14 އަދި 16 އަހަރުން ދަށުގެ ޗެމްޕިއަންކަންވެސް ގޮއިދޫ ސްކޫލް ހޯދައިފި

ކުޅިވަރު
14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ގޮއިދޫ ސްކޫލް ޓީމު ތަށްޓާއެކު.
14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ގޮއިދޫ ސްކޫލް ޓީމު ތަށްޓާއެކު.

 

ވޮލީބޯޅަ އެސޯސިއޭޝަންގެ މައިލޯ އިންޓަ ސްކޫލް ވޮލީ ބޯލަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން އަދި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަންވެސް ގޮއިދޫ ސްކޫލުން ހޯދައިފި އެވެ.

ގޮއިދޫ ސްކޫލުގެ 14 އަހަރުން ދަށުގެ އަންހެން ޓީމު ޗެމްޕިއަންކަން ހޯދީ ހަވީރު ކުޅުނު ފައިނަލުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އިމާދުއްދީން ސްކޫލް ބަލިކުރުމަށްފަހު އެވެ.

އަންހެން ބައިގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް ގޮއިދޫ ސްކޫލުން ހޯދީ ފައިނަލުގައި މިރޭ އަމީނިއްޔާ ސްކޫލް ސީދާ ތިން ސެޓުން ބަލިކުރުމަށް ފަހު އެވެ.

ތިން އުމުރު ފުރާއަކަށް ބަހާޅައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރައިން ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ގޮއިދޫ ސްކޫލުންނެވެ. އެއީ އިއްޔެ ހަވީރު އިމާދުއްދީން ސްކޫލާ ވާދަކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ.

އެހެންކަމުން ގޮއިދޫސްކޫލް ހިމެނެނީ މިމުބާރާތުގެ ތިންގެޓަގަރީވެސް ކާމިޔާބުކުރި ހަމައެކަނި ސްކޫލްގެ ގޮތުގައެވެ. މި ރެކޯޑާއެކު މިއީ ރާއްޖޭގެ އެއްވެސް ސްކޫލަކުން ހޯދާފައިނުވާ ކާމިޔާބެއްކަމުގައި ފާހަގަކުރެވެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި މި ފަހަރު ވާދަކުރީ ބ. ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...