ލައިސެންސް ނަގަން ދުއްވާ ގަޑި ހަމަކުރަން ނުޖެހޭ ގޮތް ހަދައިފި

އޭދަފުށި ޓައިމްސްޚަބަރު

ޑްރައިވިން ސްކޫލެއް ނުވަތަ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުން ވަކި ވަގުތަކަށް ދުއްވައިގެން ނޫން ގޮތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނުލިބޭ ގޮތަށް އޮތް މާއްދާ އުނިކޮށް، ‘ޑްރައިވިން ސްކޫލް ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު’ އިސްލާހުކޮށްފި އެވެ.

މީގެކުރިން އެ ގަވާއިދުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވަން ދަސްކުރަން ވާނީ، އެ ގަވާއިދުގެ ދަށުން ޑްރައިވިން ސްކޫލް ހިންގުމުގެ ލައިސަންސް ލިބިފައިވާ ޑްރައިވިން ސްކޫލަކުން ނުވަތަ އެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ޑްރައިވިންގ އި ންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

އެހެންނަމަވެސް މިދިޔަ އާދީއްތަ ދުވަހު ގެޒެޓުކުރި އިސްލާހުކުރި ގަވާއިދުގައި އެ މާއްދާތައް ވަނީ އުވާލައިފައެވެ. އަދި އަމިއްލަ ފަރާތްތަކަށް ވެސް ލައިސަންސް ނެގުމުގެ ކަންކަން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި އާއްމު އިންސްޓްރަކްޓަރަކަށް ވެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ހިލާފުވެގެން ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓައިފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް ގަވާއިދުގައިވެއެވެ.

މީގެއިތުރުން ދުއްވަން ދަސްކޮށްދޭ ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބި، ދުއްވުމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި އަދި އާންމު އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންވާނީ، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީން ދޫކުރާ “ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް” ލިބުމަށް ފަހު ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...