މިއީ އޭދަފުށިން ފެންނަ ނާތަހުޒީބީ އަމަލެއްތަ؟
އަނެއްކާވެސް އެވާހަކައެވެ. ފަހަރެއްގައި އޭދަފުށީ މީހުންނަށް މައްސަލައަކަށް ނުވެދާނެއެވެ. ނަމަވެސް ދުރު ރަށަކަށް ގޮސް އޭދަފުށީ މީހެކޭ ބުނުމުން ހިނިގަނޑެއް ޖަހާލާފައި “ތިއީ ފައިވާން ބާލާފައި ފިހާރަޔަށް ވަންނަ ރަށު މީހެއް ދޯ؟” މިހެން ބުނާތަން އާދެއެވެ. މިއީ ބައެއްފަހަރު ބައެއް މީހުން ކޮށްފައިވާ ތަޖުރިބާއެކެވެ. ދައްކަން މިއުޅެނީ އޭދަފުށީ ފިހާރަތަކަށް ފައިވާން ބާލާފައި ވަންނަންޖެހޭ ވާހަކައެވެ. ރަށުގެ ރައްޔިތުންނަށް މާބޮޑު މައްސަލައަކަށް ނުވާތީ މިކަން އަދިވެސް އޮތީ މިހެންނޭ ދެންނެވިދާނެއެވެ. ނަމަވެސް މާލެއިންނާއި އަތޮޅުތަކުން ރަށަށް އަރާ ބީރައްޓެހީން ބުނާގޮތުގައި އެންމެ ފުރަތަމަ މިރަށުން ރަގަޅުކޮށްލަން ފެންނަނީ މިކަމެވެ. މީގެ ކުރިން މިވާހަކަ އަޑުއެހީ މީގެ އަހަރުތަކެއް ކުރިން ގައުމީ ޓީވީއިން ގެނެސްދިން ރިޕޯޓަކުންނެވެ. ސުވާލަކީ މިކަން ބަދަލުކުރަން ވެއްޖެ ހެއްޔެވެ؟ ނޫނީ އަދިވެސް ހަމަ ފައިވާން ބާލާފައި ފިހާރަތަކަށް ވަންނަ ގޮތަށް އޮންނަ އުޞޫލު ދަމަހައްޓަންވީތޯ އެވެ؟
މީގެ އަހަރުތަކެއް ކުރިން އޭދަފުށީގެ ހުރިހާ ވިޔަފާރިވެރިން ކަހަލަ ގޮތަކަށް ގެންގުޅުނީ މި ވިސްނުމެވެ. ފަހަކަށް އައިސް ފިޔަފާރިވެރިންގެ ވިސްނުން ބަދަލުވެ ފިހާރަތަކަށް ފައިވާނާއިއެކު ވަނުމުގެ އާދަ މަޑުމަޑުން މިހާރު ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިހާރުވެސް މިރަށުގައި ގިނައީ ކުރިން ފާހަގަކޮށްލިގޮތަށް ފައިވާން ބާލާފައި ވަންނަންޖެހޭ ފިހާރަތަކެވެ. މިކަމުގެ ޚިޔާލެއް ހޯދުމަށް ބައެއް ވިޔަފާރިވެރިންނާއި ވާހަކަދައްކާލުމުން ބުނީ އެކަން އެގޮތަށް ކުރަނީ ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކަމަށެވެ. ޚާއްޞަކޮށް މާބޮޑަށް ވިއްސާރަވާ ދުވަސްވަރެއްނަމަ ފައިވާނާއި އެކު ވަނުމުން ފިހާރައިގެ ސާފުތާހިރުކަން ގެއްލި ތަނުގައި ހުންނަ މުދަލަށް އޭގެ އަސަރުކުރާކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެވާހަކަ ގޯހޭވެސް ދެންނެވޭކަށް ނެތެވެ. ނަމަވެސް ސުވާލަކީ މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައި މިކަން އޮންނާނެ ގޮތް ނޫންތޯއެވެ؟ ވީ އިރު ހަމައެކަނި އޭދަފުށީގައި މި އާދަ އޮންނަންވީ ކީއްވެތޯއެވެ؟. ފަހަރެއްގައި ތަހުޒީބީ ތަންތަނުގައި މަގުތަކުގެ ފެންވަރު ރަގަޅުވުމުން ފިހާރަގެތައް ނުތާހިރުވުމުގެ ފުރުޞަތު ކުޑަވެދާނެއެވެ. އޭދަފުށީގެ މަގުތައްވެސް ރަގަޅު ފެންވަރަކަށް ހަދަން ނިންމާފައިވާއިރު، މަގުތައް ހެދުމުން މި އާދަ ހުއްޓުވޭނެބާއޭ ހިތަށް އަރައެވެ.
މިއީ ނާތަހުޒީބީ އަމަލެއް ކަމަށް ބުނާ މީހުންގެ ވާހަކަ ހުންނަނީ މުޅިން އެހެން ގޮތަކަށެވެ. ތަރައްޤީގެ ގޮތުން ކުރިއަރާފައިވާ އޭދަފުށި ކަހަލަ ރަށެއްގައި މިކަހަލަ އާދައެއް އޮތުން އެމީހުން ޤަބޫލެއް ނުކުރެއެވެ. އެމީހުން ބުނާގޮތުން ބޫޓަށް އަރައިގެން އަންނަ މީހާ ބޫޓު ބާލަން ޖެހެއެވެ. ޤައުމުގެ އިއްޒަތްތެރިއަކުވެސް ފިހާރަޔަކަށް ވަންނަން ޖެހުމުން “ބޫޓު” ނުވަތަ “ފައިވާން” ބާލަން ޖެހެއެވެ. މީގެ އިތުރުން އެމީހުން ބުނަނީ މާލޭގައި އަދި އަތޮޅުތެރޭގެ ބޮޑެތި ރަށްރަށުގައިވެސް ކަސްޓަމަރުން މިގޮތަށް ޢަމަލު ކުރަން ނުޖެހޭކަމެވެ. ވީއިރު ތަރައްޤީވެފައިވާ އޭދަފުށި ކަހަލަ ރަށެއްގައި މިކަން މިގޮތަށް އޮންނަގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ބައެއް މީހުންނަށް އޮޅިގެން ފައިވާނާއި އެކު ވަނުމުން ބައެއް ފިހާރަތަކުން އެކަން ހަނދާވެސް ކޮށްދެއެވެ. އެހިސާބުން އެމީހުންނަށް ލިބެނީ ޝޮކެކެވެ.
މިއީ ނުރަގަޅު ކަމެއް ނަމަ ދެން އޮތީ ހައްލުކުރާނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ. ފައިވާނާއި އެކު ވަނުމުން ތަނުގެ ސާފުތާހިރުކަން ގެއްލޭނެތޯއެވެ؟ ނުވަތަ ފިޔަފާރިވެރިން ފުރަތަމަ ވިސްނަންޖެހޭނީ ކަސްޓަމަރާއި ދޭތެރޭ ތޯއެވެ؟. އޭދަފުށިން މި މަންޒަރު ބަދަލުވާނެތޯއެވެ؟ ދެން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ. ތިބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
