ދެމަހަށް ވުރެ ގިނަ ދުވަސްވީ ފަހުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވައިފި

އޭދަފުށި ޓައިމްސްވިޔަފާރި

ދެ މަހަށް ވުރެ ގިނަ ދުވަހު، އޭދަފުށީގައި ޑެލިވަރީ އާއި ޓޭކް އަވޭ ނޫން ހިދުމަތެއް ނުދީ ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ހޮޓާ/ރެސްޓޯރެންޓް/ކެފޭތައް އަލުން އާންމުންނަށް ހުޅުވާލައި ޚިދުމަތްދޭން ފަށައިފި އެވެ.

އޭދަފުށީގައި ކޮވިޑް-19 ގެ ކޭސްތައް ފެނުމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް މީހުން ވަނުން މަނާކުރީ މާޗު 20 ގަ އެވެ. އޭގެ ފަހުން އެ ތަންތަނުން ދެމުން އަންނަނީ ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް އެކަންޏެވެ.

ނަމަވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހޮޓާ/ކެފޭ/ރެސްޓޯރަންޓްތައް އާންމުންނަށް ހުޅުވުމުގެ ހުއްދަ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދީފަ އެވެ.

އެޗުޕީއޭ އިން ބުނެފައިވާ ގޮތުގައި އެ ތަންތަން އާންމުންނަށް އަލުން ހުޅުވާލާ އިރު ކަސްޓަމަރުންނަށް ފަސޭހައިން އަތް ދޮވެ، އަތް ސެނިޓައިޒްކުރެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ އެވެ. މީގެ އިތުރުން ހޮޓާ/ކެރޭ/ރެސްޓޯރަންޓްތަކުގައި ކަސްޓަމަރުންނަށް ގައިދުރުކޮށްގެން ތިބެވޭނެ ގޮތް ހަމަޖައްސަން ޖެހެ އެވެ.

އޭދަފުށި މިދިޔަ އޭޕްރިލް މަހުގެ 19 ގައި މޮނިޓަރިން އަށް ލީ ގޮތަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނާތީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ވަނީ ކާފިއު ވެސް އުވާލައިފަ އެވެ. އޭދަފުށީގައި މި ވަގުތު ކޮވިޑްގެ ހާލަތަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ އެންމެ 2 އެވެ. 

މޮނިޓަރިންގައި އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ރަށުން ކޮވިޑަށް ޓެސްޓްކުރުމަށް 3،139 ސާމްޕަލް ނަގާފައިވެ އެވެ. އޭގެ ތެރެއިން 315 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެ އެވެ. އަދި ތިން މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...