ކޮވިޑް-19: އޭދަފުށިން މިއަދު ޕޮޒިޓިވްވީ 10މީހުން

ކޮވިޑް-19 އަށް އޭދަފުށިން އިތުރު 10 މީހަކު ޕޮޒިޓިވް، މި ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 109 އަށް އަރައިފި އެވެ.
އޭދަފުށިން މިހާތަނަށް 865 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 109 ސާމްޕަލެއް ޕޮޒިޓިވްވެފައިވެ އެވެ. އަދި ނަތީޖާ ނުލިބޭ 40 ސާމްޕަލެއް އެބަ އުޅެ އެވެ.
އޭދަފުށީގައި އާއްމުންގެ ތެރެއިން ކޮވިޑްގެ ކޭހެއް ފެނުމުން ރަށް ބަންދުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެފަހުން ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިއުމުން ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުތުން މަނާކޮށްފައި އޮތްއިރު ތިން މީހުންނަށް ވުރެ ގިނައިން އެކުގައި ނިކުމެ އުޅުން ވެސް މަނަ އެވެ.
ރަށުގެ ހޮޓާތަކާއި ރެސްޓޯރަންޓުތައް ވެސް ބަންދުކޮށްފައިވާއިރު، ވިޔަފާރިތައް ވެސް ހުޅުވާފައި ބެހެއްޓެނީ އިރުއޮއްސި، 6:00 އާ ހަމައަށެވެ. އޭގެ ފަހުން ވިޔަފާރިތަކުން ދޭން ޖެހޭނީ ޑެލިވަރީގެ ހިދުމަތެވެ. އޮފީސްތަކަށް ވެސް ހުޅުވައިގެން މަސައްކަތް ކުރަނީ ވީހާ ވެސް މަދު މުވައްޒަފުން ނެރެގެންނެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...