އޭދަފުށީގައި 100 ކިނބި ގަސް އިންދައިފި

އޭދަފުށި ޓައިމްސްވާނުވާ

ދުނިޔޭގެ ތިމާވެށިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި މިއަދު 100 ކިނބިގަސް އިންދައިފި އެވެ.

އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މި ގަސްތައް އިންދާފައިވަނީ ރަށް ވަށައިގެންނެވެ.

މިއަދު އިންދި 100 ކިނގި ގަސް ހަދިޔާކުރީ ގޮއިދޫ ކައުންސިލާއި އެރަށޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީންނެވެ.  

އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވި ގޮތުގައި އޭދަފުށީ އަތިރިމަތީގެ ބޮޑު ސަރަހައްދެއްގައި ކިނބި ގަސް އިންދުމަށް ނިންމީ ތިމާވެއްޓާ ބެހޭ މާހިރުންގެ ލަފައާއެކު އެއީ އަވަހަށް ހެދި ބިޔަވާ، ހިޔާ ބޮޑު ގަހަކަށް ވާތީ އެވެ.

ފާތިހު ވިދާޅުވި ގޮތުގައި މިއަދު މި ގަސްތަކަށް ކޮންމެ ދުވަހަކުވެސް ފެންދީ ގަސްތައް ރޯވެ، ރަނގަޅަށް ހެދިގަތުމާ ހަމައަށް ކައުންސިލުން ބަލަހައްޓަމުން ގެންދާނެ އެވެ.  

ފެހިކަން ވަރަށް ބޮޑަށް ގެއްލިފައި އޮތް އޭދަފުށި ފެހިތަނަކަށް ހަދަން ކުރީގެ ކައުންސިލުތަކުންނާއި ކްލަބް ޖަމިއްޔާތަކުން ވެސް ގަސް އިންދުމުގެ ޕްރޮގުރާމްތައް ހިންގި އެވެ. ނަމަވެސް، ކޮންމެ ފަހަރަކު އެ މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ވަނީ އަޅާނުލާ ދޫކޮށްލައިފަ އެވެ.

ތިމާވެށިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ އަތޮޅު ކައުންސިލުން ވަނީ މި އަތޮޅުގެ ބައެއް ފިނޮޅުތައް ފެހިކުރުމުގެ ގޮތުން ރުއްގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...