ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ އިންތިޒާމު ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފި

ކުޅިވަރު
އޭދަފުށްޓާއި ކިހާދޫ ސެމީ ފައިނަލް މެޗް ފެށުމުގެ ކުރިން – އީޓީ ފޮޓޯ: ނައުޝަލް
އޭދަފުށްޓާއި ކިހާދޫ ސެމީ ފައިނަލް މެޗް ފެށުމުގެ ކުރިން – އީޓީ ފޮޓޯ: ނައުޝަލް

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށްފަހު ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން މުބާރާތުގެ އިންތިޒާމް ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީޓީ އާ ވާހަކަދައްކަމުން ކޮމިޓީގެ އިސް މެމްބަރ ޢަލީ ޝަފީގް ވިދާޅުވީ އޭދަފުށި އަތުން 2-1 އިން ބަލިވެ ކިހާދޫ މުބާރާތުން ކެޓުމުގައި ރެފްރީންގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށާއި، އެދުވަހުގެ މެޗްގައި ރެފްރީގެ ނިންމުންތަކާއި ދެޓީމަށްވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި މިދިޔަ އަހަރުގެ މުބާރާތަށްވުރެ މިފަހަރު މުބާރާތުގައި ރެފްރީންގެ ނިންމުންތައް މާ ރަގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

” މެޗްތައް އިންސާފު ކުރަން އަޅުގަނޑުމެން ގެނައީ ފަސްޓް ޑިވިޝަންގެ ރެފްރީން. އެއީ ގަލޮޅު ދަނޑުގައިވެސް ރެފްރީކަން ކުރައްވާ ބޭފުޅުން. ފީފާގެ ބެޖް އިން ރެފްރީއެއްވެސް މިފަހަރު އަޅުގަނޑުމެން ގެނައިން. ރެފްރީންގެ ޓީމުން ނިންމާނީ އެދުވަހެއްގަ މެޗަށް އަރާނީ ކޮން ރެފްރީއެއްކަންވެސް. އަޅުގަނޑުމެން އެކަމަކާ އެއްވެސް ވަރަކަށް ނުބެހެން. ވަރަށް އިންސާފުވެރިކަމާއެކީ މެޗްތައް ގެންދަން އެބޭފުޅުން މަސައްކަތް ކުރައްވަނީ “

މީގެ އިތުރުން އެމެޗްގައި ހިނގާދިޔަ ދެކަމަކާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ކޮމިޓީން ވަނީ ވާހަކަދައްކަވާފައެވެ. މިގޮތުން އޭދަފުށީގެ ފުރަތަމަ ލަނޑު ޖަހަން ބޯޅަ ހުރަސްކުރި އިރު ބޯޅަ ބޭރުވެފައިވާކަމަށް ދެކެވޭ ވާހަކަތަކާއި، ކިހާދޫ ޓީމަށް ޕެނަލްޓީއެއް ދިނުމަށްފަހު، ރެފްރީގެ ނިންމުން ބަދަލުކުރިކަމަށް ދެކެވޭ ވާހަކަތައް ޢަލީ ޝަފީޤް ދޮގުކުރެއްވިއެވެ.

” ބޯޅަ ބޭރުވާނީ ލައިން އެއްކޮށް ހުރަސް ކުރީމަ. އެވަގުތު ބޯޅަ އޮތީ ކުޅުމުގެ ތެރޭގަ. އެކަން މައްސަލައަކަށްވީ އެ ފުރުސަތުގައި ގޯލެއް ޖެހުމުން. ދެން އޮޓީ ޕެނަލްޓީގެ ވާހަކަ. ރެފްރީ އަތުން އިޝާރާތް ކުރީ ގޯލް ކުރިމަތިން ޖެހުމަކަށް. އެވަގުތު އޭރިޔާ ތެރެއަށް ކިހާދޫ ކުޅުންތެރިއަކު ވެއްޓިފައި އޮތުމުން އޭނާއަށް ބަލަމުން ރެފްރީ އެގޮތަށް އަތުން އިޝާރާތް ކުރީ. އެވަގުތު އެއްވެސް ވަރަކަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމާފައި ނުވާކަމަށާއި، އެއީ ބައެއް ކުޅުންތެރިންނަށް ހީވިގޮތެއް ކަމަށް ރެފްރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވޭ. “

ޢަލީ ޝަފީގް އިތުރަށް ވިދާޅުވީ މެޗްގައި ދެޓީމަށްވެސް ދެއްކޭނެ ވާހަކަތައް އެބަހުރިކަމަށާއި، އެއީ އަބަދުވެސް ފުޓްބޯޅައިގެ އާދަކަމަށެވެ. މީގެ އިތުރުން ސެމީ ފައިނަލްގެ ދެމެޗްގައި ހިނގާ ދިޔަ ކަންކަން ބެލުމަށްފަހު އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަމަށްވެސް ޑިސިޕްލިނަރީ ކޮމިޓީން ބުނެއެވެ. އަދި ބައެއް ކުޅުންތެރިންގެ ފަރާތުން މެޗްތަށް އިންސާފްކޮށްދެއްވި ރެފްރީންނަށާއި، މުބާރާތް އިންތިޒާމުކުރި ބައެއް ފަރާތްތަކަށް ބޭއަދަބީ ބަހުން މުޢާމަލާތު ކޮށްފައިވާކަން ފާހަގަކޮށް އެފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އެޅޭނެކަމަށްވެސް ޢަލީ ޝަފީގު ވިދާޅުވިއެވެ.

މާދަމާގެ ފައިނަލް މެޗާއި ގުޅޭގޮތުން ޢަލީ ޝަފީގް ވިދާޅުވީ އެމެޗްގައިވެސް އެފަދަ ކަމެއް ތަކުރާރުވެއްޖެ ނަމަ އެފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށާއި، އެކަންކަން ޑިސިޕްލިނަރީ ކޮމިޓީން ވަރަށް ރަނގަޅަށް ބައްލަވާނެކަމަށެވެ. އަދި މެޗްގައި ދެޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިންވެސް ރެފްރީގެ ނިންމުމަށް އިހްތިރާމް ކުރުމަކީ ވަރަށް ބޮޑު އެދިލައްވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މާދަމާގެ މެޗްގައި ސަޕޯޓަރުން ނޭދެވޭ އަމަލެއް ހިންގައިފިނަމަ އެކަން ހުއްޓުވުމަށް ފުލުހުންގެ އިތުރު ޓީމްތައް ދަނޑުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވާނެކަމަށްވެސް އިންތިޒާމް ކޮމިޓީން ބުނެއެވެ.

މުބާރާތް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެކުގައި ކަމަށާއި، މިގޮތުން ޓީމްތަކުން ދެއްވާ އެއްބާރުލެއްވުމާއި، ސަޕޯޓަރުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް އިންތިޒާމް ކޮމިޓީން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...