ބ. އަތޮޅު ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅުވައިގެން އޭދަފުށި ސާފުކޮށްފި

ބ. އަތޮޅު ހޮސްޕިޓަލަށް 54 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން އޭދަފުށީ އަތިރިމަތި ސަރަހައްދު މިއަދު ސާފުކޮށްފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލާއި ސަރުކާރުގެ އިދާރާ އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ފެށި މި ޕްރޮގްރާމަކީ އެ ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅުވައިގެން “ސާފު އޭދަފުށީ” ކެމްޕޭނުގެ ދަށުން ރަށުތެރެ ސާފުކޮށް ބޭއްވުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.
މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރަށުގެ ގޮނޑު ދޮށުންނާއި ރަށުތެރޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނެގިފައިވާއިރު އާންމު ގޮތެއްގައި ނެގިފައިވަނީ ޕްލާސްޓިކް ފުޅިއާއި ދަޅު ފަދަ ތަކެއްޗެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ 54 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ސާފުކުރުމުގެ މި ޕްރޮގްރާމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ރަށުގައި ހިންގޭނެ ކަމަށެވެ. ސާފުކުރުމުގެ މި ޕްރޮގްރާމަށް އޮފީސް/ކުންފުނި އަދި ޖަމިއްޔާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ އަހަރީ ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ.

އަހަރީ ދުވަހާ ގުޅުވައިގެން އެ ހޮސްޕިޓަލުން ވަނީ އޮފީސްތަކުގެ ކުޅިވަރު ހަރަކާތްތަކަކާއި އާއިލީ ހަވީރެއްވެސް ބާއްވަން ނިންމައިފަ އެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކެއްކުމުގެ މުބާރާތަކާއި ކެރަމް މުބާރާތެއްގެ އިތުރުން ޕިކްނިކް ދަތުރެއް ވެސް ބާއްވަން ނިންމައިފަ އެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...
