މިއީ ބާރަ ވަނަ ކުޅުންތެރިޔާގެ ހިތްވަރު ނެރެންވީ ވަގުތު

މީގެ ދެ އަހަރު ކުރިން އޭދަފުށީގެ މައްޗަށް ގޮއިދޫ ކުރި ހޯދުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަތޮޅު މުބާރާތުގެ ފައިނަލްގައި ގޮއިދޫއިން ކުރި ހޯދީ ރާއްޖޭގައި ތިބި އެންމެ ނުރައްކާތެރި ދެ ފޯވާޑުން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމެއިރު އޭދަފުށީ ޓީމުގައި ތިއްބައެވެ. ގޮއިދޫގެ ތަޖްރިބާ މަދު ޑިފެންޑަރުން ގާތު މިކުޅުންތެރިންނަށް ހަމަ އެއްކަމެއްވެސް އެދުވަހު ނުކުރެވުނެވެ. ގޮއިދޫގެ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން އެދުވަހު ފެނުނީ އާދަޔާ ހިލާފް ހިތްވަރެކެވެ. ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ޓީމުގެ ލޭ ކައްކުވާލިއެވެ. އޭދަފުށީގެ ސަޕޯޓަރުން ތިބީ ކުޅި ބަލާށެވެ.
އަނެއްކާވެސް ކުރިއަށް މި އޮތީ އޭދަފުއްޓާއި ގޮއިދޫގެ ފައިނަލެކެވެ. އަތޮޅު މުބާތާތުގައި މާދަމާ މިދެ ޓީމު ވާދަކުރާ މެޗްގެ ފޯރި ކުޑަ ނުވާނެކަން އެންމެނަށްވެސް އެގެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭދަފުއްޓާއި ގޮއިދޫއަކީ މިފަހަރުގެ މުބާރާތުގައި ބައިވެރިވި އެންމެ ވަރުގަދަ ދެ ޓީމެވެ. މިދިޔަ އަހަރުގެ ނާކާމިޔާބީ ހަނދާން ނައްތާލުމަށްޓަކައި ގޮއިދޫ ޓީމުން މިފަހަރު ނުކުތީ ކުރީ ދެފަހަރަށްވުރެވެސް ވަރުގަދަ ސްކޮޑަކާއެކުއެވެ. އޭދަފުށީގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެކުޅުންތެރިއަކު އެޓީމުން އަތުލައިގަތީވެސް ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އެރަށަށް ގެންދިއުމުގެ ބޭނުމުގައެވެ. މާދަމާގެ މެޗަށް އޭދަފުށީގެ ޓީމުން ނުކުންނާނީ މިކަން ވިޔަނުދިނުމަށްޓަކައި ބޭނުންވާނެ ހުރިހާ ހަތިޔާރަކާއި، ރޭވުންތެރިކަމާއެކުއެވެ. ފުރަތަމަ މުބާރާތުގެ ފައިނަލްގައި އޭދަފުށީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ސިކުނޑީގައި ބަދަލުހިފުމުގެ ރޫހެއް އޮތުމަކީވެސް ގާތްކަމެކެވެ.
ކޮންމެއަކަސް މީގެ ދެއަހަރުކުރިން މި ދެޓީމު ފައިނަލްގައި ބައްދަލުކުރިއިރު އޮތް ހާލަތާއި މިހާރުގެ ހާލަތު ވަރަށް ތަފާތެވެ. އެފަހަރު އޭދަފުށި ތަމްސީލު ކުރީ ރަށަށް ނިސްބަތްވާ ކުލަބެކެވެ. ރަށުގައި ތިބި މޮޅު ބައެއް ކުޅުންތެރިންނަށް އެޓީމުން ޖާގަ ދީފައި ނުވާކަމަށް އޭރު އަޑު ފެތުރުނެވެ. އެސަބަބާހުރެ ރަށް ތަމްސީލްކުރާ ޓީމެއްގެ ގޮތުގައި އެޓީމު ބަލައިގަންނަން ގިނަ ބަޔަކަށް ފަސޭހައެއް ނުވިއެވެ. ބައެއް މީހުން ގަބޫލުކުރިގޮތުގައި އޭދަފުށީގެ ރައްޔިތުންގެ ފަރާތުން އެފަހަރުގެ ޓީމަށް ފިނި ތަރުހީބެއް ލިބިގެން ދިޔައީ އެހެންވެއެވެ. އެކަމަކު ވޭތުވެދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މުބާރާތުގައި އޭދަފުށިން ބައިވެރިވީ މުޅި ރަށުން ހޮވާލެވުނު ޓީމެކެވެ. އެޓީމުގައި ހުރިހާ އަވަށެއްގެ ކުޅުންތެރިންވެސް ހިމެނެއެވެ. އޭދަފުއްޓަކީ އެއްފެންވަރެއްގެ ހުނަރުވެރި ވަރަށް ގިނަ ކުޅުންތެރިންތަކެއް ތިބި ރަށަކަށް ވުމުން ބައެއް ހުނަރުވެރި ކުޅުންތެރިން ޓީމުން ބާކީ ވުމަކީ ނުވެނުދާނެ ކަމެކެވެ. އެއީ ބޮޑެތި މުބާރާތްތަކަށް ގައުމީ ޓީމު އެކުލަވާލާއިރުވެސް ދިމާވާ މައްސަލައެކެވެ. އެކަމަކު އޭދަފުށި ޓީމަށް މިދިޔަ އަހަރު ކުޅުނު މުހިއްމު ބައެއް ކުޅުންތެރިން އެހެން ޓީމްތަކާއި ގުޅުނީ ޓީމުން ބާކީ ކޮށްގެނެއް ނޫނެވެ. އޭދަފުށި ޓީމުން މުބާރާތަށް ތައްޔާރުވާން ފެށިއިރުވެސް މުހިއްމު ބައެއް ކުޅުންތެރިން ތިބީ އެހެން ޓީމްތަކާއި ގުޅިފައެވެ.
