ހުރިހާވެސް މައްސަލައަކީ ކައުންސިލް ރައްޔިތުންނާ ދުރުވުން

ރިޕޯޓް
އޭދަފުށީ ކައުންސިލަރުން-- ފައިލް ފޮޓޯ
އޭދަފުށީ ކައުންސިލަރުން– ފައިލް ފޮޓޯ

 

“ކައުންސިލަރުން އެއީ އެއްވެސް ބައެއް ނޫން. އެމީހުންނަށް ކުރެވުނީ ކޮންކަމެއް؟” ހޮޓާތަކާ އަށިތަކުގައި ރައްޔިތުންގެ ތެރެއިން ގިނަމީހުން މިހާރު ދައްކާ ވާހަކައަކީ މިއީއެވެ. މީ އަޅެފަހެ އަޖައިބުވާވަރު ކަމެއް ނޫންހެއްޔެވެ. އެންމެންގެވެސް ވާހަކައައަކީ “ތިޔަކައުންސިލަކަށް ދުވަހަކުވެސް މަށެށް ނުދާނަމެވެ”. އެކަން އެހެންވާންޖެހޭތޯއެވެ؟

ކޮންމެ ދުވަހަކު އިތުރު ސުވާލުތަކެކެވެ. “ބޯޅަގެއެއް ހަދަނީ ކޮންގޮތަކަށްހޭ؟ ފެރީޓާމިނަލް އަޅާ ސަރަހައްދު ކަމަކުނުދޭ، މިނިވަން (ވަން ލައިޓް ނޭޝަން) ފަންސާހަށް ދިން 50000 ހާސްރުފިޔާއަށްވީ ކިހިނެއްހޭ، ހިލަޖެހުންވެސް އެއޮތީ ހުއްޓިފަނޫންހޭ.” އާފަލުގަސްދޮޑުގައި ކޮންމެދުވަހަކު ރައްޔިތުން މަޝްވަރާ ކުރަންޖެހޭ ސަބަބެއް އޮންނާނެ ނޫންހެއްޔެވެ؟

އޭދަފުށީ ކައުންސިލަކީ ގައިމުވެސް ރައީސް ޔާމީން އައްޔަން ކުރި ކައުންސިލެއް ނޫނެވެ. އަދި އެމީހުންނަކީ އަމިއްލައަށް ކައުންސިލަށް ވަދެގެން ތިބިބައެއްވެސް ނޫނެވެ. އެމީހުން ހޮވީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ވަރަށް ވާދަވެރި އިންތިހާބަކުންނެވެ. ދެން މިމީހުންދެކެ މިހާ ރުޅި ރައްޔިތުން އަންނަންޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ މިވާހަކަ ދައްކަންޖެހެނީ މިހެންވެގެންނެވެ.

ކައިރި މާޒީއަށް ނަޒަރު ހިންގާއިރު އެންމެފަހުން ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވީ މީގެ ދެތިން މަހެއްކުރިންނެވެ. އެއީވެސް ގާނޫނުން ކޮންމެހެން ލާޒިމްވެގެންނެވެ. އެޖަލްސާގައިވެސް ރައްޔިތުން ކައުންސިލާ ކުރިމަތިކުރި ސުވާލުތަކަށް ކައުންސިލުން އެދެވޭ ޖަވާބެއް ނުދެވުނެވެ. ނުދެވުނީ އެއް ނޫނެވެ. ދޭން ނުވެސް އެގުނީއެވެ. އަލީ ވަހީދު ފިޔަވާ އަގައިވެސް ބުނި ކައުންސިލަރަކު ހަގީގަތުގައި ނެތެވެ. އެންމެފަހުން ޖަލްސާ ނިންމާލިއިރުވެސް ރައްޔިތުންގެ ތެރެއިން ކުރަންޖެހޭ ސުވާލުތަކަށް ބޭނުންވާވަރާ ގާތަށްވެސް ފުރުސަތު ނުދެވުނެވެ. މިއީ ދެރަކަމެކެވެ. އަސްލު މައްސަލަފެށެނީ މިހިސާބުންނެވެ.

ރައްޔިތުންގެ ހިތުގައި ވަރަށްގިނަ ސުވާލު އުފެދިފައި އެބަހުއްޓެވެ. އެމީހުންނަށް ސާފުވާންޖެހޭ ގިނަ ކަންކަން އޮޅުން އަރާފައި އެބަހުއްޓެވެ. ރައްޔިތުންނާ ކައުންސިލަރުންނާ ދިމާވާ ދިމާވުން މަދެވެ. މަގުމަތިންނާ، އާންމުން އެއްވާ ހޮޓާތަކާ، ހޮޅުއަށިތަކުންވެސް ކައުންސިލަރުން ރައްޔިތުންނާ ގުޅުން ބަދަހި ކުރަންޖެހެއެވެ. އެމީހުންގެ ސުވާލުތަކަށް އެދެވޭ ޖަވާބު ލިބެންޖެހެއެވެ. ޖަލްސާތައް އަވަސް އަވަހަށް ބާއްވާ މިފިތުނައިން ކައުންސިލަރުން ސަލާމަތްވާންޖެހެ އެވެ.

އަބަދުވެސް އިވެނީ ކައުންސިލަރުން އެވެނިކަމެއް މިވެނިކަމެއް ގަވާއިދާ ހިލާފަށް ކޮށްފިކަމެވެ. އެވެނިކަމަކާ، މިވެނިކަމަކާ ނޫޅޭކަމެވެ. މިސުވާލުތަކަށް އެދެވޭޖަވާބު އޭގެ އެންމެ މުނާސަބު ވަގުތުގައި ރައްޔިތުންނަށް ދޭންޖެހެއެވެ. ގަނޫނުގެ ވެރިކަން ރައްޔިތުންނާ ހަމައިން ފެށޭތީއެވެ. މިކަން ނުކުރާހާ ހިނދަކު ސުވާލުތައް ހުޅުފަޅައި ނުކުންނާނެއެވެ.

ކޮންމެ މީހަކަށް ގާނޫނު އަސާސީ އެއް ނޭނގޭނެއެވެ. ގަވާއިދުތައްވެސް ނޭނގޭނެއެވެ. ބާއިންޖީނުގޭ ދޮށު ކުލަފައިބާ ފާރުގައި ހިއްޕާ އިޢްލާން ރައްޔިތުން ނުކިޔައެވެ. ކައުންސިލަރުންނަށް މިކަން އެނގެންޖެހޭނެއެވެ. ރައްޔިތުންނަށް ކަންކަން އަންގައިދިނުމުގައި ރައްޔިތުންނާ ގާތްވާންޖެހެއެވެ. މަގުމަތިންނާ އަށިތަކުން ރައްޔިތުމީހާއަށް މަރުހަބާ ކިޔަންޖެހެއެވެ. އެމީހުން ބެވިޔަސް ވެހެވެ. ކައުންސިލަރުން ހާދިމުންގެ ގޮތުގައި ހިއްތިރިކަމާއެކު ޖަވާބުދޭންޖެހެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...