ބީއެމްއެލް އިން ޖަމިއްޔާތަކަށް އެހީވުމަށް ‘ސްމޯލް ގްރާންޓްސް’ އިފްތިތާހްކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ‘ބީއެމްއެލް ސްމޯލް ގްރާންޓްސް’ ފަންޑް އިފްތިހާހުކޮށްފިއެެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލެވިފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ. މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބީއެމްއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން 5 ވަނަ ހަރަކާތެއްގެ ގޮތުގައި މި ތައާރަފްކުރެވެނީ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓް ކަމަށެވެ.
“މި ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްެރޮޖެކްޓް ތަކަށް އެހީތެރިކަން ލިބިގެންދާނެ. މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން.”
މި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 15 މޭ 2022 އެވެ. 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް މި ހިލޭ އެހީއަށް އެދި ހުށަހެޅޭނެއެވެ.
40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
1- ފެބްރުވަރީ -–ހައުސިންގ ގްރާންޓް
2- ޖަނަވަރީ – ބީއެމްއެލް ސްޓާރޓްއަޕް ގްރާންޓް
3- ޑިސެންބަރު – ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
4- ނޮވެންބަރު – ބީއެމްއެލް ސްކޮލާޝިޕް ފަންޑު
ސްމޯލް ގްރާންޓްސް އަށް އެދި ހުށަހަޅާ ފޯމު، އަދި ޝަރުތުތަކާ އަދި އިތުރު މައުލޫމާތު https://www.bankofmaldives.com.mv/bml-small-grants އިން ލިބޭނެއެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...
