އޭދަފުށިން އިތުރު 11 ކޭސް ފެނި ޖުމްލަ 48 އަށް

ބ. އޭދަފުށިން އިތުރު 11 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު އަދަދު 48 އަށް އަރައިފަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބައްޔަށް ޕޮޒިޓިވްވި 48 މީހުންގެ ތެރެއިން އެކަކަށް މިރަށު ކޮވިޑް ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.
މީގެ އިތުރަށް 26 ގެއެއްގައި މީހުން ކަރަންޓީން ކޮށްފައިވާއިރު، މުޅި ރަށުން މިހާތަނަށް 469 ސާމްޕަލް ނަގާފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
އޭދަފުށިން ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، އޭޕްރިލް 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނުވާން ވެސް އަންގައިފަ އެވެ.
މީގެ ކުރިން ބަލި ނުފެތުރޭ ވަރަށް މިހާރު މިރަށުގައި ބަލި ފެތުރިފައިވާއިރު ކޮވިޑްގެ ބިރުވެރިކަން އޮތުމުން ކައުންސިލުން މިއަދު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.
އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނުކުތުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށާއި އާއްމު ތަންތަނަށް އެއްވުން އުޅުން މަނާކޮށްފަ އެވެ. އަދި މާދަމާއިން ފެށިގެން ފިހާރަތައް ހުޅުވޭނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. އެނޫން ވަގުތު ތަކުގައި ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...