ފުޓްބޯޅައަކީ އޭދަފުށީގެ އެއް ފަހުރެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހަކޮޅާއި ނުވަދިހައިގެ ކުރީކޮޅު ގައުމީ ފެންވަރުގައިވެސް އޭދަފުއްޓަކީ ބޮޑެތި ކުލަބްތަކަށް އޮތް ނުރައްކަލެކެވެ. އޭރު އޭދަފުށީގެ ރައްޔިތުންގެ އުފަލަކަށްވީ ރަށު ޓީމު ކުޅޭ މެޗްތަކުގެ ކޮމެންޓެރީ ރޭޑިއޯ އިން އަޑު އެހުމެވެ. ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމަށްފަހު އެފެންވަރުގައި އޭދަފުށި އަދި ވާދަކޮށްފައެއް ނުވެއެވެ. އެކަމަކު އެހާ ހިސާބުންވެސް އޭދަފުށީގެ ރައްޔިތުންގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުގަށް ބަދަލެއް ނައެވެ. ކޮންމެ ފެންވަރެއްގައި ތަމްސީލް ކުރިއަސް ރަށު ޓީމަށްޓަކައި މުޅި އޭދަފުށި ހުސްވެއެވެ. 2012 ވަނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒު ވާދަކުރި އިންޓަރ ސްކޫލް މުބާރާތަކީ މީގެ އެއް މިސާލެވެ. ދުވާލުގެ ހޫނުގަދަ ވަގުތުގައި އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ކުޅުނު މެޗްތައް ބަލަން ގިނަ ބަޔަކު ގޮސް އަވީގައި ތިއްބެވެ. ރަށުގައި ތިބި މީހުން ދިޔައީ ފޯނުންނާއި ފޭސްބުކް ޕޭޖްގެ އެހީގައި މެޗްތަކުގެ ވާނުވާ ބަރާބަރަށް ބަލަމުންނެވެ. އެމުބާރާތުގެ ސެމީ ފައިނަލް މެޗްގައި އެޓީމް ވާދަކުރި މެޗް ބެލުމަށްޓަކައި ރަށުން އެތައް ބަޔަކު މާލެ ދިޔައެވެ. މިއީ އޭދަފުށީގެ ސަޕޯޓަރުންގެ އާދައެވެ. ބ. އެޓޯޅް ފުޓްބޯލް ޗެލެންޖްގެ މެޗްތައް ބެލުމަށް އޭދަފުށީގެ ކުދި ބޮޑު އެތައް ބަޔަކު ދަނޑަށް ދެއެވެ. އޭދަފުށި ކުޅޭ މެޗްތައް ބެލުމަށް އެމީހުން ދަނޑަށް ދަނީ ރަށު ޓީމު މޮޅުވުމަށް އެދިއެވެ. ގިނަ ބަޔަކު މެޗް ބަލަން ހިމޭނުން ތިއްބަސް ނޭވާ ހިފަހައްޓާލަންޖެހޭ ދަނޑވަޅުތަކުގައި އެމީހުންގެ ހިތް ގުޑުވާލާނެކަން ގައިމެވެ.

