ދުސިތު އާއި ވައްކަރު ހުޅުވާނީ އަންނަ މަހު 1 ގައި

ބ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ދުސިތު ތާނީ އާއި ވައްކަރު މޯލްޑިވްސް ރިސޯޓު އަންނަމަހުގެ 1 ގައި އަލުން ހުޅުވާނެ ކަމަށް އެ ދެ ރިސޯޓުން ބުނެފި އެވެ.
ދުސިތު ތާނީ މޯލްޑިވްސް އިން ވަނީ ނިއު ނޯމަލްގައި އެ ރިސޯޓް އަލުން ހުޅުވާލާއިރު ގިނަ ބަދަލުތަކެއް ގެނެސް
ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. އެގޮތުން ހިލޭ ބުއިންތަކާއި ލުއި ކާނާގެ ބާވަތްތައް ލިބުމުގެ އިތުރުން އައުޓް ޑޯ ޖިމް ފެސިލިޓީ އާއި މޮބައިލް ޕޭމަންޓް ފެސިލީޓީތައް ގާއިމް ކުރުން ހިމެނޭ އެވެ. އަދި ނިއު ނޯމަލް އަށް ހާއްސަކޮށް، އަގު ހެޔޮ ޕެކޭޖުތަކެއް ވެސް އެ ރިސޯޓުން ވަނީ ތައާރަފުކޮށްފަ އެވެ.

ބ. އަތޮޅުގައި ހިންގާ ވައްކަރު މޯލްޑިވްސް އިން ވެސް ވަނީ އަލުން އެ ރިސޯޓް ހުޅުވާއިރު ޓޫރިސްޓުންނަށް ހާއްސަ އަގުތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން ޕޫލް އަދި ބީޗް ވިލާ ތަކުން ރެ އަކަށް ގާތްގަނޑަކަށް 900 ޑޮލަރަށް ރޫމް ލިބޭނެ އެވެ. އަދި އަންނަ މަހުގެ އެއް ވަނަ ދުވަހުން ޑިސެމްބަރު މަހުގެ 22 ގެ ނިޔަލަށް 40 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ވާން އަޅާފައިވާ ގިނަ ފިޔަވަޅުތަކާއެކު، އަލުން އެ ދެ ރިސޯޓް ހުޅުވާއިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް ހިދުމަތްތައް ބަދަލު ކުރުމުގެ އިތުރުން ޓޫރިސްޓުންނަށް މުހިންމު ވާނެ އެހެން ބަދަލުތަކެއް ވެސް ފެނިގެން ދާނެ ކަމަށް އެ ދެ ރިސޯޓުން ބުންޏެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މަޑުޖެހިފައި އޮތް ނަމަވެސް ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ބައެއް ރިސޯޓްތަކަށް މިހާރުވަނީ ޓޫރިސްޓުން އަންނަން ފަށައިފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...