ހަނިފަރު ސަރަހައްދު، ހޮނިހިރު ދުވަހު ހުޅުވާލަނީ

ތިން މަސް ދުވަހަށް ފަހު، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޔުނެސްކޯ ބަޔޮފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދު ހުޅުވާލަން ނިންމައިފި އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަނިފަރު ސަރަހައްދު ބަންދު ކުރުމަށް ފަހު ޖުލައި 25 އިން ފެށިގެން ފަތުރުވެރިންނަށާއި އާއްމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި ހަނިފަރު ސަރަހައްދު އަލުން ހުޅުވާލާއިރު، ހަނިފަރަށްދާ ފަރާތްތަކުން އަމަލު ކުރާނެ ގޮތުގެ އެސްއޯޕީއެއް ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން އެއްފަހަރާ މާގިނަ މީހުން ހަނިފަރަށް ނުގެންދިއުމަށާއި، ހަނިފަރަށް ދާން ބޭނުންވާ ފަރާތަކުން ނުވަތަ ރިސޯޓަކުން ހަނިފަރަށް ދާމީހުންގެ އަދަދާ ވަގުތު އެއްދުވަސް ކުރިން އަންގަން ޖެހެއެވެ.
ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުގައި އެންމަޑި އާއި ފެހުރިހި އުޅޭތީ އެވެ. އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ބޮޑު އާމްދަނީއެއް ލިބެ އެވެ.
ކޮންމެ އަހަރެއްގެ މެދުތެރޭގައި ބ. އަތޮޅު ހަނިފަރަށް އެންމަޑި ގިނަ އަދަދަކަށް ޖަމާވެ އެވެ. މޭމަހުން ނޮވެމްބަރު މަހަކީ “މަންތާ ސީޒަން” އެވެ. އެއީ މި ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވެސް ގެންގުޅޭ ވަސީލަތެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...