ފަސޭހަ ކަމާއެކު އޭދަފުށި ބަލިކޮށް ގޮއިދޫ ޗެމްޕިއަންކަން ހޯދައިފި

ކުޅިވަރު
ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. -- އީޓީ ފޮޓޯ / ނައުޝަލް
ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. — އީޓީ ފޮޓޯ / ނައުޝަލް

އޭދަފުށި ބަލިކޮށް އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ގޮއިދޫ ޔޫތް ސޮސައިޓީ ހޯދައިފިއެވެ.

ގޮއިދޫ މި މުބާރާތް ކާމިޔާބުކުރީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލްމެޗް 4-1 ގެ ނަތީޖާއަކުން އޭދަފުށި ބަލިކޮށްގެންނެވެ. މިއީ މި މުބާރާތް ގޮއިދޫން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. 2012 ވަނަ އަހަރުގެ ފައިނަލްގައި ގޮއިދޫން ތަށި ހޯދީ ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށްގެންނެވެ. މިއަދުގެ މެޗްގައި ގޮއިދޫން ޖެހި ތިން ގޯލް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ. ދެވަނަ ހާފްގައި އޭދަފުށިން ގޯލެއް ޖެހިނަމަވެސް މެޗް ނިމެނިކޮށް ގޮއިދޫން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލްޖަހާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ފެށިގެން ގޮއިދޫ ޓީމުން ވަނީ މޮޅަށް ކުޅޭ އޭދަފުށީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި މެޗްގެ 8 ވަނަ މިނިޓުގައި އެޓީމުން ވަނީ މެޗްގެ ފުރަތަމަ ގޯލްޖަހާފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ހަސަން ސުޖާއުއެވެ. މެޗްގައި ދެން ފެނިގެން ދިޔައީ އޭދަފުއްޓަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަތަނެވެ. 18 ވަނަ މިނިޓުގައި ހުސެއިން ޝިމާޒް (ކޮކީ) އޭރިޔާތެރޭ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ. މެޗްގައި ގޮއިދޫ ޓީމްގެ ދެވަނަ ގޯލް 26 ވަނަ މިނިޓުގައި ޖެހީ އިބްރާހިމް މާޖިދު އެވެ. ގޮއިދޫން މެޗްގައި ޖެހި ތިންވަނަ ގޯލަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ހުސެއިން ޝިފާހް ގޯލަށް ޖެހި ބޯޅައެއް އޭދަފުށީގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަން ގޯލެވެ.

ދެވަނަ ހާފް އޭދަފުށިން ފެށީ ޢަލީ ފާސިރު (ސެންޓޭ) އާއި އެކުއެވެ. މިހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގޯލެއް ޖަހަން އޭދަފުށީ ޓީމުން މަސައްކަތް ކުރިއެވެ. އަދި މެޗްގެ 71 ވަނަ މިނިޓުގައި ޢަލީ ފާސިރު ނަގައިދިން ޖެހުމެއް ޝިމާޒް ވަނީ ގޯލްގެ ތެރެއަށް ވައްދާލާފައެވެ. ނަމަވެސް ޝިމާޒްގެ އަތުގައި ޖެހުނުކަމަށް ބުނެ ރެފްރީ ވަނީ ގޮއިދޫ ޓީމަށް ޖެހުމެއް ދީފައެވެ. ދެވަނަ ހާފްގައި އޭދަފުށިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް ގޯލް ޖަހާނެ މާ ރަނގަޅު ފުރުސަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ. އޭދަފުށިން މެޗްގައި ޖެހި ހަމައެކަނި ގޯލް މެޗް ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުގެ މި ގޯލަށް ފަހު ގޮއިދޫން ވަނީ އެޓީމުން ހެދި ކައުންޓަރ އެޓޭކެއްގައި ޓީމުގެ ހަތަރުވަނަ ގޯލް ޖަހާފައެވެ. އިތުރު ވަގުތުގައި އިޝާން އިބްރާހިމް (ސައްޓު) ނަގައިދިން ހުރަސް އޭރިޔާތެރޭ ހުސްކޮށްހުރެ ބޮލުންޖަހާ ގޯލްގެ ތެރެއަށް ވައްދާލީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް މާޖިދުއެވެ.

ފައިނަލް މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
ފައިނަލް މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

ގޮއިދޫ ޓީމުގެ ކޯޗު މުޙައްމަދު އިޤްބާލް އީޓީ އާއި ވާހަކަ ދައްކަމުން ބުނީ ތަށި ހޯދުނީ ޓީމުން ކުރި ބުރަ މަސައްކަތުންކަމަށާއި، މެޗްގެ ކުރިން ދިން އިރުޝާދާއި އެއްގޮތަށް ޓީމުން ވަރަށް ރަނގަޅަށް ކުޅުނުކަމަށެވެ.

” ކުޅުންތެރިންގާތު ބުނިން މެޗް ފެށިގެން ލީޑެއް ނެގުމޭ މުހިއްމު ވާނީ. ގޮއިދޫ ޓީމަށް މުބާރާތުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ކުރިން މެޗްތަކުގައިވެސް ލިބުނު. އެހެންވެ މިއަދު ވިސްނީ އެޓޭކިންގ ގޭމަކަށް ދާން. އެއްވެސް ވަރަކަށް ނުވިސްނަށް ޑިފެންސަކަށް. ބައިކޮޅަށް ގޯލު ވަނަސް އެޓޭކް ކުރަން ކުޅުންތެރިންގާތު ބުނިން. މެޗުން މޮޅުވީ ފުރަތަމަ ޖެހުނު ގޯލުގެ ސަބަބުން ”

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށް ތަށި ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ދޮންފަނު ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ގޮއިދޫ ޓީމުގެ ކީޕަރ މުޙައްމަދު އިމްރާން ހޮވުނުއިރު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ އޭދަފުށީ ޓީމުގެ ހުސެއިން ޝިމާޒް އަށެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އޭދަފުށީ ޓީމްގެ ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކި ޢަބްދުﷲ އަބޫބަކުރަށެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް މިފަހަރު ހޯދީ ގޮއިދޫ ޓީމުގެ އިބްރާހިމް މާޖިދުއެވެ. މާޖިދު ވަނީ މި މުބާރާތް ގޮއިދޫ ޓީމަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއްއަދާކޮށްފައެވެ.
ބ. އެޓޯލް ފުޓްބޯލް ޗެލެންޖު މިފަހަރު ކުރިއަށް ގެންދިޔައީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެންނެވެ. މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ނޫފަހި ބްރޭންޑެވެ. ކޯ ސްޕޮންސަރ އަކީ އުރީދޫއެވެ. ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ނަމުގައި އަންނަ އަހަރުވެސް މި މުބާރާތް ކުރިއަށް ދާނެކަމަށް އިންތިޒާމް ކޮމިޓީން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...