އެތައް މިލިއަނެއް ޚަރަދުކޮށް ޚިދުމަތް ނުފެށިފައި

ލާމަރުކަޒީ ޢުސޫލުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެގޮތުން ކޮންމެ އަތޮޅެއްގައިވެސް ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ދެއްވަން ފަށާފައިވާ ޚިދުމަތް ފޯރުކޮށްދިނުމުގެގޮތުން ބ. އަތޮޅުގައި ޤާއިމް ކުރެވިފައިވާ ސެންޓަރުގެ އިމާރާތުގެ ބިންގާ 2007 ވަނަ އަހަރު އަޅައި އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވެ އެވެ.
ސެންޓަރު ހިންގުމަށް ބިނާ ކުރެވެމުންދިޔަ އިމާރާތް އޮފީސް އަދި އެކޮމަޑޭޝަން ބްލޮކް ވަކިން ދިމާވި މައްސަލަތަކަކާއި ގުޅިގެން ހުއްޓިފައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައި އޮފީސް އިމާރާތްވަނީ ހުޅުވައި ޚިދުމަތްދޭން ފަށައިފަ އެވެ. ނަމަވެސް އެކޮމަޑޭޝަން ބްލޮކް މިހާތަނަށްވެސް ހުރީ ހުއްޓިފައެވެ. އެކޮމްޑޭޝަން ބްލޮކްގެ ފަންސާސް ޕަސެންޓަށްވުރެ ބޮޑުބައެއް ނިމިފައިވާކަން ފާހަގަކުރެވެ އެވެ.
ސުވާލަކީ އިމާރާތް އެ ހިސާބުން ހުއްޓި ފައި ހުންނަން ޖެހުނީ ކީއްވެގެން ބާވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ޕްރޮޖެކްޓަކީ ޔުނިސެފްގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. އެނގޭހާވެސް އެއްޗަކީ އެފަދަ ޖަމިއްޔާއަކުން ޕްރޮޖެކްޓް ނިންމުމަށް ބޭނުންވާވަރަށް ފަންޑު ދޭނެކަމެވެ. ފިޔަވަހިތަކަކަށް ބަހާލިނަމަވެސް އަލުން އިމާރާތް މަރާމާތު ކުރަން ޖެހުމުގެ ކުރިން އެ ފިޔަވަހިތަކަށް ފަންޑު ހަމަޖައްސައިދޭނެކަން ޔަގީނެވެ. އިމާރާތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ޒިއްމާއެވެ. ތިމަން ކެހި ކަނޑުލެއް ނޫނޭކިޔާ ހިތި ނުފިލުވައި ބޭއްވުމުގެ ޖާގައެއް ނޯންނާނެ އެވެ.

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭން ބިނާކުރަމުންދާ އިމާރާތުގައި އިޖުތިމާއި މައްސަލަތައް އުފަންވާން ފެށުމަކީ ނުހަނު ކަންބޮޑުވާކަމެކެވެ. މިކަން މިރަށުގެ ކައުންސިލްގެ ސަމާލުކަމަށް އަދި ނާންނަނީކަމަށް ވެދާނެއެވެ. ހަމަ އެހެންމެ ލޯ އެންޑު ޖެންޑާގެ ސަމާލުކަމަށްވެސް އަދި ނާންނަނީކަމަށް ވެދާނެ އެވެ. ސަމާލުކަމަށް ގެންނަންވީ އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ވީމައެއް ނޫނެވެ. ވ. އަތޮޅު ރަކީދޫގެ ހާދިސާއިން އިބުރަތް ލިބިގަނެ ހަރުދަނާ ކުރަންވީ ވަގުތު ނުޖެހޭބާވަ އެވެ. އަމާން ހިޔާތައް ނާމާން ހިޔާތަކަށް ބަދަލުވެގެން ހިނގައިދާނެކަމާމެދަކު ކަންބޮޑު ނުވަނީ ބާވައެވެ.
ފުރާވަރުގެ ކުދިން އެތަނުގައި ވަގުތު ހޭދަކޮށްފައިވާކަމުގެ ނިޝާންތައް އޮފީސް އިމާރާތް ހުޅުވުމުގެ ކުރިން ފެންނަން ހުރިކަމާމެދަކު ޝައްކެއް ނެތެވެ. މިހާރު އެ ސެންޓަރުގެ ވަށާފާރު ރޭނި އެތަނަށް އާންމުކޮށް ވަދެ އުޅުމުގެ މަގުތައް ބަންދުވިނަމަވެސް އެތަނުގެ އެންމެ ރަގަޅު ހާލަތެއް ނޭނގެއެވެ. މިހާރުވެސް އެފަދަ ޒުވާނުންގެ ވަގުތު އެތަނުގައި ހޭދަކުރުން ގާތެވެ. ކެޔޮކޭވަރެއް އެނގޭނީ ބިތުފަންގި ނެގީމައެވެ.
ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ ފަރާތުން ނިސްބަތުން އެކަށީގެންވާ ވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދެ އެވެ. މަދު ރިސޯސްތަކެއް ބޭނުންކޮށްގެން ވަރަށް ކުޑަ ބަޖެޓަކުން ހިންގާ ބައެއް ޙަރަކާތްތައް ފާހަގަކޮށްލަން ޖެހެއެވެ. ހުށައެޅޭ މައްސަލަތަކުގައިވެސް އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވާތަން ފެންނަލެއް މަދެކޭ ދެންނެވޭކަށްނެތެވެ. އެއީ މުޅި އަތޮޅަށް ހާއްސަ ސިއްރު ހިފެހެއްޓިގެން މަސައްކަތް ކުރާ މުއައްސަސާއަކަށްވާއިރު އާންމު ރައްޔިތުންނަށް އެކަން ނޭނގިއޮވެދާނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދިފަހުން އެ ސެންޓަރުގެ ބެލުމުގެ ދަށަށްނެގި ކުޑަކުއްޖާވެސް މަހެއްހާދުވަހު ބަލަހައްޓާފައިވެ އެވެ. އެކުއްޖާގެ ނިދުމާއި ކެއުން އަދި އަސާސީ އެހެން ބޭނުންތައް ފުރިހަމަކުރީ ކިހިނެއް ބާވައެވެ. އެކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން ކޮށްފައިނުވުމުން ދޭހަކޮށްދެނީ އެކަން ދިޔައީ ރަގަޅަށް ކަމަށެވެ. އެކަމަށް ބާރުދޭ ބައެއް މަންޒަރު އެތަނުގެ ސްޓާފުންގެ ފަރާތުން ފެނިފައިވެ އެވެ.
އިމާރާތެއްހުރެ، އެ އިމާރާތުން އެފަދަ ކުދިންނަށް އެހީތެރިކަން ނުލިބުމަކީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ. އަންނަ އަހަރުގެ ބަޖެޓްގައިވެސް އެ އިމާރާތް ނިންމުމަށް ފައިސާ ކަނޑައެޅިފައިނުވުން ގާތެވެ. އިމާރާތް އެހާލަތުގައި ހުއްޓައި 7 ފަހަރު ދައުލަތުގެ ބަޖެޓް ހުށައަޅާފައިވާއިރު އެކަމަކީ މުހިއްކަމަކަށް ނުވީ ކީއްވެބާވަ އެވެ. އޭދަފުށީގައި އިމާރާތްކޮށްފައިވާ ދައުލަތުގެ އިމާރާތްތަކުގެ ތެރެއިން ނުނިމި ހުރި ހަމައެކަނި އިމާރާތަކީ އެއީއެވެ. ކަންބޮޑުވެ ނުލައްވާތޯ އެވެ.
އޭދަފުށީގެ މޫނުމަތީގައި ފެންނަން ހުރި އިމާރާތް ނުނިމި އެހާ ގިނަ ދުވަސްވީއިރުވެސް އެކަން ނުވެ ހުރި ސަބަބު ދެނެގަތުމަށް އެއްވެސް މަސައްކަތެއް ނުކުރެވިވަނީ ކީއްވެބާވަ އެވެ. ގިނަ މީހުންގެ ޖަވާބަކަށްވާނީ އެތަން އެހާ މުހިއްމުނުވުމެވެ. އެކަމަކުއެއީ ހަގީގަތާއި އެންމެ ދުރު ޖަވާބެވެ. އެކިއެކި މައްސަލަތައް ދިމާވެގެން ސެންޓަރުގެ ބެލުމުގެ ދަށަށް ގިނަ ކުދިންތަކެއް ނަގަންޖެހޭދުވަހު އެކަން އިހްސާސް ކުރެވޭނެ އެވެ. މިދަންނަވަނީ ކޮންމެހެން ހުންއަންނާނެކަމަށް ރަޖާލާށެކޭނޫނެވެ. އެކަމަކު ރައްކާވެތިޔިބިއްޔާ ދަތުރެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...