ކެންދޫ ހިމާޔަތް ކުރަން ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް ގެންގޮސްފި

ތޯރިގް އަބްދުއްރަހުމާނުއަތޮޅުތެރެއިން

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް އެރަށަށް ގެންގޮސްފި އެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން މިއަދު ބުނީ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ.

39.9 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބްރޭކްވޯޓާ އާއި، 90 މީޓަރުގެ ދެ ގްރޮއިން ހަދާނެ އެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާ އެކު 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރާނެ އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ނޮވެމްބަރު 25, 2021 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...