އޭދަފުށި ޓީމް މި މުބާރާތުގައި މިހާތަނަށް ނެރެފައިވާ ނަތީޖާތަކުގެ ސަބަބުން މާދަމާގެ މެޗަށްވެސް މިރަށުގެ ގިނަ ބަޔަކު ދާނީ ރަށު ޓީމަށް ތަށި ލިބޭނެ ކަމުގެ އުއްމީދުގައެވެ. މި މުބާރާތުގައ އޭދަފުށީގެ ޓީމުންވަނީ ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ދައްކާފައެވެ. ޓީމުގެ ފޯވާޑް ލައިންގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ހުސެއިން ޝިމާޒް (ކޮކީ) ހުރީ ރަގަޅު ފޯމެއްގައެވެ. ހަމްޒާ މުހައްމަދު(ހަމްޕު) ދަނީ އޭނާގެ ޖާދޫ ދައްކަމުންނެވެ. ސެމީ ފައިނަލްގެ މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ނަމަވެސް އަލީ ފާސިރު (ސެންޓޭ) ހުރީ މުޅިން ފިޓްކޮށެވެ. މެދުތެރެއިން ޓީމްގެ އިންޖީނު ހަލުވިކަމާއެކު ހިގައެވެ. ޓީމުގެ ޑިފެންސް ލައިންގެ އަންޑަސްޓޭންޑިންގ ރަގަޅެވެ. ކޮންމެ ކީޕަރެއް ކުޅެން ނެރެންޖެހުނަސް ކޯޗަށް ހާސްކަމެއް ނެތެވެ. މާދަމާގެ މެޗަށް ގޮއިދޫގެ ސަޕޯޓަރުންވެސް މިރަށަށް އަންނާނީ ތަށްޓަށް އުއްމީދުކޮށްގެންނެވެ. އެޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އޭދަފުށީގެ ދަނޑުގެ ކޮންމެ އިންޗިއެއް ހިތުދަސް ކުޅުންތެރިންނެވެ. އެޓީމަށް ކުޅެމުން އަންނަ އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓޭ) އާއި އިޝާން އިބްރާހިމް (ސައްޓު) އަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކޮލިޓީ ހުރި ދެކުޅުންތެރިންނެވެ. ޓީމުގެ ކެޕްޓަން އާދަމް ނިޒާމް (ކިތުނާ) އަކީ މި މުބާރާތުން ފެންނަ އެންމެ ގޯލާއި ރައްޓެހި ކުޅުންތެރިޔާއެވެ. އެޓީމުގެ ގޯލް ކީޕަރަކަށް ގައުމީ ޓީމުގެ މުހައްމަދު އިމްރާން މިފަހަރުވެސް ހުރުމަކީ ޓީމަށް އޮތް ބޮޑު އިތުބާރެކެވެ.

ދެން އޮތީ ދެ ޓީމުގެ ސަޕޯޓަރުންގެ ވާހަކައެވެ. ގޮއިދޫ ޓީމުގެ ސަޕޯޓަރުން ނެރޭނެ ހިތްވަރާ މެދުކު ގިނަ ބަޔަކު ޝައްކެއް ނުކުރާނެއެވެ. އޭދަފުށީގެ ސަޕޯރޓަރުންގެ އެހިތްވަރު ނުހުންނާނެއެކޭ ބުނާ ހިތެއް އަޅުގަނޑު ނެތެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު އެންމެ މުހިއްމީ ސަޕޯރޓްކުރުމުގައި ލީޑްކުރާނެ ބައެކެވެ. ކްލަބް ޖަމިއްޔާތައް ހަރަކާތްތެރިވާންޖެހޭ އެއް ވަގުތަކީ މިއެވެ. ޑައުންޓައުން ގެ ބޮޑުބެރުގެ ފޯރި ދައްކާލަން މިއީ ރަގަޅު ވަގުތެކެވެ. ކްލަބް ދަ ބިގިނާސްގައި ތިބި ނޫކަށި ފުރައިގެ ޒުވާން ކުދިންގެ ހިތްވަރުހުރިކަން ދައްކާލަން އަންނާނީ މިކަހަލަ މަދު ދަނޑިވަޅެކެވެ. ކްލަބް ކޮމްބިނޭޝަނުން އޭދަފުށީގެ ފުޓްބޯޅައަށް ކުރިއެރުން ގެނެސްދިނުމަށް އަބަދުވެސް މަސައްކަތްކުރާނެ ބައެއްކަން ސާބިތުކޮށްދިނުމަށް މިއަށްވުރެ ވަކި ވަކި ރަގަޅު ވަގުތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ވަފާ ޖަމިއްޔާއިން ކޮންމެ ބޮޑު އީދެއްގައި އެނަގާ ފޯރި އާއި އެއްވަރުގެ ފޯރިއެއް މާދަމާ އެޖަމިއްޔާގެ މެންބަރުންގެ ފަރާތުން ފެނުމަކީ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. މި ފަރާތްތަކުން އޭދަފުށީގެ ސަޕޯޓަރުން ކައްކުވާލާ ވަރުގެ ރޯލެއް އަދާކޮށްފިނަމަ އޭދަފުށިގެ ސަޕޯރޓަރުންގެ އަޑު ގޮއިދޫގެ ސަޕޯރޓަރުންގެ އަޑަށްވުރެ މަޑެއް ނުވާނެއެވެ. މާދަމާގެ މެޗް ކާމިޔާބު ކުރާނީ ކުޅުންތެރިންނާއި އެއްވަރަށް ހިތްވަރުނެރޭ ސަޕޯޓަރުން ތިބި ޓީމެއްކަމަށް ގަބޫލުކުރެވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...