ސޯނޫ: ކޮވިޑް-19 ނެތް އަތޮޅުތައް ޓޫރިސްޓުންނަށް ހުޅުވައިލަން ޖެހޭ

އޭދަފުށި ޓައިމްސްޚަބަރު

ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ރިސޯޓުތައް ބަނގުރޫޓު ވުމުން ސަލާމަތް ކުރުމަށް ކޮވިޑް-19ގެ އަސަރު ނެތް އަތޮޅުތައް ވީހާ ވެސް އަވަހަކަށް ޓޫރިސްޓުންނަށް ހުޅުވައިލަން ޖެހޭ ކަމަށް ރާއްޖެ ލަގްޒަރީ ޓޫރިޒަމް ދުނިޔެ އަށް ހުޅުވާލި ވިޔަފާރިވެރިޔާ، ސޮނެވޭ ގްރޫޕުގެ ވެރިޔާ، ސޯނޫ ސިވްދާސަން ވިދާޅުވެއްޖެ އެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ވެބްސައިޓުގައި ސޯނޫ ލިއުއްވާފައިވާ އާޓިކަލެއްގައިވާ ވިދާޅުވެފައިވާ ގޮތުން، ކޮވިޑް-19ގެ އަސަރު ނެތް އަތޮޅުތަކުގެ ރިސޯޓުތައް ޓޫރިސްޓުންނަށް ހުޅުވުމުން، ކޮރޯނާވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ މާލެ ސަރަހައްދު ކޮމިއުނިޓީ ސްޕްރެޑުން ސަލަމާތް ކުރެވޭނެ އެވެ.

ސޯނޫ ލިޔުއްވާފައިވާ ގޮތުގައި މިވަގުތު ރިސޯޓުތައް ބަނގުރޫޓު ނުވި ނަމަވެސް ގިނަ ދުވަހަށް ބޯޑަރު ބަންދު ކޮށްފި ނަމަ ރިސޯޓުތަކުގެ ފައިސާ ހުސްވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ އެވެ. މީގެ ސަބަބުން ލޯނުތައް ނުދެއްކި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަންޖެހޭ ހާލަތަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުން ރާއްޖެ އައުމުގެ ހުއްދަ ދިން ނަމަވެސް ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖެ އަންނަން ހުއްދަ ދޭން ޖެހޭނީ ހަމައެކަނި މަހުޖަނުންނަށް ކަމަށް. އަޅުގަނޑު މި ބުނަނީ ކުދި ބޯޓުތައް، ރީޖަނަލް އެއާޕޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަކީ ޓޫރިޒަމް މަޑުމަޑުން ހުޅުވައިލުމަށް އެޅޭނޭ ފިވަޅެއް ކަމަށް. މީގެ ސަބަބުން މާލެ ވެސް ރައްކާތެރިވާނެ،” ސޯނޫ ވިދާޅުވި އެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި ރާއްޖެއިން ކޮވިޑް ފޮހެލެވެންދެން ބޯޑަރު ބަންދުކޮށްފައި ބަހައްޓައިފި ނަމަ ޓޫރިޒަމް ދާއިރާ އެއްކޮށް ނެތިގެންދާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...