްފަހު ކުޅިވަރުގެ ރިވެތި އަޚްލާގް ފެނިގެންދިޔައެވެ.
މިއީ މި މުބާރާތުގެ ފައިނަލަށް ގޮއިދޫ ދަތުރުކުރި ދެވަނަ ފަހަރެވެ. އަންގާރަ ދުވަހު ހަވީރު 3:45 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި ގޮއިދޫން ނިކުންނާނީ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓާއި ދެކޮޅަށެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލުގައި 0-7 އިން ކެންދޫ ބަލިކޮށްގެންނެވެ.
މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތް ލިންކޭޖް (ފޭލި) ޖަމިއްޔާ އާއި ގުޅިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އެސްޓީއޯ ނޫފަހި ބްރޭންޑް ހަމަޖައްސާފައިވާއިރު ކޯ ސްޕޮންސަރ އަކީ އުރީދޫއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...