މި ސަރުކާރުން އޮތީ އޭދަފުށި ބާކީކޮށްލާފައި: ނަޝީދު

ޚަބަރު
ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން، “ފިކުރެއްގެ ދިރުން” ފެށުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ — ފޮޓޯ: ނިޝާން އަލީ/މިހާރު

އޭދަފުއްޓަކީ އިގްތިސާދީ ގޮތުން ބޮޑު ރަށެއްކަމަށާއި މިރަށުގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރެއް ނެތުމުން މި ސަރުކާރުން އޮތީ އޭދަފުށި ބާކީކޮށްލާފައި ކަމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުވެއްޖެ އެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަޝީދު އެހެން ވިދާޅުވީ، މިއަދު މެންދުރު ބ. އަތޮޅު އޭދަފުއްޓަށް ވަޑައިގެން އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ނަޝީދު މިއަދު ވިދާޅުވީ އެގޮތަށް އޭދަފުށި ބާކީ ކޮށްލާފައި އޮތުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށާއި، ބުއްދިވެރި ގޮތެއް ވެސް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަނގަޅު ގޮތަކީ ތާއީދު ނެތް ތަންތަނަށް ބޮޑަށް އަޅާލައި އެ މީހުން ރުއްސޭތޯ ބެލުމެވެ.

ނަޝީދު މިއަދު މެންދުރު އޭދަފުއްޓަށް ވަޑައިގަތުމުން މި ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ

“ކުރީ ސަރުކާރުން ވަނީ އޭދަފުށީގެ ބިން ހިއްކާދީފައި. އަޅުގަނޑުމެން ވައުދުވީ ހަ މަސްދުވަހުގެ ތެރޭގައި އެ ބިމުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން. ރައީސް ޔާމީން އޮތީ އެ ބިމުގައި ފްލެޓް އެޅުމަށް ކަންތައްތައް ވެސް ހަމަޖައްސަވާދީފައި، މިއީ ވަރަށް ވިޔާނުދާ ކަމެއް ކުރީ ސަރުކާރުން ކޮށްފައިއޮތް ކަމެއްކަމަށް ބުނެ، އަޅުގަނޑުމެން ވެރިކަމަށް އައިސްފައި އަނެއްކާ ސުމަކުން ފަށާ ފެށުން. އެއްވެސް ހާލެއްގައި އެއީ ގައުމެއްގެ ތަރައްގީ ކުރިއަށްދޭނެ ގޮތެއް ނޫން،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު މެންދުރު އޭދަފުއްޓަށް ވަޑައިގަތުމުން މި ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ

އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއު ނުނިންމާ އޮތުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއާ ދޭތެރޭ ކަންތައްތައް ކޮށްފައި އޮތް ގޮތަކީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މެންބަރުން ބަލައިގަންނަން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުއިއެވެ.

“އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު އެމްޑީޕީގެ ރައީސެއްގެ ގޮތުގައި އޭދަފުށީގެ ރައްޔިޔުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމެއް،”

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އޭދަފުށީގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންގޮސްދޭނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...